މަޖިލީހަށް 99މިލިއަން ޔޫރޯގެ ބްލޫސްޓޯނެއް؛ ހަގީގަތަކީ ކޮބާ؟

ކުއްލިއަކަށް ބްލޫސްޓޯން ކިޔާ ކުންފުންޏަކުން ގިނަ ބައިވަރު ފައިސާ ތަކެއް ރާއްޖެއަށް އެތެރެކޮށް ނުލެވިގެން ބޮޑު މައްސަލައެއް މަޖިލީހަށް ވައްދައިގެން އުޅެނީ ކީއް ވެގެން ހެއްޔެވެ؟ މި މައްސަލާގައި އެއްވެސް އަސްލެއް އޮތް މައްސަލައެއް ހެއްޔެވެ؟

ބައެއް ފަހަރު އޮޅުވާލައިގެން ބޮޑެތި ޖަރީމާތައް މަޖިލީހުގެ ތެރެއިން ވެސް ހިންގާނެ ފުރުސަތު ހޯދާފައި ހުރޭ

މިދިޔަ ހަފުތާއަކީ މަޖިލީހުގައި ވަރަށް "ހޫނު" ހަފުތާއެކެވެ. ހޫނު ގަދަވީ ޓެކުސް ބޮޑު ކުރުމާއި އަންނަ އަހަރަށް އޮތް ބޮޑު ބަޖެޓްގެ ބަހުސްތަކާ ހެދި އެވެ. އެވެ. މި ދެ ބަހުސްގެ މެދު ތެރެއިން ތަފާތު އެހެން ކަމެއް ވެސް ހިނގި އެވެ. އެއީ އާއްމުކޮށް މަޖިލީހުގައި މިފަހުން ނުފެންނަ ވެސް މައްސަލައެކެވެ. މި މައްސަލަ ކްލިކްވީ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު "ކުރެއްވި" ކަމަކަކުންނެވެ. އޭނާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ބްލޫސްޓޯން ކެޕިޓަޕް ޕްރައިވެޓް ލިމިޓެޑްގެ ދަށުގައި އޮތް ބްލޫސްޓޯން ކެޕިޓަލް ފައިނޭންސިން ކިޔާ ކުންފުންޏަކުން ރާއްޖެއަށް އިންވެސްޓް ކުރަން ގެންނަ އުޅުނު އެތައް މިލިއަން ޔޫރޯއެއް އެތެރެ ނުވެގެން އުޅެނީ ގައުމީ ބޭންކުން / ބީއެމްއެލުން އެ ފައިސާ ހިފަހައްޓައިގެން އުޅޭތީ ކަމަށް އެނގިފައިވަ ކަމަށް ވިދާޅުވެފައި ވެއެވެ.

މި މައްސަލާގައި އެ ބޭންކުގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމެޓީ އަށް ހާޒިރުކޮށް ސުވާލު ވެސް ކުރި އެވެ. ކުއްލި ގޮތަކަށް މަޖިލީހުގެ ތަޅުމަށް ފުންމާލި ބްލޫ ސްޓޯންގެ ކޮންމެވެސް ހަގީގަތެއް ވާނެ އެވެ. އަދި ބްލޫ ސްޓޯނެއްގެ ވާހަކަ ފެންމަތިވި ސަބަބެއް ވެސް އޮންނާނެ އެވެ. އެ ބްލޫ ސްޓޯން އިން ރާއްޖެ އެތެރެ ކުރަން އުޅުނު ފައިސާގެ އަދަދެއް ވެސް އޮންނާން ވާނެ އެވެ.

"އަޅުގަނޑު ވެސް މި ހުރީ ހަމަ ހައިރާންވެފަ، މިހާބޮޑު އަދަދެއް ކުއްލިއަކަށް އަމިއްލަ ފަރާތަކުން އެތެރެ ކުރަން ބޭނުން ވެގެން އުޅުމުން! މިއީ ހިއުޖް އެމައުންޓް އޮފް މަނީ،" ބޭންކްގެ ވެރިން ހާޒިރުކޮށް ސުވާލުކުރި ކޮމެޓީގައި އިންނެވި މެންބަރަކު ނަން ނުޖެހުމަށް އެދި ވަޑައިގެން ވިދާޅުވި އެވެ.

