ޖެމްކިއުއިން ފައިސާ ނުނެގި، އިންވެސްޓަރުންނަށް ގެއްލުންވެދާނެ ކަމުގެ ބިރު

އެގުރޫޕުގެ އެޑްމިން ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން ފޮނުވި ސިޓީއެއް ކަމަށް ބުނެ ފޭކް ސިޓީއެއް ވެސް އެ ގުރޫޕަށް ފޮނުވާފަ އެވެ.

ޖީއެމްސީއީ: މި ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނޭ.

ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުން ގެންދާ އިންވެސްޓްމަންޓް ސްކީމުން ފައިސާ ނުނެގޭތީ އެޔަށް އިންވެސްޓް ކޮށްގެން އުޅޭ މީހުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

މި ޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކަށް ޔޫއެސްޑީޓީ ނަމަކަށް ކިޔާ ޑިޖިޓަލް ފައިސާ (ކްރިޕްޓޯ ކަރަންސީ) ބޭނުންކޮށްގެން އިންވެސްޓްކުރެވެ އެވެ. އިންވެސްޓަރުންނަށް ކޮންމެ ދުވަހަކު، އެ ފަރާތެއްގެ އިންވެސްޓްމަންޓް ދަރަޖައަށް ބިނާކޮށް، ޕްލެޓްފޯމުގައިވާ ވަކި ބަޓަނަކަށް ފިތާލުމުން، އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ އެހީގައި ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާކަމަށް ދައްކުވައިދެ އެވެ. 

މިއީ ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނެފައިވާއިރު، 50،000 އަށްވުރެ ގިނަ ދިވެހިން ވަނީ މި ސްކީމަށް އިންވެސްޓްކޮށްފަ އެވެ. މި ސްކީމުގައި ބައިވެރިވެގެން އުޅޭ މީހުން އުޅޭ ޓެލެގްރާމް ގުރޫޕުގައި ރެއިން ފެށިގެން ފައިސާ ކޭޝް ވިތްޑްރޯ ނުކުރެވޭ މައްސަލަ ބޮޑުވެ، މީހުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. 

އެގުރޫޕުގެ އެޑްމިން ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން ފޮނުވި ސިޓީއެއް ކަމަށް ބުނެ ފޭކް ސިޓީއެއް ވެސް އެ ގުރޫޕަށް ފޮނުވާފަ އެވެ. ފައިސާ ނުނެގޭ ގޮތަށް ހަދާފައި ވަނީ އެ ސިޓީއާ ގުޅިގެން ކަމަށް ބުނެ ވަނީ އޮޅުވާލަން މަސައްކަތް ކޮށްފަ އެވެ.

މީހުން އެއްޗެހި ކިޔާން ފެށުމުން މިހާރު ވަނީ އެޑްމިންއަށް ނޫނީ އެ ގުރޫޕަށް މެސެޖު ނުކުރެވޭ ގޮތް ވެސް ހަދައިފަ އެވެ. މީހުން ވަނީ ރުޅިއައިސްގެން އެޑްމިން "ފިލާފައިވާ" ކަމަށް ވެސް ބުނެފަ އެވެ.

ފުލުހުން މިދިޔަ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖެމްކިއޫގެ ނަމުގައި ހިންގާ ސްކީމަކީ ގާނޫނާ އެއްގޮތަށް ސީއެމްޑީއޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައ،ި ޖެމްކިއޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ވަނީ ކަށަވަރުކުރެވިފަ އެވެ.

"މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާކަމަށް ދެއްކި ނަމަވެސް، އެއީ އޮޅުވާލުމެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

އަދި މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.