"ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމާފައި،"
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއަށް ސޮއިކުރުމުގެ ޖަލްސާ ބޭއްވުމަށް ސަލްޓަން ޕާކު ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ނަޝީދަށް އެމްޑީޕީން މަރުހަބާ ދެންނެވުމުގެ ހަފުލާއަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރުން ތަނެއް ނުދައްކައިފި ނަމަ އެ ހަފުލާ ބާއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގެ ކަންމަތީގައި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވަނީ އެ ހަފްލާއަށް އެމްޑީޕީގެ މެމްބަރުން އައުމަށް އެކްސްގައި ދައުވަތު ދެއްވައިފަ އެވެ.
އެ ޕޯސްޓާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ސަރުކާރުގެ ހުއްދަ ހޯދުމަކާ ނުލައި އެއްވުންތައް ބޭއްވުމަށް މި ސަރުކާރުން ފަހުން ކަނޑައެޅި ތަންތަން ފާހަގަކުރައްވައިފަ އެވެ.
އެކަމާ އެމްޑީޕީން ނުރުހުން ފާޅުކުރަމުން ދަނިކޮށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް މިރޭ ވިދާޅުވީ ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް އެ މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ތަނެއް ކަމަށެވެ. އެތަން މިނިސްޓްރީން މިހާތަނަށް ކުއްޔަށް ދީފައިނުނޭ ކަމަށާއި، ކުއްޔަށް ދިނުމަށް އުސޫލެއް ކަޑައަޅާފައިވެސް ނުވާނެ ކަމަށެވެ.
"ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމާފައި،" މުއްތަލިބް ވިދާޅުވެފައިވެ އެވެ.
ނަޝީދާއި ޑިމޮކްރެޓްސްގެ އެހެން މެންބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމާފައިވާތީ އެޕާޓީން ވަނީ އެކަމަށް މަރުހަބާ ދަންނަވާފަ އެވެ. އެމްޑީޕީން މަސައްކަތް ކުރަނީ އެ ބޭފުޅުން އަލުން ގުޅިވަޑައިގަންނަވާ ޖަލްސާ ވަރަށް ކުލަ ގަދަކޮށް ފާހަގަކުރުމަށެވެ.