"މި" ނޫހުން ބެލިބެލުމުން އެނގުނު ގޮތުގައި މި މައްސަލަ ނިސްބަތްވާ ބްލޫސްޓޯން ކެޕިޓަޕް ޕްރައިވެޓް ލިމިޓެޑަކީ މި އަހަރުގެ ފެބްރުއަރީ މަހު ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އިންނެވީ އިބްރާހިމް ހަލީލް ކިޔާ ބޭފުޅެކެވެ. ދެން ބޯޑުގައި އިންނަވަނީ އަހުމަދެކެވެ. އިކޮނޮމިކް މިިނިސްޓްރީން ފެންނަ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ކުންފުންޏަކީ ހާއްސަކޮށް އެއްވެސް ވިޔަފާރިއެއް ކުރަން ހުއްދަ ނަގާފައިވާ ކުންފުންޏެއް ވެސް ނޫނެވެ.

ސިޓީގައި އޮތީ ކޮން ވާހަކައެއް

މި އަހަރު އުފެއްދި އެ ކުންފުންޏަކުން މާގިނަ ފައިސާ ތަކެއް ރާއްޖެ އެތެރެ ނުވެގެން ޝަކުވާ ކުރާ ހިސާބަށް ދާން ޖެހުނު ސަބަބެވެ. "މި" ނޫހުން ކުރި މަސައްކަތް ތަކުން މި މައްސަލާގެ އަސްލު ނިސްބަތްވާ ބްލޫސްޓޯން އިން މަޖިލީހަށް ފޮނުވި ސިޓީގެ ކޮޕީއެއް ވަނީ ލިބިފަ އެވެ. މި ސިޓީ މަޖިލީހަށް ފޮނުއްވި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އެކިއެކި "ހާއްސަ ވިޔަފާރި ތަކަށް" އިންވެސްޓް ކުރަން ބީއެމްއެލް މެދުވެރިކޮށް ރާއްޖެ ގެންނަ ފައިސާ ވެރިފަރާތަށް ނާންގައި އަނބުރާ ފޮނުވާލުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ. މި ފަދަ މައްސަލައެއްގެ ގޮތުގައި އޭނާގެ ސިޓީގައި ފާހަގަ ކޮށްފައި ވަނީ "ބްލޫސްޓޯން ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް" އިން ރާއްޖެ އަށް އިންވެސްޓް ކުރަން އެތެރެ ކުރަން އުޅުނު ފައިސާ ތަކެއް އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމަށެވެ. އެ މައްސަލާގައި ބޭންކު ގޮވައިގެން ސުވިޒަލޭންޑުގެ ކޯޓަކަށް ދާން އެ ކުންފުނިން ތައްޔާރު ވަމުންދާ ކަމަށެވެ.

މަޖިލީހަށް ސިޓީ ފޮނުއްވެވި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު

ކޮސްވާވަރުގެ އަދަދެއް؛ 99 މިލިއަން ޔޫރޯ

މި ސިޓީގެ ކޮޕީ ލިބުމާ ގުޅިގެން މި މައްސަލާގެ ހަގީގަތް ބެލުމުން އެނގުނު ގޮތުގައި ބްލޫސްޓޯން އިން އެތެރެ ކުރަން އުޅުނު ފައިސާ ކަމަށް ބުނާ ފައިސާގެ އަދަދު ޖުމްލަ 90 މިލިއަން ޔޫރޯ ނުވަތަ 1.4 ބިލިއަން ރުފިޔާ އަށް ވުރެ މައްޗެވެ. އެ އަދަދަކީ ރާއްޖޭގައި އެންމެ ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައި ތިބި ފަރާތް ތަކަށް ނޫނީ އެތެރެ ކުރަން ދަތި އަދަދެކެވެ. މިސާލެއްގެ ގޮތުން ބުނާނަމަ މިއީ އާދައިގެ ތިން ރިސޯޓު ހަދާނެ ފައިސާ އެވެ. މިދިޔަ ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ލޯނާއި އެހީ "އޮހުނު އިރު" ވެސް ސަރުކާރަށް އެންމެ މަތިން ވެސް ހޯދިފައިވަނީ 50 މިލިއަން ޔޫރޯ އެވެ. އެހެންވެ މި އަދަދަށް ފައިސާ ރާއްޖޭގައި ރަޖިސްޓްރީކޮށްލާ ކުންފުންޏަކަށް ދީފާނެތޯ ސުވާލު އުފެދެ އެވެ.

