ފާޑެއްގެ ހިސޯރެއްވެ މަރުކަޒީ ބޭންކް މަގުސަދާ ދުރަށް

ސަރުކާރުން ހަމައެކަނި ބުނަނީ އިޝްރާފު މަދު ކުރަން އާސަންދަ ހަރަދު ކުޑަކޮށް، ސަބްސީޑީއަކީ ޓާގެޓެޑް އެއްޗަކަށް ހަދާށެވެ. ހަމައެކަނި ކުރަން އޮތް ކަމަކީ އެއީ ހެއްޔެވެ؟ ސަރުކާރުގެ މިނިސްޓްރީތަކު ތެރޭ އިތުރުވާ ބޭކާރު އިޝްރާފުތައް ކޮބާހެއްޔެވެ؟

އެމްއެމްއޭއަކީ މިނިވަން ކަމާއެކު ހިނގަންޖެހޭ މަރުކަޒީ ބޭންކް ނަމަވެސް ކަންކަން ބައްޓަންވެފައި އޮންނަ ގޮތުން އެ ގޮތަކަށް ނުހިނގާ

ދެހާސް ހަތެއްގެ ކުރީގައި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރަކީ ވެސް ފިނޭންސް މިނިސްޓަރަކީ ވެސް އެއް ބޭފުޅެކެވެ. އޭރުގެ ގާނޫނު ތަކުން ބާރު ދެނީ ފިނޭންސް މިނިސްޓަރު ކަމާއި ގަވަނަރުކަން ވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު ފުރުއްވާށެވެ. އެހެންވެ ގަވަރުނަރަކީ ވެސް އޭރު ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ނޫޓުތަކުގައި ސޮއި ކުރައްވަނީ ވެސް ރައީސެވެ. ނަމަވެސް މަރުކަޒީ ބޭންކް، މުސްތަގިއްލު ކުރަން ގައުމުގެ މާލީ ދާއިރާ "ހިފެއްޓުމުގެ ފުރިހަމަ ބާރު" ދިނުމުގެ ގޮތުން 1981 އިން ފެށިގެން އަމަލު ކުރަމުން ދިޔަ އެމްއެމްއޭގެ ގާނޫނު އިސްލާހުކޮށް މަރުކަޒީ ބޭންކަކީ ވަކިން ހިންގާ މިނިވަން ތަނަކަށް ބަދަލު ކުރި އެވެ. އެ ބަދަލަށް އަހަރުތައް ވެގެން ދިޔަ ނަމަވެސް މިހާރު ވެސް އެމްއެމްއޭގެ ހިންގުމުގެ ތެރެއަށް ސަރުކާރުތަކުން އަތް ބޭނުމެއް ނުހުއްޓެވެ. ހަމައެކަނި މިހާރު ފެންނަނީ ތަފާތަކީ ކުރިން އުމަރު ޝޮޕިން އާކޭޑް ހުރި އިމާރާތުގައި ހިންގި މަރުކަޒީ ބޭންކަށް ވަކިން އިމާރާތެއް އަޅައި އެ ތަނަށް ވަކިން މުވައްޒަފުންނައި ގަވަރުނަރެއް ލައިގެން ހިންގުމެވެ. މިހާރު ފެންނަ މަންޒަރަކީ ވެސް ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އެކުވެ ވަށާލައި އެމްއެމްއޭ ހިސޯރު ކޮށްފައިވާ ތަނެވެ.

"ކޮވިޑުގެ ހާލަތުގެ ސަބަބުން އިގްތިސޯދު ހީނަރުވެ އާމްދަނީ ހޯދާނެ ގޮތެއް ނެތިގެން ފިސްކަލް ރެސްޕޮންސިބިލި ގާނޫނުގެ ބައެއް ސަސްޕެންޑް ކޮށްފައި އޭރު ދިނީ. އޭރުގެ ހާލަތަށް ބަލާނަމަ އެކަން ގަބޫލު ކުރެވިދާނެ. ނަމަވެސް އޭގެ ފަހުން މިހާރު މި ފެންނަނީ ކޮންމެ ފަހަރަކު މަރުކަޒީ ބޭންކުން މަޖިލީހާއި ސަރުކާރުން ބޭނުންވާ ގޮތަށް ފައިސާ ޗާޕު ކޮށްދޭތަން،" ކުރިން އެމްއެމްއޭގެ އިސް މަގާމުތަކެއް ފުރުއްވި އިގްތިސޯދި މާހިރަކު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓްގެ ބަހުސް މަޖިލީހުގައި ކުރިއަށް ދާއިރު، މިހާރު ފެންނަން މަންޒަރަކީ ރައްޔިތުން މަޖިލީހާއި ސަރުކާރާ ދެމެދު މަރުކަޒީ ބޭންކް ރަނގަޅަށް ތާށިވެފައި އޮތް ތަނެވެ. ބައެއް މެންބަރުން މަރުކަޒީ ބޭންކަށް "ސަރުކާރު ވައްޓާލަން" އުޅޭކަމުގެ ތުހުމަތު ކުރެއްވި ނަމަވެސް ސަރުކާރާއި މަޖިލީހުން މިހާރު އަމަލު ކުރާ ގޮތުން ރާއްޖޭގައި މަރުކަޒީ ބޭންކެއް ވަކިން ގާނޫނެއްގެ ބާރު ދީގެން އޮތުމުގެ މަގުސަދުތައް ދަނީ ގެއްލެމުން އެއް ފަރާތްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަނީ ހިތު ހުރި ގޮތަށެވެ. ސަރުކާރުން މަރުޒަކީ ބޭންކުގައި އަތް އަޅައިގެން ކޮށްޕަނީ ސަރުކާރު ބޭނުންވާ މަގުސަދުތައް ހާސިލުވާ ގޮތަށެވެ. މިހާރު މިދާ ގޮތަށް ގެންދަން މަރުކަޒީ ބޭންކުގައި ގަވަރުނަރެއް ބަހައްޓައިގެން ބޮޑު މުސާރައެއް ދީ، އެ ބޭންކަށް 200 އަށް ވުރެ ގިނަ މުވައްޒަފުން ލައި، ބޮޑު އިމާރާތެއް ހިންގުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ކޮވިޑުގެ ލުއި ދިން ފަހުން، އެ ގޮތުގައި

ކޮންމެ ގައުމެއްގައި ވެސް މަނީ ސަޕްލައި އާއި އިންޓްރެސްޓް ރޭޓް ހިފެހެއްޓުމުގެ ބާރު އޮންނަނީ ސެންޓްރަލް ބޭންކުގެ އަތްމަތީގަ އެވެ. އެ ތަނަކީ ގިނަ ގައުމެއްގައި މިނިވަން ބޮޑީ އެކެވެ. ކޮވިޑް-19 އާ ގުޅިގެން ގާނޫނުން ބައެއް މަޑުޖައްސާލައި ސަރުކާރަށް ފައިސާ ދޭން ފުރުސަތު އެމްއެމްއޭއިން ދިނީ އެތަނަށް އޮތް ބާރެއް ނަގާފަ އެވެ. އަދި ސަރުކާރުގެ އެދުމަކާއެކު މަރުކަޒީ ބޭންކުން ލޯނުތަކަށް މޮރިޓޯރިއަމް ދިނެވެ. އެ ފަސްކޮށް ދިނެވެ. އެކަމަކު އެއީ "އިމަޖެންސީ" ހާލަތުގައި ކުރި ކަމެވެ.

އޭގެފަހުން ވެސް ދުނިޔެއެއއް މުޅީން ހަމައަކަށް ނޭޅެ އެވެ. އޭގެ ފަހުން އައީ ޔޫކްރޭން -ރަޝިޔާގެ ހަނގުރާމަ އެވެ. އޭގެ ނަތީޖާއަކަށްވީ މަރުކަޒީ ބޭންކަށް ގާނޫނުން ކުރިން ދިން ބާރުގެ މައްޗަށް އަތްގަދަ ކުރަން މައި ސަރުކާރަށާއި މަޖިލީހަށް ފުރުސަތު ލިބުމެވެ. މިހާރުތައް ކަންވަމުންދާ ގޮތުން އިމަޖެންސީގެ ނަމުގައި މަރުކަޒީ ބޭންކުގެ ގާނޫނީ ބާރު މަޑުމަޑުން ސަރުކާރުގެ އަތްމައްޗަށް އެ ދަނީ ބަދަލުވަމުންނެވެ.

