ރިލްވާން މަރާލުން: ކުރީ ސަރުކާރާއި ޔާމީނަށް ބޮޑެތި ތުހުމަތު

ހޯދިފައިވާ ބައެއް މައުލޫމާތުތައް މިއަދު ކޮމިޝަނުން އާންމު ކޮށްފައިވާއިރު، މި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިންނަށެވެ.

އަހުމަދު ރިލްވާން: އޭނާ ގެއްލުވާލި މީހުންނާ ކުރީ ސަރުކާރުގެ އިސްވެރިން ގާތް ގުޅުމެއް އޮންނަ ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފައި

ވީނުވީއެއް ނޭނގި ގެއްލިފައިވާ އަހްމަދު ރިލްވާން އަބްދުﷲ ގެ މައްސަލަ ފަސް އަހަރު ވާންދެން ތަހުގީގު ކުރުމަށް މިއަދު ވަނީ ގެއްލިފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން ރިޕޯޓް އާންމު ކޮށްފަ އެވެ. ހޯދިފައިވާ ބައެއް މައުލޫމާތުތައް މިއަދު ކޮމިޝަނުން އާންމު ކޮށްފައިވާއިރު، މި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިންނަށެވެ. އެމަނިކުފާނަށް މިކަން އެނގި ހުންނަވައި ރިލްވާން ގެއްލުވާލި މީހުންނަށް މަންފާތަކެއް ހޯއްދަވައި ދެއްވި ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

ކޮމިޝަންގެ ޗެއާ ފަރީޝާ އަބްދުﷲ ވިދާޅުވި ގޮތުގައި ރިލްވާން މަރާލުމުގެ ފެށުން އައީ ސޯޝަލް މީޑިއާގައި ތަފާތު ހިޔާލުތަކުގެ މީހުންނާއި ހަރުކަށި ފިކުރުގެ މީހުންނާ ދެމެދު ހިންގަން ފެށުނު ކުރިމަތިލުންތަކެވެ. މި ކަންތައްގަނޑުގެ ތެރޭގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުން ދިޔަ މީހުންނަށް އިންޒާރުތައް ދީ އެމީހުންނަށް ބިރު ދައްކަމުން ބަޔަކު ދިޔަ އެވެ. އެއީ ގޭންގު ކުށުގައި އުޅޭ ބަޔަކާއި ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން އެކުވެގެން ހަދާފައިވާ ބޮޑު ގުރޫޕަކުންނެވެ. އެ ގްރޫޕްގެ މީހުންނާއި އޭރުގެ ސަރުކާރުގެ އިސްވެރިންނާއި، ފަނޑިޔާރުން އަދި ފުލުހުންނާ އޮތް ގާތް ގުޅުމުގެ މައުލޫމާތުތައް ކޮމިޝަނުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

ގްރޫޕް އެކްޓިވްވުމުގެ ކުރިން ކުރީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރި

ފަރީޝާ ވިދާޅުވެފައި ވަނީ މީހުންނަށް ބިރު ދެއްކުމުގެ ކަންކަން ފެށުމުގެ ކުރިން، ދައުލަތުގެ އިސްވެރިންނާ އެ ގުރޫޕުގައި އިސްކޮށް އުޅޭ ދެ މީހުން ބައްދަލުކޮށްފައިވާ ކަމަށެވެ. އެއީ ދައުލަތުން މިހާރު ދައުވާ އުފުލާފައިވާ އަހުމަދު އިސްމާއިލް (ބުރު އަހަނދު) އަދި އަހުމަދު މުއާޒް (ގަޓް މުއާ) އެވެ.

އެގޮތުން މި ދެ މީހުން ދައުލަތުގެ ވަޒީރުންނާ ބައްދަލު ކޮށްފައިވާ ކަމަށާއި އަދި އޭގެ ފަހުން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލު ކޮށްފައިވާ ކަމަށް ފަރީޝާ ވިދާޅުވެފައިވެ އެވެ. މި ބައްދަލުވުންތައް ބޭއްވީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅު އެވެ. ކޮމިޝަންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި ބައްދަލުވުންތަކަށް މަގުފަހި ކޮށްދިން ފަރާތަކީ ހޯމް މިނިސްޓަރުގެ ނައިބު މުހައްމަދު ހާނިމެވެ. މި ދެ ބައްދަލުވުމުގައި ވެސް ހާނިމް ބައިވެރިވެވަޑައިގެންފައިވާ ކަމަށް ފަރީޝާ ވިދާޅުވެފައި ވެއެވެ. މީހުންނަށް ބިރުދައްކާ އަނިޔާކުރަން ފެށީ މި ބައްދަލުވުންތަކުގެ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ގަޓު މުއާ ހޯމް މިނިސްޓަރު އުމަރު ނަސީރާއިއެކު ބޭއްވި ބައްދަލުވުން -- މަރުކޮމިޝަނުން އާންމުކުރި ފޮޓޯ

