ދަރަނި އަދާކުރަން ބޮޑު ހޭދައެއް | ބަޖެޓުން އަރަނިކޮށް ބޮޑު ތަފާތެއް

ބަޖެޓުގެ ހިސާބުތައް ދައްކާ ގޮތުން ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިވަނީ 1.8 ބިލިއަން ރުފިޔާއިން އިތުރުވެފައިވެ އެވެ.

އޭޝިޔާ އިނީޝިއޭޓިވް މީޓިންގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ -- ފިނޭންސް

ފާއިތުވި އަހަރުތަކުގައި ނަގާފައިވާ ދަރަނިތައް އަދާކުރުމަށް 5.1 ބިލިއަން ހޭދަކުރުމާއެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން ރުފިޔާ އަރަނިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާއްމުކުރި ހަރަދާއި އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުން ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިވަނީ 1.8 ބިލިއަން ރުފިޔާއިން އިތުރުވެފަ އެވެ.

ފިނޭންސުން ބުނީ މިއަހަރުގެ މިހާތަނަށް 5.1 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހޭދަކޮށްފައިވެ އެވެ. އެހެންނަމަވެސް، ދައުލަތުން ތަންފީޛުކުރަމުންދާ ހަރަދު ހިފެހެއްޓުމުގެ ސިޔާސަތުތަކާއިއެކު ބަޖެޓުން ކޮށްފައިވާ ޚަރަދުތައް ކުޑަ ކުރެވިފައިވެ އެވެ. އެގޮތުން ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާއި އަޅާބަލާއިރު 8.7 ޕަސެންޓް ދަށް އަދަދެކެވެ. މިއާއެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 12 ޖޫން 2025ގެ ނިޔަލަށް ވަނީ 17 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.0 ޕަސެންޓް އިތުރުވުމެކެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން އައި އެދެވޭ ނަތީޖާގެ ސަބަބުން ކުރިން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ކުރަންޖެހުނު ހޭދަ ބޮޑުވިކަމުގައިވީނަމަވެސް، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް މިވަނީ 1.3 ބިލިއަން ރުފިޔާގެ ސަޕްލަސްއަކަށް އަރައިފަ އެވެ.

މިދިޔަ އަހަރާ ބަލާއިރު ބަޖެޓުެ ހަރަދު 87 ޕަސެންޓް ދަށް

ނިމިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 ޕަސެންޓް ދަށް އަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 5.3 ޕަސެންޓަށް ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 72.1 އިންސައްތައިން ދަށްވެފައެވެ. އަދި މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދު މިވަނީ ފާއިތުވި އަހަރާއި އަޅާބަލާއިރު ދަށް މިންވަރެއްގައި ދަމަހައްޓާފައެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ބަލާއިރު މި އަހަރަށް އިދާރީ އަދި ހިންގުމުގެ ޚަރަދުތަކުގެ ގޮތުގައި ފާސްކުރެވުނު 20.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުވެފައިވަނީ 8.2 ބިލިއަން ރުފިޔާ އެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 9.3 ބިލިއަން ރުފިޔާ އެވެ. މިބައިގެ ހަރަދުތަކުގެ ތެރޭގައި ހިމެނޭ އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގެ ހަރަދު ވަނީ 71.5އިންސައްތައިން ދަށްވެފައެވެ. އަދި ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ މިވަނީ، ނިމިގެންދިޔަ އަހަރާ އަޅާބަލާއިރު 17.2 ޕަސެންޓް ދަށްވެފައެވެ.

އާމްދަނީ އަށް ހަ ޕަސެންޓުގެ އިތުރުވުމެއް

ފިނޭންސުން ބުނި ގޮތުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 17 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު 6.0 ޕަސެންޓުގެ އިތުރުވުމެކެވެ.

މި މުއްދަތުގައި ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއި ގުޅިގެން ޖުމްލަ 13.2 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ލިބިފައިވާއިރު މީގެ ތެރެއިން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 88.5 އިންސައްތަވަނީ އިތުރުވެފަ އެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 46.9 އިންސައްތަވަނީ އިތުރުވެފަ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 44.5 އިންސައްތަ ވަނީ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ގާތްގަނޑަކަށް 9 އިންސައްތައިން އިތުރުވެ، އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީ އެވެ. މި އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.0 ޕަސެންޓް އިތުރުވެފައެވެ. އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިވަނީ 42.9 އިންސައްތައިން އިތުރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.