ފިނޭންސް މިނިސްޓަރު ބަޖެޓު ކޮމެޓީގައި ދާދިފަހުން ދެއްކެވި ވާހަކަފުޅުން ދޭހަވާ ގޮތުގައި މަރުކަޒީ ބޭންކުން ސަރުކާރަށް ކިތަންމެ ވަރަކަށް ދަރަނި ދިން ނަމަވެސް ދުވަސްކޮޅަކުން އެ މައާފު ކޮށްދޭން ވާނެއެވެ. ފުރަތަމަ އެމްއެމްއޭއިން ނެގީ ލޯނެވެ. އޭގެފަހުން އެ ބޮންޑަކަށް ބަދަލުކޮށް މިހާރު އެ ވިދާޅުވަނީ އެ ބޮންޑުވެސް ނުދައްކައި "ރައިޓް އޯފް" ކޮށްދިނުމަށެވެ.

ބަޖެޓު ކޮމެޓީގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ސަރުކާރަކަށް ވާރުތަ ވަމުން އަންނަ ހަ ބިލިއަން ރުފިޔާގެ ދަރަންޏެއް އެމްއެމްއޭގައި އެބައޮތެވެ. އެ މާފު ކޮށްދޭން ޖެހެ އެވެ.

"ކުރިީއްސުރެން ލެގެސީއެއް ގޮތަށް ވާރުތަވަމުން އަންނަ ދަރަންޏެއް [6 ބިލިއަން ރުފިޔާ] އެބައޮތް. އެހެން ވީމާ ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް އެންމެ ފައިދާ ހުރި ގޮތެއް ކަމަށް ދެކެނީ އެމްއެމްއޭ އާއި މިނިސްޓްރީ އޮފް ފިނޭންސާއި އަޅުގަނޑުމެން މަޖިލީހުން، އެންމެން މަޝްވަރާކޮށްގެން ރައިޓް އޮފް ކުރެވޭނޭ ގޮތެއް ހޯދައި ދޭން،" އަމީރު ވިދާޅުވި އެވެ.

ގަވަރުނަރު ހާޝިމްގެ ލަފާ ބަދަލުވުން

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް -- ސަން އޮންލައިގެ ފޮޓޯއެއް

މިއީ އެންމެ ކަމެކެވެ؛ މި ނޫނަސް މަރުކަޒީ ބޭންކުގެ ހައިބަތު ގެއްލި، ކުރީގެ ގޮތަށް ބަދަލުވަމުންދާކަމުގެ ކިތަންމެ ނިޝާނެއް ދަނީ ފެންނަމުންނެވެ. މި ސުވާލު އުފައްދަން ޖެހޭ ސަބަބަކީ ބަޖެޓު ކޮމެޓީތަކުގައި މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ލަފާ އެކި ފަހަރު އެކި ގޮތަށް ބަދަލުވަމުން ދާތީއާވެސް އެކު އެވެ. އެއިން އެނގެނީ ގަވަރުނަރު މިހާރު އިންނެވީ "ވަރަށް ހޫނު ގޮނޑި" އެއްގައި ކަމެވެ. ނޫނީ ގަވަރުނަރާއި ސަރުކާރަކީ މިހާރު އެކައްޗެކެވެ. ސަރުކާރުން ބޭނުން ވަގުތަކު ބޭނުން ކަމެއް މަރުކަޒީ ބޭންކުން ކޮށްލެވޭނެ އެވެ. މިހާރުގެ މަންޒަރު ދައްކަނީ އެގޮތަށެވެ.

އާއްމުން ރައްޔިތުންގެ ކުރިމަތީގައި ޓެކްސް ބޮޑު ކުރަން މަރުކަޒީ ބޭންކުން ދެކޮޅު ކަމަށް ކުރިން ބުނި ނަމަވެސް އޭގެ ހަފުތާއެއް ފަހުން މުޅި ވާހަކަ ބަދަލުވުމުން ދޭހަވަނީ ވެސް އެކަމެވެ. އެމްއެމްއޭ އިން ޓެކްސް ބޮޑު ކުރަން ރަނގަޅު ވަގުތެއް ނޫން ކަމަށް ލަފާދިނީ، ނޮވެމްބަރު 11 އައުމުގެ ހަފުތާއެއް ކުރީގަ އެވެ. އެކަމަކު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ޖީއެސްޓީ / ޓީޖީއެސްޓީ ބޮޑު ކުރުމުގެ ކަންތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅާއެކު ގަވަރުނަރު ވާހަކަފުޅު ވެސް "ޔޫޓާން" އަކަށް ބަދަލު ވެގެން ދިޔައީ އެވެ.

