މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ފޭކު ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ވިޔަފާރި ކުރުމަށްފަހު ސައްހަ ނޫން ބޭންކް ޓްރާންސްފާ ސްލިޕް ފޮނުވުމުގެ ރެކޯޑު އޮތް ޒައިދާން މުހައްމަދު ހާޝިމް އަނެއްކާވެސް އެފަދަ މައްސަލައެއްގައި ފުލުހުން ހައްޔަރު ކޮށްފި އެވެ.
އުމުރުން 28 އަހަރުގެ ޒައިދާންއާއެކު މިފަހަރު އޭނާގެ އަންހެނުން، އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.
ފުލުހުން ބުނީ މިމަހުގެ 17 ވަނަ ދުވަހު މި ދެމަފިރިން ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމުން ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ފޭކު ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށާއި، އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36،467 ރުފިޔާގެ ތަކެތި ހުޅުމާލޭގައި ހުންނަ ފިހާރައިން މަކަރާއި ހީލަތުން ހޯދާފައިވާ ކަމަށް ހާމަވެފައިވާ ކަމަށެވެ. އަދި، މާލޭގައި ހުންނަ ފިހާރައަކުން 31،150 ރުފިޔާގެ ތަކެތީގެ އިތުުރުން މާލޭގައި ހުންނަ އެހެން ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 5،817 ރުފިޔާގެ ތަކެތި ހޯދާފައިވާކަން ވެސް ވަނީ ތަހުގީގަށް އެނގިފަ އެވެ.
މި މައްސަލައާ ގުޅިގެން ޒައިދާން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން ފަސް ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.
މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ޒައިދާންގެ މައްޗަށް ދަނީ ކުރެވެމުންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ.