އަނަސްގެ މަރު: ބަންދާ ގުޅޭ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި

ދައުލަތުން ސުޕްރީމް ކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފް ކުރި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު، ދައުލަތުން ބުނެފައި ވަނީ އެ ހަތް މީހުންނަކީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާ އޮތް ބައެއް ކަމަށެވެ.

އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން މިއަދު ސުޕްރީމް ކޯޓުގައި --

މީގެ އަށް އަހަރު ކުރިން ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރިކޮށް ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދު ނުކުރަން ހައިކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުމުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މިއަދު ސުޕްރީމް ކޯޓުގައި ނިންމާލައިފި އެވެ.

އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފް އެވެ.

މި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ފެބްރުއަރީ 25، 2024 ގަ އެވެ. ކޯޓުން އެ ހުކުމް ކުރީ ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.

ހަތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވިޔަސް، އެމީހުން ބަންދު ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި އެދިފަ އެވެ. ހައިކޯޓުން އެގޮތަށް ނުނިންމުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އަލުން މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ނިންމާފައިވެ އެވެ. އެހެންވެ، ދައުލަތުން ދެވަނަ ފަހަރަށް ހައިކޯޓަށް މައްސަލަ ހުށަހެޅުމުން ވެސް ނިންމީ އެމީހުން ބަންދު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. 

ދައުލަތުން ސުޕްރީމް ކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފް ކުރި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު، ދައުލަތުން ބުނެފައި ވަނީ އެ ހަތް މީހުންނަކީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާ އޮތް ބައެއް ކަމަށެވެ.

އެމީހުން ބަންދު ކޮށްދޭން ދައުލަތުން އެދުނު ސަބަބަކީ، އެ މީހުންނަކީ ބަންދުން ދޫވުމަށްފަހު ވެސް ތަކުރާރުކޮށް ކުށުގެ ވެށީގައި އުޅޭ ބައެއް ކަމާއި އަދި ހާއްސަކޮށް ގޭންގު ކުށްތަކުގައި ހަރަކާތްތެރިވާ ބައެއް ކަމަށް ދައުލަތުން ފާހަގަކޮށްފައިވެ އެވެ. އަދި، އެމީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރި ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި ދޫވުމަށްފަހު ބައެއް މީހުން ވަނީ އެހެން ކުށްތަކުގައި ހައްޔަރު ވެސް ކޮށްފަ އެވެ. ދައުވާ ލިބޭ ގިނަ މީހުން ވަނީ ދިފާއުގައި ވާހަކަ ދައްކަން ދިން ފުރުސަތު ދޫކޮށްލާފަ އެވެ. ދިފާއުގައި ވާހަކަ ދެއްކި ޖުނައިހު ބުނެފައި ވަނީ އޭނާ ބަންދުން ދޫވުމަށްފަހު އެއްވެސް މައްސަލައެއްގައި ހައްޔަރު ކޮށްފައި ނުވާނެ ކަމަށާއި، އޭނާއަކީ ކައިވެންޏެއްކޮށް އަދި ވަޒީފާއެއްގައި ވެސް އުޅޭ ޒިންމާދާރު މީހެއް ކަމަށެވެ.

ދެން މި މައްސަލައިގައި އޮންނާނީ ހުކުމް ކުރުމެވެ.

ހައިކޯޓުން އެ މީހުން ބަންދު ނުކުރަން ނިންމި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ތުހުމަތުވާ މީހުން ބަންދު ކުރަން ޖެހޭ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައި ނުވުމެވެ. އެގޮތުން، މިފަދަ އަމުރެއް ނެރެވޭނީ އިސްތިއުނާފްގެ މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ހާލަތްތަކުގައި އާއި މުޖުތަމައުގެ ބޮޑު މަސްލަހަތެއް ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތެއް އަދި ތުހުމަތު ކުރެވޭ ފަރާތްތައް ފިލައިގެން ގޮސްދާނެ ކަމުގެ އިހުތިމާލު އޮތް މައްސަލަތަކުގައިކަން ހައިކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.