އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވާތީ އިނާޔަތް ބޮޑުކުރަން އުޅޭކަމަށް ބުނެ ހޫނު ބަހުސެއް!

ޖޭއެސްސީން މިހާރު އުސޫލު ބަދަލުކުރަން ހުށަހަޅާފައިވާ ގޮތުން، ފަނޑިޔާރު މުއުތަސިމް ރިޓާޔާ ކުރެއްވުމުން، އެ މަނިކުފާނަށް މަހަކު ގާތްގަނޑަކަށް 70،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން --

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓާޔާ ކުރައްވަން އުޅުއްވާތީ، ރިޓަޔާމަންޓް އުސޫލު ބަދަލުކޮށް، ރިޓަޔާކުރުމުން ލިބޭ އިނާޔަތް ބޮޑުކުރަން އުޅޭކަމުގެ ތުހުމަތުތަކާ އެކު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ހޫނު ބަހުސެއް ހިނގައިފި އެވެ. 

ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގައި، އުއްތަމަ ފަނޑިޔާރަށް ވަކި ހާއްސަ އިނާޔަތްތަކެއް މިހާރު ކަނޑައަޅާފައެއް ނޯވެ އެވެ. އެ ގަވާއިދުގައިވާ ގޮތުން އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާކުރެވޭ ފަނޑިޔާރުންނަށް އިނާޔަތް ދެވޭނީ 10 އަހަރު ހިދުމަތް ކުރައްވާފައިވާނަމަ އެވެ.

ނަމަވެސް، ޖޭއެސްސީން މިހާރު ނިންމާފައިވަނީ އެ ގަވާއިދު އިސްލާހުކޮށް، އުއްތަމަ ފަނޑިޔާރުންނަށް ހާއްސަ އެލަވެންސެއް ދިނުމަށެވެ. އެގޮތުން، ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ދަތުރުފަތުރުގެ އެލެވެންސް އާއި ލިވިން އެލެވެންސްއެއްގެ ގޮތުގައި މަހަކު 70،000 ރުފިޔާ ދިނުމަށް ވަނީ ހިމަނައިފަ އެވެ. އަދި ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި ފަނޑިޔާރުކަމުގެ މުއްދަތުގެ އިތުރުން ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމަނަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

ޖޭއެސްސީން ގަވާއިދަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭގޮތުން ހިޔާލު ހޯދަން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާތީ، އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ އުއްތަމަ ފަނޑިޔާރަކު ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވާނަމަ އެ ބޭފުޅަކު ޝަރުވެރިކަމާ އެކު ގެންގުޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން. --ފޮޓޯ: މަޖިލީހުގެ އިދާރާ

ނަމަވެސް، ކޮމިޓީގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ މެމްބަރުން އެކަމަށް އިއުތިރާޒު ކުރެއްވި އެވެ. 

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ވިދާޅުވީ މިހާތަނަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވެސް ދެއްކެވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރިޓަޔާމަންޓް ޕެންޝަން ފަދަ އެލެވެންސްތައް ކުޑަކުރުމުގެ ވާހަކަ ކަމަށާއި ނަމަވެސް، ވަކި މީހަކާ ޖެހުމުން އެ ހުރިހާ ވާހަކަތަކެއް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާ އެކު އޭނާ ވަނީ، މިއީ "ޑީލެއްގެ ދަށުން" ހިންގަން އުޅޭ "ކޮރަޕްޝަން"ގެ އަމަލެއްގެ ގޮތުގައި ތުހުމަތު ކުރައްވައިފަ އެވެ.

"މިއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. މަހެއްގެ މައްޗަށް 70،000ރ. އަށް ވުރެ ގިނަ ރުފިޔާ އަކީ މަޖިލިސް މެމްބަރަކަށް ވެސް ލިބޭ މުސާރައަށް ވުރެ ބޮޑު އަދަދެއް،" އޭނާ ވިދާޅުވި އެވެ. 

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅަކަށް ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ލިބެންޖެހޭނެ ކަމަށާއި ނަމަވެސް، އެއީ ވަކި މީހަކަށް ފަހާ "ކޯޓެއް"ގެ ގޮތުގައި އެކަން ކޮށްގެން މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުން މާބޮޑަށް ހޫނުވާން ފެށުމުން، ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ވަނީ މިއަދުގެ ބައްދަލުވުން ނިންމާލައި، މާދަމާއަށް އިތުރު ބައްދަލުވުމެއް ބާއްވަން ނިންމަވައިފަ އެވެ. 

ޝަމްހީދު ވެސް ފާހަގަކުރެއްވި ގޮތަށް، ޖޭއެސްސީން މިހާރު އުސޫލު ބަދަލުކުރަން ހުށަހަޅާފައިވާ ގޮތުން، ފަނޑިޔާރު މުއުތަސިމް ރިޓާޔާ ކުރެއްވުމުން، އެ މަނިކުފާނަށް މަހަކު ގާތްގަނޑަކަށް 70،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި ގަނޑުކޮށް ގާތްގަނޑަކަށް ފަސް ލައްކައެއްހާ ރުފިޔާ ރިޓަޔާމަންޓް އެލެވެންސްގެ ގޮތުގައި މުއުތަސިމަށް ލިބިވަޑައިގަންނަވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.