ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ އިދިކޮޅު ކެންޑިޑޭޓެއްގެ ނަމެއް އަދި ހާމަވެފައެއް ނުވެއެވެ. ހަ ޕާޓީގެ އިދިކޮޅު އިއްތިހާދަކުން ރިޔާސީ ކެންޑިޑޭޓަކު ހުށަހަޅާފައެއް ނެތެވެ.
ތުރުކީގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ބާއްވާ ތާރީހުގެ ގޮތުގައި މެއި މަހުގެ 14 ކަނޑައަޅައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއުލާން ކުރައްވައިފި އެވެ.
ރައީސް އުރުދުޣާން މިކަން އިއުލާން ކުރެއްވީ ހުޅަނގު އުތުރުގެ ބުރުސާ ޕްރޮވިންސްގައި ބޭއްވި ޒުވާނުންގެ ކޮންފަރެންސެއްގެ ތެރޭގަ އެވެ.
"މެއި މަހުގެ 14 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ފުރަތަމަ ފަހަރަށް ވޯޓުލާ ތިޔަ ބޭފުޅުން، އާދެ، އަޅުގަނޑުމެންގެ އަގު ހުރި ޒުވާނުންނާ އަޅުގަނޑުމެންގެ ކުރިމަގު ހިއްސާކުރަން ކަނޑައެޅިފައިވާތީ މާތްالله އަށް ހަމްދު ކުރަން،" އިންތިހާބުގެ ތާރީހަށް އިޝާރާތް ކުރައްވަމުން އުރުދުޣާން ވިދާޅުވި އެވެ.
ބުރުސާގައި އުރުދުޣާން ވިދާޅުވީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހު ރަސްމީކޮށް އިންތިހާބަށް ގޮވާލާނެ ކަމަށާއި އޭގެ ފަހުން ތުރުކީގެ އެންމެ މަތީ އިންތިހާބުގެ ކައުންސިލުން އިންތިހާބަށް ތައްޔާރުވާން ފަށާނެ ކަމަށެވެ.
އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެ ނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ އިދިކޮޅު ކެންޑިޑޭޓެއްގެ ނަމެއް އަދި ހާމަވެފައެއް ނުވެއެވެ. ހަ ޕާޓީގެ އިދިކޮޅު އިއްތިހާދަކުން ރިޔާސީ ކެންޑިޑޭޓަކު ހުށަހަޅާފައެއް ނެތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ތިންވަނައަށް އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތް ކުރުދީންނަށް ތާއީދުކުރާ ޕާޓީއަކުން އަމިއްލަ ކެންޑިޑޭޓެއް ނެރެފާނެ ކަމަށް ބުނެފައި ވެއެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ތުރުކީގެ އިގްތިސޯދު ދަށަށް ދިއުމާއި މަދަނީ ހައްގުތަކާއި މިނިވަންކަން ގެއްލިގެން ދިއުމުގެ ޒިންމާ އުމުރުފުޅުން 68 އަހަރުގެ އުރުދުޣާނަށް ތުހުމަތުކޮށް އެމަނިކުފާނު އިސްލާހު ކުރައްވާފައިވާ ސަރުކާރުގެ ނިޒާމަކީ "އެކެއްގެ ވެރިކަމެއް" ކަމަށް ބުނާން ފަށާފަ އެވެ.
ތުރުކީގައި 2003 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި އުރުދުޣާން – ފުރަތަމަ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި - ދެން 2014 ވަނަ އަހަރުން ފެށިގެން ރައީސްގެ މަގާމުގައި ހުންނަވާއިރު 2018 ވަނަ އަހަރު ވަނީ ބޮޑުވަޒީރުގެ މަގާމު އުވާލައްވައި، ގިނަ ބާރުތައް ރައީސްގެ އަތްޕުޅަށް ޖަމާ ކުރެވޭ ވެރިކަމުގެ ނިޒާމެއް ތައާރަފް ކުރައްވާފަ އެވެ.