"ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެތިއްބެވީ މިނިވަންކަމާއެކު ސިޔާސީ މަސައްކަތަށް ފުރުސަތުދީފައި. ޕީއެންސީން، ރައީސް މުއިއްޒުގެ މަސައްކަތްތައް ބައްޓަންވެފަ ހުރީ މިމަގުން ކަންކަން ތަރުތީބުވެގެން ދިއުން،" ނާޒިމް ވިދާޅުވި އެވެ.
މިނިވަންކަމާއެކު ސިޔާސީ ވެރިންނަށް މިއަށްވުރެ ފުޅާކޮށް ސިޔާސީ މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު ޒަމާނެއް ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް އުފެދުނު ފަހުން ލިބިފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރޭ އޮތް ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުން ފެށިގެން ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަމައަށް ހައްޔަރު ކުރި ސިޔާސީ ވެރިންގެ ނަންތައް ވިދާޅުވެދެއްވާފަ އެވެ.
ނާޒިމް އެ މިސާލުތައް ވިދާޅުވެދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިޔާސީ މަސައްކަތް ކުރުމަށް ދެއްވާފައިވާ މިނިވަންކަން ހާމަކޮށްދެއްވުމުގެ ގޮތުންނެވެ.
"ގައުމެއް ބިނާކުރުމުގައި ސިޔާސީ ނިޒާމެއްގެ ތެރެއިން އެންމެ މުހިންމު ކަމަކީ ސިޔާސީ ޕާޓީތަކަށް މިނިވަންކަމާއެކު ސިޔާސީ ވެރިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮތުން. އެ ފުރުސަތު މިއަށްވުރެ ފުޅާކޮށް ތަންމިނަށް ހުޅުވާލެވުނު ޒަމާނެއް ދިވެހިރާއްޖޭގެ މި ދެންނެވި 15 ވަރަކަށް އަހަރު މަލްޓި ޕާޓީ ސިޔާސީ ނިޒާމު ދެކިފައެއް ނުވޭ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ގައުމުގެ ތަރައްގީގެ ވާހަކަ ދައްކާއިރު، މި އަސާސީ ކަންކަމަށް ރިއާޔަތް ނުކޮށް، ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ގައުމު ފަނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި، ސިޔާސީ ވެރިންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ކަމަށް ވެވަޑައިގަތް ވައުދު ރައީސް ފުއްދަވާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން، ގާނޫނީ އިމުގެ ބޭރުން، ސިޔާސީ އެއްވެސް ފަރާތަކަށް ނުފޫޒެއް އަދި ބާރެއް ވެސް އެމަނިކުފާނު ނުފޯރުއްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެތިއްބެވީ މިނިވަންކަމާއެކު ސިޔާސީ މަސައްކަތަށް ފުރުސަތުދީފައި. ޕީއެންސީން، ރައީސް މުއިއްޒުގެ މަސައްކަތްތައް ބައްޓަންވެފަ ހުރީ މިމަގުން ކަންކަން ތަރުތީބުވެގެން ދިއުން،" ނާޒިމް ވިދާޅުވި އެވެ.