"ހުރަސްތަކާ ދިމާވެދާ އަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން. ގައުމިއްޔަ އިލްތިމާސުތަކަށް އަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން،"
ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ އެހެން މެންބަރުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަންނަވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީން މަރުހަބާ ދަންނަވައިފި އެވެ.
އެމްޑީޕީ ދޫކޮށް ވަޑައިގެންނެވި ނަޝީދާއި ޑިމޮކްރެޓްސްގެ އެހެން ހުރިހާ މެންބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމެވީ މިދިޔަ އަންގާރަ ދުވަހު އެވެ. ޑިމޮކްރެޓްސް އިން ވަނީ އެމްޑީޕީއާ ގުޅުމަށް ގަރާރެއް ވެސް ފާސްކޮށްފަ އެވެ.
ޑިމޮކްރޭޓުންގެ މި ނިންމުމާ ގުޅިގެން އެމްޑީޕީންނާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްލާއިލް ވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.
އަދި މިއަދު އެމްޑީޕީގެ އިސް ލީޑަރު، ކުރީގެ ރައީސް ސޯލިހު ވަނީ ކުރިން ޓީވީއަކަށް ދެއްވި އިންޓަވިއުއެއް އެކްސްގައި ހިއްސާ ކުރައްވަމުން ޑިމޮކްރޭޓުންނަށް މަރުހަބާ ދަންނަވާފަ އެވެ. އެ އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ މިއީ އެންމެން އެކީ އުފައްދާފައިވާ ޕާޓީއެއް ކަމަށާއި ޒާތީ މައްސަލަތައް އެއް ފަރާތްކުރުމަށާއި، ގައުމަށްޓަކައި ފެށި މަސައްކަތް ނިމިފައި ނުވާ ކަމަށެވެ.
"ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވަން. އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަސްލަހަތު އަބަދުވެސް އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިނގާ،" އެ އިންޓަވިއު ހިއްސާ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.
ރައީސް ސޯލިހު ވަނީ އެ ޕޯސްޓާއެކީގައި ޝައިހު މުހައްމަދު ޖަމީލުގެ ދީދީގެ ޅެން ބައިތެއް ވެސް ހިމަނުއްވާފަ އެވެ.
"ހުރަސްތަކާ ދިމާވެދާ އަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން. ގައުމިއްޔަ އިލްތިމާސުތަކަށް އަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން،"
ރައީސް ނަޝީދަށާއި ޑިމޮކްރެޓުންނަށް މަރުހަބާ ދަންނަވަމުން ފައްޔާޒް ވިދާޅުވެފައި ރާއްޖެ ހަމަމަގުން ނެއްޓޭ ކޮންމެ ފަހަރަކު ކަންކަން ހަމަމަގަށް އެޅުވީ އެ ޕާޓީގެ މެންބަރުންގެ ހިތްވަރުން ކަމަށާއި، ސަރުކާރުގެ އަމަލުތަކަށް އިންތިހާއަށް ފާރަވެރިވާންޖެހޭ މިފަދަ ވަގުތެއްގައި އެބޭފުޅުން އެ ޕާޓީއާ ގުޅުމަކީ މި މަސައްކަތުގައި ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.