"މިކަން ހިނގަމުން ދިޔައިރު [މީހުންނަށް ބިރުދައްކާ އިންޒާރު ދެމުން ދިޔައިރު] ދައުލަތުގެ އިދާރާތަކަށް އެ މައުލޫމާތު އެނގޭ އަދި މިކަމުގައި އިސްކޮށް އުޅެނީ މި ދެ މީހުންކަން ވެސް އެނގޭ،" ފަރީޝާ ވިދާޅުވެފައިވެ އެވެ.

ގޭންގުތަކާ ކުރީ ސަރުކާރާ ގާތް ގުޅުމެއް އޮތް

ކޮމިޝަނުގެ ރިޕޯޓުގައި ދެން ފާހަގަ ކޮށްފައިވާ ކަމަކީ ގޭންގުތަކާ ސަރުކާރާ އޮތް ގާތް ގުޅުމެވެ. ގޭންގުތަކުން ސަރުކާރަށް ކޮންދީފައިވާ ކަންކަމާއި އެމީހުންނަށް ސަރުކާރުގެ ފަރާތުން ލިބެމުންދިޔަ މަންފާތަކުގެ ވާހަކަ އެވެ. ރިޕޯޓުގައި ހިމަނާފައިވާ ކަންކަން ހާމަކުރައްވަމުން ފަރީޝާ ވިދާޅުވެފައި ވަނީ ރިހިބިލިޓޭޓް ކުރުމެއް ނެތި 2014 ވަނަ އަހަރު ކްރިމިނަލް ރެކޯޑު އޮތް ގިނަ ޒުވާނުންތަކެއްގެ ކުށުގެ ރެކޯޑު ސަރުކާރުން ފުހެލާފައިވާ ކަމަށެވެ. އެކަން ކުރީ އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ ނަމުގައި ކަމަށާއި، އެކަމަކު ސަރުކާރުގެ މުއައްސަސާތަކުގައި އުޅެމުން އެމީހުން ދިޔައީ ބަރާބަރަށް ގޭންގު ކުށްތަކުގައި ބައިވެރިވަމުން ކަމަށެވެ.

"ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ރާއްޖޭގައި ގޭންގުތަކެއް ނެތް ކަމަށާ، ޒުވާނުންނަށް ނިސްބަތްކޮށް އެއީ ގޭންގުތަކެއްކަން ސިފަވާގޮތަށް ނުބުނެވޭނެ ކަމަށް ވާހަކަ ދައްކާފަވޭ. އަދި އެގޮތަށް ވާހަކަ ދެއްކުވާ ގުޅިގެން ގޭންގުތަކަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ ކަމަށް ވެސް އަޅުގަނޑު ފާހަގަކުރަން،" ފަރީޝާ ވިދާޅުވި އެވެ.

ކޮމިޝަނުގެ އަނެއް ތުހުމަތަކީ ގޭންގުތަކަށް ގިނަ އަދަދަކަށް ފައިސާ ބަހާފައިވާ ކަމެވެ. ގޭންގުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އެ ގްރޫޕްތައް ކުޅިވަރު ކްލަބް ޖަމިއްޔާތަކުގައި ރަޖިސްޓަރީ ކޮށްގެންނެވެ. އޭގެ ބަދަލުގައި އެމީހުން އިންތިހާބުތަކާއި ކެމްޕޭނުތަކުގައި އެހީވެދޭ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

ކުރީގެ ރައީސް ޔާމީން ސުވައިދު އަދި އަޒްލިފް އާއި އިވެންޓަކުން ކުރި ބައްދަލުވުން: އެމީހުންނާއި ކުރީ ސަރުކާރުން ގާތް ގުޅުމެއް އޮންނަ ކަމަށް ކޮމިޝަނުން ވަނީ ތުހުމަތުކޮށްފައި -- ކޮމިޝަނުން އާންމުކުރި ފޮޓޯ