މި ނޫން ކަންކަމުގައި ވެސް މަރުކަޒީ ބޭންކުގެ ހައިބަތު ގެއްލޭ ފަދަ ގިނަ ކަންތައް ތަކެއް ކުރާތަން މިހާރު ފެނެ އެވެ. އަދި ހޫނު ދިލަ އެމްއެމްއޭގެ ތެރެއަށް އެބަ ވަދެ އެވެ.

އަނެއް ކަމަކީ ބަޖެޓް ހުށަހަޅަން ކައިރިވެފައި ވަނިކޮށް ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ގެ ސުވާލަކަށް އެމްއެމްއޭ އިން ދެއްވާފައިވާ ޖަވާބެކެވެ؛ އެ ޖަވާބުގައި އޮތީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅައިވެސް މިހާރު ހަރަދު މެނޭޖު ކުރެވޭނެ އެވެ. މިހެން އެމްއެމްއޭ އިން ބުނީ ސަރުކާރުގެ ބައެއް ވަޒީރުންގެ ބަސް މަގު ހުރި ގޮތުން ކަމަށް ބެލެވެ އެވެ. ބައެއް ވަޒީރުންގެ ވާހަކަފުޅުން ދޭހަވަނީ އަންނަ އަހަރަކީ އިންތިހާބީ އަހަރަށްވުމުން ވައުދު ފުއްދަން އިތުރަށް ފައިސާ ކޮންމެހެން ވެސް ބޭނުން ވާނެ އެވެ. އެކަމަކު އެމްއެމްއޭގެ ޖަވާބުގައި އޮތީ 2018 ވަނަ އަހަރަކީ ވެސް އިންތިހާބެއް އޮތް އަހަރެއް ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައެއް ނެތެވެ. އޭގެ ފަހުން ފެނިގެން މިދިޔައީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއަށް މި އަހަރުގެ ހަރަދުގެ ބައެއް ކޮށްޕާލައިގެން "ސަޕްލިމެންޓްރީ ބަޖެޓެއް" ގެނައި ތަނެވެ. އެހެންވެ މިހާރު ފެންނަ މަންޒަރުން އަންނަ އަހަރަށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު އަނެއްކާ އިތުރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅާނެ ކަމަށް ގަބޫލު ކުރަން ދަތިކަމެވެ.

ސަރުކާރުން ހަމައެކަނި ބުނާ ވާހަކައަކީ އިޝްރާފު މަދުކުރަން އާސަންދަ ހަރަދު ކުޑަކޮށް، ސަބްސީޑީއަކީ ޓާގެޓެޑް އެއްޗަކަށް ހެދުމެވެ. ހަމައެކަނި ކުރަން އޮތީ އެކަން ހެއްޔެވެ؟ ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރޭގައި އިތުރުވަމުން ދާ ބޭކާރު އިޝްރާފު މަދު ކުރުމުގެ ވިސްނުމެއް ނުގެންގުޅެނީ ކީއްވެގެން ހެއްޔެވެ؟


އެމްއެމްއޭގެ އެއްވެސް ލަފައެއް ގަބޫލެއް ނުކުރެ އެވެ. އަނެއްކާވެސް މި ދަނީ 30 އަހަރުގެ ދިގު ވެރިކަމުގައި ވެސް އޮތް ނިޒާމާ މާ ބޮޑު ތަފާތެއް ނެތް ތަނެކެވެ. ކުރިން ނޫޓުގައި ސޮއި ކުރެއްވީ ރައީސް މައުމޫނެވެ. އޭރު ގަވަރުނަރަކީ ވެސް އެ މަނިކުފާނެވެ. ފިނޭންސް މިނިސްޓަރަކީ ވެސް އެމަނިކުފާނެވެ. މިހާރު ފެންނަ މަންޒަރުން ފިނޭންސް މިނިސްޓަރު ނޫނީ ރައީސުލްޖުމްހޫރިއްޔާ ނޫޓުގައި ސޮއި ކުރެއްވުން ވެސް މައްސަލައެއް ނެތެވެ. ކުރަނީ އެއް ކަމެކެވެ.، ހިނގަނީ އެއްގޮތަކަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.