އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓު ޕެކޭޖު ބޮޑުކުރުން ޕޭ ކޮމިޝަނުގެ ލަފާއަށް ދޫކޮށްލައިފި

ކޮމިޓީން ފާސްކޮށްފައިވަނީ، އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓު އިނާޔަތް ބޮޑުކުރުމަކީ ދައުލަތުން އިތުރަށް ކުރަން ޖެހޭ ހަރަދަކަށްވާތީ، އެކަމާ ގުޅިގެން ޕޭ-ކޮމިޝަނުން ނިންމާ ގޮތަކަށް ގަވާއިދު އިސްލާހުކުރަން

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިއަދު "ކޭލި" ސޮފްޓްވެއާ ލޯންޗުކޮށްދެއްވަނީ --

އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވާއިރު ދޭ އިނާޔަތް ބޮޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ގަވާއިދު އިސްލާހުކުރުމުގައި، ނެޝަނަލް ޕޭ ކޮމިޝަނުގެ ލަފާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ. 

ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގައި، އުއްތަމަ ފަނޑިޔާރަށް ވަކި ހާއްސަ އިނާޔަތްތަކެއް މިހާރު ކަނޑައަޅާފައެއް ނޯވެ އެވެ. އެ ގަވާއިދުގައިވާ ގޮތުން އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާކުރެވޭ ފަނޑިޔާރުންނަށް އިނާޔަތް ދެވޭނީ 10 އަހަރު ހިދުމަތް ކުރައްވާފައިވާނަމަ އެވެ.

ނަމަވެސް، ޖޭއެސްސީން މިހާރު ނިންމާފައިވަނީ އެ ގަވާއިދު އިސްލާހުކޮށް، އުއްތަމަ ފަނޑިޔާރުންނަށް ހާއްސަ އެލަވެންސެއް ދިނުމަށެވެ. އެގޮތުން، ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ދަތުރުފަތުރުގެ އެލެވެންސް އާއި ލިވިން އެލެވެންސްއެއްގެ ގޮތުގައި މަހަކު 70،000 ރުފިޔާ ދިނުމަށް ވަނީ ހިމަނައިފަ އެވެ. އަދި ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި ފަނޑިޔާރުކަމުގެ މުއްދަތުގެ އިތުރުން ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމަނަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

ޖޭއެސްސީން ގަވާއިދަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭގޮތުން ހިޔާލު ހޯދަން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާތީ، އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ، އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓު އިނާޔަތް ބޮޑުކުރުމަކީ ދައުލަތުން އިތުރަށް ކުރަން ޖެހޭ ހަރަދަކަށްވާތީ، އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދައި، އެ ލަފާގެ މަތިން ޕޭ-ކޮމިޝަނުން ނިންމާ ގޮތަކަށް ގަވާއިދު އިސްލާހުކުރާށެވެ.

ޖޭއެސްސީން މިހާރު އުސޫލު ބަދަލުކުރަން ހުށަހަޅާފައިވާ ގޮތުން، ފަނޑިޔާރު މުއުތަސިމް ރިޓާޔާ ކުރެއްވުމުން، އެ މަނިކުފާނަށް މަހަކު ގާތްގަނޑަކަށް 70،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި ގަނޑުކޮށް ގާތްގަނޑަކަށް ފަސް ލައްކައެއްހާ ރުފިޔާ ރިޓަޔާމަންޓް އެލެވެންސްގެ ގޮތުގައި މުއުތަސިމަށް ލިބިވަޑައިގަންނަވާނެ އެވެ. 

ޕެކޭޖު ބޮޑުކުރަނީ "ޑީލެއް"ގެ ދަށުން ކަމުގެ ތުހުމަތު!

މިކަމާ ގުޅޭގޮތުން، މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި، ކޮމިޓީގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ އިނާޔަތް ބޮޑުކުރަން ދެކޮޅު ހައްދަވައި، ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ވެސް އަމާޒުކުރައްވައިފަ އެވެ. 

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ވިދާޅުވީ މިހާތަނަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވެސް ދެއްކެވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރިޓަޔާމަންޓް ޕެންޝަން ފަދަ އެލެވެންސްތައް ކުޑަކުރުމުގެ ވާހަކަ ކަމަށާއި ނަމަވެސް، ވަކި މީހަކާ ޖެހުމުން އެ ހުރިހާ ވާހަކަތަކެއް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާ އެކު އޭނާ ވަނީ، މިއީ "ޑީލެއްގެ ދަށުން" ހިންގަން އުޅޭ "ކޮރަޕްޝަން"ގެ އަމަލެއްގެ ގޮތުގައި ތުހުމަތު ކުރައްވައިފަ އެވެ.

"މިއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. މަހެއްގެ މައްޗަށް 70،000ރ. އަށް ވުރެ ގިނަ ރުފިޔާ އަކީ މަޖިލިސް މެމްބަރަކަށް ވެސް ލިބޭ މުސާރައަށް ވުރެ ބޮޑު އަދަދެއް،" އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅަކަށް ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ލިބެންޖެހޭނެ ކަމަށާއި ނަމަވެސް، އެއީ ވަކި މީހަކަށް ފަހާ "ކޯޓެއް"ގެ ގޮތުގައި އެކަން ކޮށްގެން މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.