ރީބްރޭންޑް ކުރުމުގެ އިތުރުން އާ ދެ ރިސޯޓެއް ވެސް ވިލާއިން ހުޅުވާނެ އެވެ. މީގެ ތެރޭން އެއް ރިސޯޓް ހުޅުވަނީ ރ. މާނެންފުށީގައި ހަދާއިރު މި ބަދަލު ފެންނާން ފަށާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް ވިލާއިން ބުނެ އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އެއް ދިވެހި ހޮޓެލް ބްރޭންޑް ކަމަށްވާ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ރީބްރޭންޑްކޮށް މުޅިންއާ ބްރޭންޑަކާއެކު އަންނަ އަހަރު ނުކުނާނެ އެވެ. މި ބަދަލާއެކު އެ ކުންފުނިން ހިންގާ އެންމެ ދުވަސްވީ ދެ ރިސޯޓް ކަމަށްވާ ޕެރަޑައިސް އައިލެންޑް ރިސޯޓް "ވިލާ ނޯޓިކާ" އަށް އަދި ސަން އައިލެންޑް "ވިލާ ޕާކް" އަށް ބަދަލު ވާނެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޓޫރިޒަމް ކުންފުނި ވިލާ ހޮޓެލްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ރިސޯޓުތައް ރީބްރޭންޑްކޮށް އާ ބްރޭންޑަކާއެކު ނުކުންނާނީ އަންނަ އަހަރުގެ އެޕްރީލް މަހު އެވެ.
ރީބްރޭންޑްކޮށް ގެންނަ މި ބަދަލާއެކު ދުވަސްވީ މި ކުންފުންޏަށް ކިޔަމުން ގެންދާ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ބަދަލުގައި ދެން ކިޔާނީ "ވިލާ ރިސޯޓް" އެވެ. މި ބަދާއެކު ކުލަތައް ބަދަލުވެ ކުންފުނީގެ ލޯގޯ އާއި ވެބްސައިޓް ވެސް އާ ވެގެންދާނެ އެވެ. މިއާއެކު އެ ކުންފުނިން މިހާރު ހިންގާ ހުރިހާ ރިސޯޓެއްގެ ނަން ވެސް ބަދަލު ވާނެ އެވެ.
މި ބަދަލާ ބެހޭ ގޮތުން ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާގެ ކުންފުނިތައް މިހާރު ހިންގަވާ އިބްރާހިމް ސިޔާދު ގާސިމް ވިދާޅުވީ މި ބަދަލާއެކު އޭނާގެ ބައްޕާފުޅު ދިވެހި ބްރޭންޑެއްގެ ގޮތުގައި ތަރައްގީކުރި 40 އަހަރުގެ ޓޫރިޒަމް މަރުކާ އާ ހަރުފަތަކަށް ދަތުރު ކުރާނެ ކަމަށެވެ.
އެ ކުންފުނީގެ ހުންގާނުގައި ހިފައިގެން ހުންނަވަން މިވަގުތު އޭނާއަށް ފުރުސަތު ލިބުމަކީ ލިބި ވަޑައިގެންނެވި ބޮޑު ފަހުރެއްގެ ގޮތުގައި ވެސް ސިޔާދު ސިފަކުރެއްވި އެވެ.
"މިއީ ވާދަވެރި ބަދަލެއް ނޫން. މިއީ އުފެއްދުންތެރިކަން ރަމްޒުކޮދޭނެ ބަދަލެއް. އާ ހަރުފަތަކަށް ކުރިއަށް ގެންދަން ކުރާ އުންމީދެއް،" ސިޔާދު ވިދާޅުވި އެވެ.
މިހާރު އިއުލާނު ކޮށްފައިވާ ބަދަލާއެކު އދ. ހޮލިޑޭ އައިލެންޑް ކޮންމެ ކޮޓަރިއެއްގައި ޕޫލް ހިމެނޭ ގޮތަށް 68 ކޮޓަރިއާއެކު ވިލާގެ އެންމެ މަތީ ރިސޯޓުގެ ގޮތުގައި އަންނަ އަހަރު ހުޅުވާނެ އެވެ. އަދި ކ. ފަން އައިލެންޑް އިތުރަށް ތަރައްގީކޮށް ހުޅުވަން ޕްލޭންކޮށްފައި ވަނީ 2027 ގަ އެވެ. އަދި ރޯޔަލް އައިލެންޑް ހުޅުވަނީ 2025 ގަ އެވެ.
ވިލާ އިން ވަނީ މިހާރު ވެސް 1000 އެނދު ހިންގަމުން ގެންދާ ވިލާގެ ޕޯޓުފޯލިއޯ އަށް އިތުރު އެނދުތަކެއް އިތުރު ކުރަން ނިންމާފަ އެވެ. މިހާރު ތަރައްގީ ކުރަމުން ގެންދަނީ ރ. މާނެންފުށީގައި ހަދާ "ވިލާ އީޑްން" އެވެ. މި ރިސޯޓަކީ ތިމާވެއްޓާ ރަހުމަތްތެެރި ކޮންސެޕްޓެއްގެ ރިސޯޓެކެވެ. އަނެއް ރިސޯޓުގެ ތަފުސީލް އެ ކުންފުނިން އަދި ދީފައެއް ނުވެ އެވެ.
ވިލާގެ މޫނު މައްޗަށް ބޮޑު ބަދަލެއް އަންނާނެ މި ބަދަލު ގެންނަނީ ދުނިޔޭގައި ތިބި މިފަދަ ކަންކަމަށް މަޝްހޫރު މީހުންނާ ހަވާލު ކޮށްގެނެވެ. މި މަސައްކަތް ކުރަނީ ލަންޑަނުގެ ޑިޒައިން ކުންފުންޏަކުންނެވެ.
ވިލާ ބަދަލުވިޔަސް ގާސިމެއް ބަދަލެއް ނުވޭ. މިޖެގޭ ހުރިހާ ކަމެއް ރާއްޖެއަށް ލައިގެންފައި މިއޮތީ ގާސިމާ ހެދި އޭނާ ބަދަލުވާންވީ ފުރަތަމަ އޭ ގެ ފަހުން ރާއްޖޭގެ ވައިވެސް ވިލާ ވެސް ބަދަލުވާނީ