މާފަރު އެއާޕޯޓުގެ ތެޔޮ ފާމް ތައްޔާރުވަނީ؛ މިހާރު ޖެޓަށް ތެޔޮ އެޅޭނެ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު މި އެއާޕޯޓަށް ޝެޑިއުލް ފްލައިޓް ފެށޭވަރެއް ނުވެއެވެ. އޭގެ ފަހުން ކުދިކުދި ކަންކަން ފުރިހަމަކޮށް އެއާޕޯޓް ހުޅުވީ ޑިސެމްބަރު 1، 2019 ގަ އެވެ.

މާފަރު އެއާޕޯޓުގައި ޖެޓުތައް ޕާކުކޮށްފައި: މިހާރު ޖެޓުތަކަށް ތެޔޮ އަޅައި ދޭނެ -- މާފަރު އެއާޕޯޓް

މާފަރު އެއާޕޯޓުގައި އެންމެ ޒަމާނީ ފިއުލްފާމެއް ތައްޔާރު ވަމުންދާއިރު، މިހާރު ވެސް ޖެޓުތަކަށް ތެޔޮ އަޅައި ދިނުމުގެ ހިދުމަތް ފަށައިފި އެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) ގެ އިސް އޮފިޝަލަކު "މި" ނޫހަށް ވިދާޅުވި ގޮތުގައި މަތިންދާ ބޯޓަށް ތެޔޮ އަޅައި ދިނުމުގެ ހިދުމަތާއެކު ތައްޔާރު ކުރާ ފިއުލްފާމް އަންނަ މަހު އެއްކޮށް ނިންމާލެވޭނެ އެވެ. ފިއުލްފާމް ނިމުމަކަށް ދާއިރު މިހާރު ވެސް ޖެޓުތަކަށް ތެޔޮ އެޅުމުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ. 

"މި ވަގުތު ދެ ބައުޒަރު ބޭނުންކޮށްގެން ތެޔޮ އެޅުމުގެ ހިދުމަތް މިދެނީ. އަންނަ މަހު ފިއުލް ފެސިލިޓީއެއްކޮށް ނިމުމާއެކު ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދެވެން ފަށާނެ،" އޮފިޝަލް ވިދާޅުވި އެވެ. 

މާފަރު އެއާޕޯޓްގެ ފާހަގަތައް - މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެމްއައިއޭ އަކީ އަބޫދާބީ ފަންޑުން ހިލޭ އެހީގައި ސިންގަޕޫރުގެ ޓަފް ކުންފުނިން ތަރައްގީ ކުރި އެއާޕޯޓެކެވެ. މި އެއާޕޯޓް ހަދާފައި ވަނީ މި ސަރަހައްދުގެ ރިސޯޓެއް ގަތް އަބޫދާބީގެ ޝާހީ އާއިލާގެ ބޭފުޅެކެވެ.

މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއާ އެކުގަ އެވެ. އޭރު އޮތީ ދެވަނަ ފިޔަވައްސެއް ކުރިއަށް ގެންގޮސްގެން މި އެއާޕޯޓް އިތުރަށް ބޮޑު ކުރާ ގޮތަށެވެ.

މި ސަރުކާރުން ވަނީ މި އެއާޕޯޓުގެ އެކްސްޕެންޝަން މަސައްކަތް ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީއަށް ހަވާލުކޮށްފަ އެވެ. އެ ކުންފުންޏަށް 27.1 މިލިއަން ޑޮލަރަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން 2.2 ކިލޯމީޓަރަށް މިހާރު ހަދާފައިވާ ރަންވޭ 2.85 ކިލޯމީޓަރަށް ބޮޑު ކުރާނެ އެވެ. 

ހުޅުވީ މި ވެރިކަމުގައި - ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު މި އެއާޕޯޓަށް ޝެޑިއުލް ފްލައިޓް ފެށޭވަރު ވެފައެއް ނުވެ އެވެ. އޭގެފަހުން ކުދިކުދި ކަންކަން ފުރިހަމަކޮށް މާފަރު އެއާޕޯޓް ހުޅުވީ ޑިސެމްބަރު 1، 2019 ގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.