"ސިޔާސީ ފަރާތްތަކަށް ސަޕޯޓް ކޮށްދީ، ސިޔާސީ ކެމްޕޭނުތަކާއި ހަރަކާތްތަށް ހިންގުމަށާއި، ޖަލްސާތައް ބޭއްވުމަށް ގޭންގުތަކުން އެހީތެރިކަން ފޯރުކޮށްދިނުމާ، އަދި މި މީހުން ސަޕޯޓްކުރާ މީހުން ނޫން އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތައް ރޫޅާލުން ފަދަ ކަންކަމުގައި މިމީހުން އުޅޭ،" ފަރީޝާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، ޓެރަރިޒަމްގެ ތުހުމަތުގައި ބަންދުކޮށްގެން ގެންގުޅުނު ދެ މީހަކު މިނިވަން ވެގެން ރައީސް ޔާމީނާ އިވެންޓަކުން ބައްދަލު ކޮށްފައިވާ ފޮޓޯތަކެއް ވެސް މިއަދު ކޮމިޝަނުން ވަނީ ދައްކާލާފަ އެވެ. އެކަކީ ހ. ހިލްޓަން، އަޒްްލިފް ރައޫފް އެވެ. އަނެއް މީހަކީ ރިލްވާން ގެއްލުނު ރޭ އޭނާއަށް ފާރަލީ ކަމުގެ ތުހުމަތު އޮތް ސ. ހުޅުދޫ، އަތިރިއާގެ، މުހައްމަދު ސުވައިދެވެ. އޭނާ ވަނީ ސީރިއާގައި މަރުވެފަ އެވެ. މި ދެ މީހުން ސަލާމަތްވީ މި މީހުންނާއި ފަނޑިޔާރުންނާ ވެސް ގާތް ގުޅުމެއް އޮތުމުން ކަމަށް ފަރީޝާ ފާހަގަކުރައްވާފައިވެ އެވެ.

".... އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ސަލާމަތްކުރަން ވެގެން އެމީހުންގެ ތެރޭގައި ތުހުމަތު ކުރެވޭ އެހެން މީހަކު އޭރުގެ ދައުލަތުގެ އިސްވެރިއަކަށް މެސެޖު ކުރީމަ އެމެސެޖު ކްރިމިނަލް ކޯޓަށް ފޮނުވައިގެން އެމީހުން ސަލާމަތް ކޮށްފައިވާކަން ވެސް ފާހަގަކުރެވޭ،" އެމީހުންނާއި ސަރުކާރާ އޮތް ގުޅުން އަންގައިދިނުމުގެ ގޮތުން ފަރީޝާ ވިދާޅުވެފައިވެ އެވެ.

ރިލްވާން މަރުވިކަން ރައީސް ޔާމީނަށް މާ ކުރިން އެނގޭ

މި މައްސަލައިގައި ސީދާ ރައީސް ޔާމީން ބައިވެރިވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވެފައި ވަނީ ރިލްވާން ގެއްލުވާލި މައްސަލައިގައި ހިމެނޭ ތ. އޮމަދޫ، މުހައްމަދު މުނާޒް ޔާމީނާ ބައްދަލު ކުރެއްވި ކަމަށެވެ. ރިލްވާން މަރަން ކަންތައް ކުރި ގޮތާއި ޝާމިލްވި މީހުން، އޭނާ ނުހިމެނޭ ގޮތަށް މުނާޒް ޔާމީނަށް ކިޔައި ދީފައިވާ ކަމަށް ތަހުގީގަށް ހޯދިފައިވެ އެވެ. މުނާޒް ސީރިއާއަށް ފޮނުވީ ވެސް ޔާމީން ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. އޭނާ މިހާރު ވަނީ ސީރިއާގައި ހަނގުރާމަ ކުރަނިކޮށް މަރުވެފަ އެވެ.

"ރިލްވާން ގަދަ ކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލާފައިވާ މައްސަލާގައި ފުލުހުން ހިންގި ތަހުގީގުގައި ހައްޔަރުކުރި ބައެއް ފަރާތްތައް ބަންދުން ދޫކޮށްލުމަށް ސަރުކާރުގެ އިސްވެރިން މަސައްކަތް ކުރައްވާފައިވާކަން ފާހަގަކުރެވޭ. އަދި އެއަމަލު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާ، ސަރުކާރުގެ އިސްވެރިންނާ ގާތް ގުޅުމެއް އޮންނަކަން ފާހަގަކުރެވޭ. އެގޮތުން ތ. އޮމަދޫ، މުހައްމަދު މުނާޒް ސީރިއާއަށް ފުރުމުގެ ކުރިން އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް ރިލްވާން ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް މަރައިލި ގޮތާ އެކަން ހިންގި މީހުން ރައީސުލްޖުމްހޫރިއްޔާއަށް ކިޔައިދީފައިވާކަން ތަހުގީގަށް ހާމަވެފައިވޭ،" މިސްބާހު ވިދާޅުވެފައިވެ އެވެ.

