"ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކޮށްލެވިއްޖެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،"
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގެންފި އެވެ.
ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން މެންދުރުގެ ފަރިއްކޮޅެއް ދެއްވީތީ ޝުކުރު ދަންނަވާފަ އެވެ. އަދި ވިދާޅުވެފައި ވަނީ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވެވި ކަމަށެވެ.
"ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކޮށްލެވިއްޖެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ފައްޔާޒް ވިދާޅުވި އެވެ.
ރައީސް ނަޝީދާއި ފައްޔާޒް މިއަދު ފަރިއްކޮޅަކަށް ބައްދަލުކުރައްވާފައި މިވަނީ، މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވާފައި ވަނިކޮށެވެ.
އެމްޑީޕީގެ ބާނީ ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގުޅުން ގޯސްވީ ނިމިދިޔަ ވެރިކަމުގަ އެވެ. މި ގުޅުން ގޯސްވި ވަގުތާ ދިމާކޮށް ރައީސް ނަޝީދުއަށް ބޮމުގެ ހަމަލާއެއް ދީފައިވެ އެވެ. އަދި އެ ހަމާލާ ދެވުނީ ރައީސް ސޯލިހުގެ ސަރުކާރުން ފަރުވާކުޑަ ކުރުމުން ކަމަށް ރައީސް ނަޝީދުގެ ގާތް ބޭފުޅުންވެސް ތުހުމަތު ކުރި އެވެ.
ރައީސް ސޯލިހާއި ނަޝީދާ ދޭތެރޭގައި ޖެހުނު މައްސަލަތައް ހައްލު ނުކުރެވިގެން އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސްގެ ނަމުގައި 2023 ޖޫން މަހު ޕާޓީއެއް އުފެއްދި އެވެ.