ޔުމްނު ވެއްޓުން: ކޮމިޝަނުގެ މަސައްކަތް ނިންމައި ރިޕޯޓު ރައީސަށް ފޮނުވައިފި

"މި ކޮމިޝަނާ ހަވާލުކުރެވުނު މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިފީމެވެ." އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކޮމިޝަނުން މިއަދު ބުނެފައިވެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މެންބަރުން --

ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތް ނިންމާލުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޕޯޓު ފޮނުވައިފި އެވެ.

ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔުމްނު ވެއްޓުނު މައްސަލައިގެ އިންކުއަރީއެއް ހެދުމަށް މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އުފެއްދެވި ހާއްސަ ކޮމިޝަނުން މިއަދު ބުނީ އެ ކޮމިޝަނާ ހަވާލުކުރި މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

"މި ކޮމިޝަނާ ހަވާލުކުރެވުނު މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިފީމެވެ." އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކޮމިޝަނުން މިއަދު ބުނެފައިވެ އެވެ.
 
މި ކޮމިޝަން އުފައްދާފައި ވަނީ، ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރުމަށެވެ. އަދި، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރު ކުރި ނަމަވެސް މިހާރު ދޫކޮށްލާފައިވާ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް މިހާރު ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފަ އެވެ. އޭނާ އަކީ ޔުމްނު ވެއްޓުމުގެ ކުރިން ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. އޭނާގެ މައްޗަށް އޮތީ ޔުމްނު ވެއްޓުމުން އަޅާނުލުމުގެ ތުހުމަތެވެ.

ރައީސް އުފެއްދެވި މި ކޮމިޝަންގައި އިސްކޮށް އައްޔަނުކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ. ދެން އެ ކޮމިޝަނަށް އައްޔަނު ކުރައްވާފައި ވަނީ، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދާއި، ޑރ. މޫސާ މުރާދު އާއި ޖަބީން މުހައްމަދު އަދި އާމިނަތު އީނާސް އެވެ. މީގެ ތެރެއިން އީނާސްއަކީ އެޗްއާރުސީއެމްގެ ކުރީގެ ރައީސެވެ. ޖަބީންއަކީ ހުޅުމާލެ ހޮސްޕިޓަލްގެ ނާސިން ޑިރެކްޓަރެވެ. ޑރ. މުރާދަކީ އައިޖީއެމްއެޗުގެ ސީނިއާ ފިޒީޝަނެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.