ކުޑޫއަށް ގުރައިދޫ މަރުކަޒަށް ވަންނަން ހުއްދަ ނުދިނުމުން ހުށަހެޅި އިމްތިޔާޒްގެ މައްސަލަ ބަލައިގެންފި

އަދި މި މައްސަލަ ބަލައިގަތުމަކީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ވެސް ސަރުކާރުގެ ތެރެއިން އެއްބާރުލުން ނުލިބޭކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހާލަތު ބަލަން، އެ ތަނަށް ވަންނަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ހުއްދަ ނުދިން ކަމަށް ބުނެ ހުށަހެޅި އިމްތިޔާޒްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ބަހުސް ފަށައިފި އެވެ. 

ގުރައިދޫ މަރުކަޒުގެ ހާލަތާ ގުޅޭ ރިޕޯޓެއް ހަދަން ބޭނުންވާތީ، އެ މަރުކަޒަށް ވަދެވަޑައިގަތުމުގެ ހުއްދައަކަށް މެމްބަރު ކުޑޫ އެދިވަޑައިގަތީ މިދިޔަ އޭޕްރީލް މަހު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ހުއްދައަށް އެދި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ފޮނުވި ސިޓީއަށް އެއްވެސް ޖަވާބެއް ދެއްވާފައިނުވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އެހެންވެ، ކުޑޫ ވަނީ އެއީ މަޖިލީހުގެ މެންބަރެއްގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ވިދާޅުވެ، އިމްތިޔާޒާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. 

އެ މައްސަލައާ މެދު ބަހުސްކުރަން ފެނޭތޯ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިއަދު ނެގުނު ވޯޓުގައި، ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ތާއީދާ އެކު، ބަހުސް ކުރަން ފެންނަ ކަމަށް ފާސްކޮށްފައިވަނީ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލައިގެ ބަހުސް ފައްޓަވަމުން، ކުޑޫ ވެސް ވަނީ އެ ކަން ފާހަގަކުރައްވައިފަ އެވެ. އަދި މި މައްސަލަ ބަލައިގަތުމަކީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ވެސް ސަރުކާރުގެ ތެރެއިން އެއްބާރުލުން ނުލިބޭކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ވިޔަސް ހަރުދަނާ މައްސަލަތަކަށް ޕީއެންސީން މަޖިލީހުގެ ތެރެއިން ޖާގަ ދޭނެ ކަން މި މައްސަލަ ބަލައިގަތުމުން ރައްޔިތުންނަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. 

އެއާ އެކު ފަލާހް ވަނީ، މި މައްސަލަ، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވަން ހުށަހަޅުއްވައިފަ އެވެ. 

މި މައްސަލައަކީ ސީރިއަސްކޮށް ބަލަންޖެހޭ މައްސަލައެއްކަން ފާހަގަކުރައްވައި، ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ވަނީ ފަލާހުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައިފަ އެވެ. 

މިކަމާ މެދު މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އަހާނެކަމަށް ރިޔާސަތުން ވަނީ އިއުލަނުކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.