ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމެއްގައި މިއަދު އެ ގަރާރު ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި 44 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ ވޯޓުންނެވެ.
އެމްޑީޕީއާ ހިޔާލު ތަފާތުވެ، އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީ އުވާލައި، ހުރިހާ މެންބަރުން އެނބުރި އެމްޑީޕީއާ ގުޅުމަށް ގަރާރެއް ފާސްކޮށްފި އެވެ.
ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމެއްގައި މިއަދު އެ ގަރާރު ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި 44 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ ވޯޓުންނެވެ.
އެ ގަރާރުގައި އެމްޑީޕީއާ މެންބަރުން ގުޅެން އިގުރާރުވާ ސަބަބުތަކުގެ ތެރޭގައި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި، ރާއްޖޭގެ ކުރިމަގު ރަގަޅު ކުރުން ހިމެނެ އެވެ.
އަދި، ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށް ވެސް ގަރާރުގައިވެ އެވެ.
"އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިނދު، މި މަގުސަދު ހާސިލް ކުރުމަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" ނަޝީދު ރިޔާސަތުގައި އިންނަވައި ކުރިއަށް ގެންދެވި ބައްދަލުވުމުގައި ފާސްކުރި ގަރާރުގައިވެ އެވެ.
ނަޝީދު އިއްޔެ ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހިމެނޭހެން ބައެއް ބޭފުޅުންނާއި މެންދުރުގެ ފަރިއްކުރުމެއްގައި ބައްދަލުކުރައްވާފަ އެވެ. ދެ ޕާޓީގެ ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ ރަގަޅު ގޮތް ކަމަށް އެމަނިކުފާނު މީގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ.
ޑިމޮކްރޭޓުން އެމްޑީޕީއާ ގުޅޭނެ ވަކި ތާރީހެއް ނޭންގެ އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ ނަޝީދުގެ ފެކްޝަން ވަކިވުމުން ކަމަށް ގިނަ ބަޔަކު އަދިވެސް ގަބޫލުކުރެ އެވެ.