ދުވާލަކު އަންނަ ޓޫރިސްޓުން 6،000 އަށް، ދެކުނު ކޮރެއާ ގަދަ 10 އަކަށް

ކުރިއަށް އޮތީ ދިވެހި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ސީޒަން ދުވަސް ވަރެވެ. މިހާރު އެވްރެޖްކޮށް ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ 65 ޕަސެންޓުގަ އެވެ.

ރާއްޖެއަށް މިއަހަރު އައި އެއް މިލިޔަން ވަނަ ޓޫރިސްޓް އަންހެން މީހާ އާއި އޭނާގެ ބައިވެރިޔާ -- ފޮޓޯ: އިމިގްރޭޝަން

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދުވާލަކު 6،000 އަށްވުރެ އިތުރުވެ، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ލިސްޓަށް ދެކުނު ކޮރެއާ އަރައިފި އެވެ. މިއީ ކޮވިޑަށް ފަހު ދެކުނު ކޮރެއާގެ ޓޫރިސްޓުން މި ނިސްްބަތަށް އިތުރުވި ފުރަތަމަ ފަހަރެވެ. އޭގެ ކުރީން 2019 ވަނަ އަހަރާ ހަމަށް ވެސް ދެކުނު ކޮރެއާއިން އަންނަ ޓޫރިސްޓުން ގިނަ އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އެންމެ ބޮޑު ޕަސެންޓް އެތެރެވާ ވައިގެ ބަނދަރު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖަރު ޓާމިނަލް އޮޕަރޭޝަން އިބްރާހިމް ހުސައިން މިއަދު ވިދާޅުވި ގޮތުގައި އާދިއްތަ ދުވަހާއި ހޮނިހިރު ދުވަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 6،000 އަށްވުރެ އިތުރުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާދިއްތަ ދުވަހު އިންޓަނޭޝަނަލް 80 މޫވްމެންޓެއް ރެކޯޑް ކުރެވިފައި ވެއެވެ. ޓޫރިޒަމްގެ މައި ސީޒަން ފެށެން ތައްޔާރު ވަމުންދާތީ އިއްޔެ އެކަނި ހަތް ޖެޓެއް ރާއްޖެ އައިސްފައި ވެއެވެ. މިހާރު ޓޫރިސްޓުން އިތުރުވަމުންދާ ގޮތަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ޓޫރިޒަމް އެރައިވަލްގެ ގަދަ 10 އަކަށް ދެކުނު ކޮރެއާ އެރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ތަފާސް ހިސާބުތައް ދައްކާ އެ މުއްދަތާ ހަމައަށް 1,451,809 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ. މި އަދަދަކީ މިހާތަނަށް ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން ޒިޔާރަތް ކުރި 2019 ވަނަ އަހަރު އައި 1,493,176 ޓޫރިސްޓުންނާ އަޅާބަލާނަމަ 2.8 ޕަސެންޓް ދަށްވު މެކެވެ. ނަމަވެސް މިދިޔަ އަހަރު އައި 1,117,623 ޓޫރިސްޓުންނާ އަޅާ ބަލާނަމަ 29 ޕަސެންޓުގެ އިތުރު ވުމެކެވެ.

ސަރުކާރުން ވަނީ މި އަހަރު 1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ބުނެފަ އެވެ. މިހާރު ހިސާބުތައް ދައްކާ ގޮތުން މި އަދަދު ހަމަވާނީ އަންނަ މަހުގެ ފަހުކޮޅު އެވެ. މި އަދަދު ހަމަވާން ބޭނުން ވަނީ ޖުމްލަ 148,191 ޓޫރިސްޓުންނެވެ. މި އަދަދު ހަމަވާނީ އަންނަ މަހުގެ ކޮންމެ ދުވަހަކު އެވްރެޖުކޮށް 4,939 ޓޫރިސްޓުން އައިސްގެނެވެ.

1.6 ހަމަވާނީ އަންނަ މަހު މެދަށް

  •  ޖުމްލަ ބޭނުންވާނީ 148,191 ޓޫރިސްޓުން
  •  މި އަދަދު ހަމަވާނީ ދުވާލަކު 4,939 މީހުން އައިސްގެން

ކުރިއަށް އޮތީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދުވަސް ވަރެވެ. މިހާރު އެވްރެޖްކޮށް ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ 65 ޕަސެންޓުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.