ހީނާ ވަލީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރުގެ ހުއްދަ ހޯދުމަކާ ނުލައި އެއްވުންތައް ބޭއްވުމަށް މި ސަރުކާރުން ފަހުން ކަނޑައެޅި ތަންތަން ފާހަގަކުރައްވައިފަ އެވެ.
ހުއްދަ ނުނަގައި މާލޭގައި އެއްވެވޭ ތަންތަން ހުންނާނެކަމަށް ބުނެ، ސަރުކާރުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ރައްދު ދީފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން ގިނަ މެމްބަރުންތަކެއް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކުލަގަދަކޮށް ފާހަގަކުރުމަށާއި އެމްޑީޕީގެ އަހަރީ ދުވަހުގެ ހަފުލާތަކަށް ސަރުކާރުން ތަނެއް ނުދެއްކި ކަމަށް ފައްޔާޒް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ނަޝީދަށް އެމްޑީޕީން މަރުހަބާ ދެންނެވުމުގެ ހަފުލާ އަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރުން ތަނެއް ނުދައްކައިފި ނަމަ އެ ހަފުލާ ބާއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގެ ކަންމަތީގައި ކަމަށް ވިދާޅުވެ، ފައްޔާޒް ވަނީ އެ ހަފްލާއަށް އެމްޑީޕީގެ މެމްބަރުން އައުމަށް އެކްސްގައި ދައުވަތު ދެއްވައިފަ އެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރުގެ ހުއްދަ ހޯދުމަކާ ނުލައި އެއްވުންތައް ބޭއްވުމަށް މި ސަރުކާރުން ފަހުން ކަނޑައެޅި ތަންތަން ފާހަގަކުރައްވައިފަ އެވެ.
މިގޮތުން، ދުރާލައި ހުއްދަ ނުހޯދައި، މާލޭގައި މީގެ ކުރިން އެއްވުން ބޭއްވެނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ވިޔަސް މި ސަރުކާރުން ވަނީ، ރަސްފަންނު ސަރަހައްދާއި މާލޭގެ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު ނުވަތަ އިންޑަސްޓްރިއަލް ވިލެޖު ސަރަަހައްދު އަދި އުސްފަސްގަނޑު އެ ލިސްޓަށް އިތުރުކޮށްފަ އެވެ.
ހީނާ ވިދާޅުވި ގޮތުގައި ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި، ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
"އެހެންކަމުން މިގޮތަށް ކަނޑައެޅި ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފް ލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެކެވެ،" ހީނާ ވިދާޅުވި އެވެ.