މަރު ކޮމިޝަންގެ ޗެއާ ފަރީޝާ އަބްދުﷲ ނޫސްވެރީންނަށް މައުލޫމާތު ދެއްވަނީ: ރިލްވާންގެ ކަރުބުރިކޮށްލައި މަރާލާފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން ބުނޭ

މިސްބާހު ވިދާޅުވެފައި ވަނީ ކޮމިޝަންގެ ތަހުގީގަށް މި މައުލޫމާތު ދީފައި ވަނީ މުނާޒް އާއި ވަރަށް ގާތް މީހެއް ކަމަށެވެ. އެ މީހާއަކީ މުނާޒް ސީރިއާއަށް ދިއުމަށް ރެކްރޫޓްކުރި ފަރާތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރުގެ ކެމްޕޭނުގެ ތެރޭގައި ރިލްވާން މަރުވެފައިވާ ކަމަށް ހުދު ޔާމީން ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އެކަމަކު ފަހުން އެ ސްޓޭޓްމެންޓް ޔާމީން ބަދަލު ކުރެއްވި ކަމަށެވެ. މި މައްސަލައިގައި ކުރީ ސަރުކާރުގެ އިސްވެރިންގެ ބައިވެރިވުން އެކަށީގެންވާ މިންވަރަށް އޮތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ތަހުގީގު ފުރިހަމަކުރި ނަމަވެސް، ދައުވާ ކުރުމާމެދު ގޮތް ނިންމާނީ ކޮމިޝަނުން ނޫން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރިލްވާން ގެއްލުވާލި ހާދިސާގައި ސަރުކާރުގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ރިލްވާން ގެއްލުމުގެ ތިން މަސް ކުރިން، އޭނާ އަށް ބަޔަކު ބިރުދައްކާތީ އޭނާގެ ފޯނު އިންޓަސެޕްޓްކޮށްފައިވެ އެވެ.

"ފޯނު އިންޓަސެޕްޓްކޮށްފަ ވަނީ ސޯޝަލް މީޑިއާއާއި މިނިވަން ނޫހުގައި ލިޔަމުން ދިޔަ ލިޔުންތަކުގެ ސަބަބުން ހަރުކަށި ފިކުރުގެ ފަރާތްތަކުން ރިލްވާނަށް ނުރައްކަލެއް ކޮށްފާނެ ކަމަށް ބަލައިގެން އެ ސަބަބަށްޓަކާ. ކޯޓު އަމުރެއްގެ ދަށުން 23 އެޕްރީލް މަހުން ފެށިގެން ތިން މަސް ދުވަހަށް އިންޓަސެޕްޓްކޮށް ރެކޮޑުކޮށްފައިވާކަން ތަހުގީގަށް ހާމަވޭ. އެ އަމުރުގެ މުއްދަތު ހަމަވީ ރިލްވާން ވީނުވީއެއް ނޭންގި ގެއްލުނު ހާދިސާ ހިނގުމުގެ 17 ވަރަކަށް ދުވަސް ކުރިން. އެހެންކަމުން ހަގީގަތުގައި ރިލްވާނަށް ބައެއްގެ ފަރާތުން ގެއްލުމެއް ނުރައްކަލެއް އޮތްކަން މިއޮތީ ފާހަގަކުރެވިފަ،" ފުލުހުންގެ އިހުމާލު އޮތްވަރު ހާމަކޮށްދެއްވަމުން ފަރީޝާ ވިދާޅުވެފައިވެ އެވެ.

ކޮމިޝަނުގެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ރިލްވާނަށް ނުރައްކާ އޮތްކަން އެނގި ތިބެ ސަރުކާރުންނާއި ފުލުހުން އަޅައިނުލާ ދޫކޮށްލާފައިވާ ކަމެވެ. އަދި ސޯޝަލް މީޑިއާގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން އެ ގޭންގުން މީހުންނަށް ބިރުދައްކާކަން އެނގިތިބެ ފުލުހުން އަޅާ ނުލި ވާހަކަ އެވެ. އޭގެ ތެރެއިން އެމީހުންގެ އެއް ޓާގެޓަކީ ރިލްވާނެވެ. ރިލްވާނަށް ބިރުދައްކާ އިންޒާރު ދޭކަން އޭނާ ގެއްލުމުގެ މާ ކުރިން ފުލުހުންނަށް އެނގޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މިކަމުގައި ޝާމިލްވާ މީހުންނަށް ދައުވާ ކުރުމުގެ ބާރު އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އަތްޕުޅުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.