ނަޝީދު ހިސާބު ޖައްސަވައިފި | ކައުންސިލް އިންތިހާބުގައި ރައީސް މުއިއްޒަށް 20 ޕަސެންޓު

"ރައީސް މުއިއްޒު އަޅުގަނޑު މިރޭ ދެންނެވީމާ ހިސާބު ޖައްސަވާތި، 20 އިންސައްތަ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީއާ އަލުން ގުޅިވަޑައިގެން ނަޝީދު މިރޭ ވާހަކަ ދައްކަވަނީ. --ފޮޓޯ: އޭއެފްޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހޯއްދެވޭނީ ގިނަވެގެން 20 ޕަސެންޓު ކަމަށް، ސަރުކާރަށް ގޮންޖައްސަވައި، އިދިކޮޅު އެމްޑީޕީއާ މިރޭ އަލުން ގުޅިވަޑައިގެންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މްޑީޕީގެ ވެރިކަމުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ އުފެދުނު ހިޔާލުތަފާތުންވުންތަކުގައި، މިދިޔަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް، ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވައި، ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފަ އެވެ.

ދެ އަހަރެއްހާ ދުވަހު އެމްޑީޕީއާ ދުރުގައި ހުންނެވުމަށްފަހު، މިރޭ ރަސްމީކޮށް އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި، ނަޝީދު ވިދާޅުވީ މިރޭ ކުރެއްވެނީ ގިނަ ދުވަސްތަކަކަށްފަހު އެނބުރި ގެއަށް އާދެވުމުން ކުރެވޭ އުފާވެރި އިހުސާސްތަކެއް ކަމަށެވެ. 

އަދި އެމްޑީޕީގެ ލީޑަޝިޕާއި މެމްބަރުން ދެންނެވި ހޫނު މަރުހަބާއަށް ނަޝީދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. 

"އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން، އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑުގެ ހިތުން ދުވަހަކު ވެސް ފިލައިގެންނެއް ނުދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖެ މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ކަމަށެވެ.

މިގޮތުން، ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 125 ޕަސެންޓަށް އަރާފައިވާއިރު، ދަރަނި އަނބުރާ ދައްކަން އަންނަ އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކުރަންޖެހޭ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭގެ ޖަލްސާގައި

މި ހާލަތުން ގައުމު ނަގައި ކޮޅަށް ޖަހަން އެނގޭނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ހަމައެކަނި އެމްޑީޕީ އަށެވެ.

އެކަމަށްޓަކައި، މި ވަގުތު އެންމެ މުހިންމު ކަމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރުމެވެ. 

އެއާ އެކު، ނަޝީދު ވަނީ އެ އިންތިހާބުގައި ހިސާބު ޖައްސަވައި، ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮންޖައްސަވައިފަ އެވެ. 

"ރައީސް މުއިއްޒު އަޅުގަނޑު މިރޭ ދެންނެވީމާ ހިސާބު ޖައްސަވާތި، 20 އިންސައްތަ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަވައި، އެމްޑީޕީން ވަކިވެވަޑައިގަތް އިސް ހުރިހާ ބޭފުޅުން މިރޭ ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ. 

މި ޖަލްސާގައި އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވަ އެވެ. މި ޖަލްސާއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފައެއް ނުވެ އެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު ވަނީ ވަރަށް ބޮޑަށް އެޕާޓީއަށާއި ރައީސް ސޯލިހަށާއި ޕާޓީގެ އިސްވެރިންނަށް ފާޑުވިދާޅުވެފަ އެވެ. އަދި އެ ޕާޓީ "ރޫޅާލައްވާނެ" ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.