މި ސުވާލު މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ތިއްބަވާ މެންބަރުން ވެސް ކުރައްވަ އެވެ. "މި" ނޫހަށް މައުލޫމާތު ދެއްވި އެ ކޮމެޓީގެ މެންބަރަކު ވިދާޅުވި ގޮތުގައި ބޮޑަށް ބެލެވެނި އެ ފައިސާގެ މައްސަލައަކީ "ފޭކެއް" ގެ ގޮތުގަ އެވެ. އަދި އެއީ އެއްވެސް އަސްލެއް ނެތް މައްސަލައެއްގެ ގޮތުގަ އެވެ.

"ބޭންކުން ކޮމެޓީގައި ބުނެފައި އެބަައޮތް އެފަދަ ފައިސާއެއް ލިބިފައި ނެތް ކަމަށް،" މަޖިލީހުގެ އެ މެންބަރުގެ ނަން ހާމަ ނުކުރަން އެދި ވިދާޅުވި އެވެ. "އޭގެ ފަހުން ވެސް އެ މައްސަަލަ ލައިދޭން މެންބަރު [މުލަކު ދާއިރާގެ މެންބަރު] އެދުނު. އެކަމަކު މިއީ ރަނގަޅު މައްސަލައެއްގެ ގޮތުގައި ނުފެނޭ."

ލައިވްގައި ބީއެމްއެލް: ފައިސާއެއް ނުލިބޭ

ބްލޫސްޓޯން ކިޔާ މި ކުންފުނިން 90 މިލިއަން ޔޫރޯ ރާއްޖެ އެތެރެ ކުރަން އުޅެ، ނުވެގެން މަޖިލީހުގެ ކޮމެޓީއަށް ބޭންކް ހާޒިރުކޮށް ބޭންކާ ސުވާލު ކުރި ކޮމެޓީއަކީ ލައިވް ކުރި ކޮމެޓީ އެކެވެ. އެ ކޮމެޓީގައި އެފަދަ ފައިސާއެއް ރާއްޖެ އެތެރެ ކުރަން އޮންނަ ޕްރޮސެސް އާއި އެކަން ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތް ވަރަށް ތަފުސީލުކޮށް ބޭންކުން ކިޔައި ދިނެވެ.

އެ ކޮމެޓީގައި ބޭންކުގެ ފަރާތުން ވާހަކަ ދައްކަވަމުން ޗީފް ކޮމްޕެއިންސް އޮފިސަރު މަރިޔަމް ހަމީދު ވިދާޅުވި ގޮތުގައި މަޖިލީހަށް ފޮނުވި މައްސަލާގައި ސްވިފްޓް މެސެޖު ވެސް ލިބިފައެއް ނެތެވެ.

"ބޭރުން ފައިސާ އަންނަ ނަމަ ފުރަތަމަ ސްވިފްޓް މެސެޖް [ދެ ބޭންކުގެ ދެމެދުގައި މުއާމަލާތް ކުރާ ސިސްޓަމް މެސެޖް] އެއް އަޅުގަނޑުމެންނަށް [ބީއެމްއެލް] އަށް ރިސީވް ވާނީ. މިއީ އިންސްޓެންޓްލީ ރިސީވާވާ މެސެޖެއް. މެސެޖު ރިސީވްވުމާއެކުގައި އަޅުގަނޑުމެންގެ ނޮސްރޯ އެކައުންޓް [ބޭރުން ފައިސާ ވަންނަ ބޭންކުގެ އެކައުންޓް] އަށްވެސް އެ ފައިސާ ވަދެފަ ހުންނާނީ. ދެން ކަސްޓަމާގެ ޕްރޮފައިލްއާ އެއްގޮތަށް ބޭނުންވާ ޑޮކިއުމެންޓްތައް ކްރެޑިޓް ކޮށްލާނީ،" މަރިޔަމް ވިދާޅުވި އެވެ. "ފާހަގަ ކޮށްލާފައިވާ މައްސަލާގައި އަޅުގަނޑުމެންނަށް ސްވިފްޓް މެސެޖެއް ވެސް ނުލިބޭ."

