ގިނަ އަދަދެއްގެ ބޭސްތަކެއް ގެންނަން އުޅުނު ދެ ދިވެހިން ކޮޗިން އެއާޕޯޓުން ހުއްޓުވައިފި

ކަސްޓަމްސްއިން ބުނީ އެ ބޭސްތައް ހިފެހެއްޓުމަށްފަހު، އެ ދެ ދިވެހިން ދޫކޮށްލައި، ރާއްޖެއަށް އައުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

ދެ ދިވެހިންގެ ލަގެޖުން ފެނުނު ބޭސްތައް.

ގިނަ އަދަދެއްގެ ބޭސްތަކެއް ހިފައިގެން ރާއްޖެއަށް އަންނަ މަސައްކަތް ކުރި ދެ ދިވެހިން، އިންޑިޔާގެ ކޮޗިން އެއާޕޯޓުން އަތުލައިގެންފި އެވެ. 

ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުގެ ކަސްޓަމްސް އާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި، އެ ދެ މީހުން ހިފަހައްޓާފައިވަނީ، ލަގެޖު ބަލައި ފާސްކުރި އިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބޭސް ފެނިފައިވާތީ އެވެ.

އަދި އެ ބޭސްތައް އެކްސްޕޯޓުކުރަން ބޭނުންވާ ލިޔުންތަކާއި ހުއްދަތައް ވެސް އެ މީހުންގެ އަތުގައި ނެތް ކަމަށް ބުނެފައިވެ އެވެ. 

ކަސްޓަމްސްއިން ބުނީ އެ ބޭސްތައް ހިފެހެއްޓުމަށްފަހު، އެ ދެ ދިވެހިން ދޫކޮށްލައި، ރާއްޖެއަށް އައުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. 

އެ ދެ މީހުންގެ އަތުން ގާތްގަނޑަކަށް ފަސް ކޭހުގެ ބޭސް ފެނިފައިވާއިރު، އޭގެ އަގު ތިން ލައްކަ އާއި ފަސް ލައްކަ ރުޕީސްއަށް އަރާނެކަމަށް ބެލެވޭ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

މިހާ ގިނަ އަދަދެއްގެ ބޭސް ގެންނަން އުޅުނު ސީދާ ސަބަބެއް ސާފުނުވާ ކަމަށާއި، ބޮޑަށް ބެލެވޭނީ އެ ބޭސްތައް ގެންނަން އުޅުނީ ރާއްޖޭގައި ވިއްކަން ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި އެ ބޭހުގެ ތެރޭގައި މަސްތުވާ ޒާތުގެ ބޭސް ހުރިތޯ ބެލުމުގެ އިތުރުން، މިއީ މިފަދަ ގޮތަކަށް ބޭސް ކުރުމުގައި ހަރަކާތްތެރިވާ ފުޅާ ނެޓްވޯކެއްގެ ތެރެއިން ހިނގި ކަމެއްތޯ ބެލުމުގެ ތަހުގީގު ކުރިއަށްދާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މިހާ ގިނަ އަދަދެއްގެ ބޭސް ރާއްޖެއަށް ގެންނަން މަސައްކަތް ކުރި ދެ ދިވެހިން ހުއްޓުވާފައިވަނީ، ރާއްޖޭގައި ބޭސް ލިބުމުގެ ދަތިތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.