ބްލޫސްޓޯން ކެޕިޓަލް ކުންފުނީގެ ޕްރޮފައިލް

ފައިސާ އެތެރެ ކުރަން އޮންނަ ޕްރޮސެސް

  •  ފުރަތަމަ ސްވިފްޓް މެސެޖެއް
  •  މެސެޖާއެކު ބީއެމްއެލް ނޮސްރޯ އެކައުންޓަށް ފައިސާ ވަންނާނެ
  •  ކުންފުނި ޕްރޮފައިލް ބަލާނެ
  •  ޑޮކިއުމެންޓްތައް ހަމަކޮށްފައި ފައިސާ ދޫކުރާނެ

މިލިއަން ޔޫރޯ ހިމެނޭ ސްކޭމް މަޅިއެއް

މަޖިލީހުގެ ތަޅުމަށް ފުންމާލި ބްލޫސްޓޯންގެ މައްސާގައި ކަންވެފައިވާ ގޮތަށް ބަލާއިރު މިއީ ދުނިޔޭގައި ހިނގާ އާއްމު ބާވަތްތަކުގެ "ސްކޭމް" އެއްގެ ގޮތުގައި ބެލެވެ އެވެ. "މި" ނޫހަށް އެނގިފައިވާ ގޮތުގައި މި މައްސާގައި ހުށަހަޅާފައިވާ ޑޮކިއުމެންޓް ތަކުގައި އެއްވެސް އަސްލެއް ނެތެވެ. އެހެންވެ ބެލެވެނީ މި ކަމަކީ ބޭރުގެ ބޮޑު ސްކޭމްއެއްގެ ގޮތުގަ އެވެ. މި މަފަދަ ބޮޑެތި މައްސަލަތަކުން ބޮޑެތި އަދަދުތަކުން ފައިސާ ގެއްލެމުން ދާއިރު މިއީ ވެސް މި ފަދަ މައްސަލައެއްގެ ގޮތުގައި މި ފަދަ މައްސަލަތަކުގެ ތަޖުރިބާކާރުން ގަބޫލު ކުރައްވަ އެވެ.

މަސްލަހަތާއިގެން ހިނގުން؛ ކޮރަޕްޝަން

މި މައްސަލާގައި ފެންނަ އެއް ކަމަކީ ރާއްޖޭގައި ކުރި ސާވޭތަކުގައި ވެސް ރައްޔިތުން ގަބޫލު ކޮށްފައިވާ ގޮތެވެ. މީގެ ކުރިން ކުރި ސާވޭތަކުގައި ގިނަ އާއްމުން ގަބޫލު ކުރަނީ ކޮރަޕްޝަން އެންމެ މަތީ އެއް ތަނަކީ މަޖިލީހެވެ. މި މައްސަލާ ގުޅިގެން ވެސް ސިޓީ ހިފައިގެން އެތަށް ބަޔަކާ ބައްދަލު ކުރި އެވެ. މި ވަރަށް 99 މިލިއަން ޔޫރޯއެއްގެ ކަންކަމުގައި ހިނގުމަކީ މަސްލަހަތު ފުށުއަރާ ކަމަކަށް ނުވާނެ ހެއްޔެވެ؟ މަޖިލީސް މެންބަރުން ސިޓީ ހިފައިގެން ތިމަންނާއަށް މައުލޫމާތު ލިބިއްޖެއޭ ބަޔަކު ފައިސާ ގެންނަ އުޅެނިކޮށް ނުގެނެވިގެން އުޅެއޭ ބުނެ އެކަމާ ހިނގާނަމަ އެއީ ކޮރަޕްޝަން ނޫން ދެން އެހެން ކޮން އެއްޗެއް ހެއްޔެވެ؟ މިއީ "ޒީރޯ ޓޮލޮރެންސް" އޮންނަން ޖެހޭ ކަމެކެވެ. އެންމެ ހޫނުގަޑީގައި ބްލޫސްޓޯންއެއް މަޖިލީހުގެ ތަޅުމަށް ފުންމާލުމުން އުފެދެނީ އެ ސުވާލެވެ. މިއަށް ޖަވާބު ދޭނީ ރައްޔިތުންނެވެ.

ކޮމެންޓް

1
450
އެނޮނިމަސް
1 year ago

ބްލޫ ސްޓޯން ތޯ ނޫނީ ބްލެކް ސްޓޯން ތޯ؟ ހަބަރު ގަ މަދުވާ ވަރައް ބައިވަރު ކަންކަން އެބަހުރި.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.