މެދުއިރުމަތިން ހުޅުގަނޑެއް | ރާއްޖެއަށް ގޮންޖެހުން ބޮޑު

މިހާރުގެ ހާލަތު ގޯސްވެ ދުނިޔެއަށް ތެޔޮ ފޯރުކޮށްދޭ ހޮރުމޫޒް ކަނޑުއޮޅި ބަންދު ކޮށްލައިފިނަމަ ދުނިޔޭގައި ތެލުގެ އަގު އުފުލޭނެ އެވެ. މިކަމުގެ ސަބަބުން އިންފްލޭޝަން މަތިވާނެ އެވެ. މިއީ ދައުލަތުގެ ފިސްކަލް ހާލަތު ގޯސްވުން ގާތް ކަމެކެވެ.

ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކަމެއް ހިނގިޔަސް، ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ރާއްޖެ އަށް ވެސް އަސަރު ކުރެ އެވެ. އެކަމަކު މިފަދަ ކޮންމެ ހާދިސާއަކުން ރާއްޖެ އަށް ކުރާ އަސަރު ބޮޑެވެ. މައިގަނޑު ސަބަބަކީ ރާއްޖޭގެ އިގްތިސޯދު އެންމެ ސިނާއަތެއްގެ "ހަތަރު ފައިމަތީ" އޮތުމެވެ. ޓޫރިޒަމްގެ ސިނާއަތުގައި ރާއްޖޭގެ އިގްތިސޯދު އޮތްއިރު ދުނިޔެއަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ކުރަނީ ވެސް މި ސިނާއަތަށެވެ. އަގު އުފުލުނަސް މީގެ ޝޮކްވޭވް އެންމެ އަވަހަށް އަންނަނީ މި ސިނާއަތަށެވެ. ދުނިޔެ މިހާރު ވަދެފައިވަނީ ކޮޅެއް މެދެއް ނޭނގޭ ބޮޑު ނުތަނަވަސް ކަމެއްގެ ތެރެ އަށެވެ. އިޒްރޭލުން އީރާނުގެ ނިއުކްލިއަ ވަސީލްތަކަށް ހަމަލާ ދޭން ފެށުމާއެކު މިވަނީ ބޮޑު ހަނގުރާމެއްގެ ހުޅު ފަޅައިގެން ގޮސްފަ އެވެ. މިއާއެކު ދުނިޔޭގެ ބާޒާރުގައި ބާރުމިނުގައި ތެލުގެ އަގު ދަނީ އުފުލެމުންނެވެ. މިއާއެކު ދުނިޔޭގައި އުފެދެމުންދާ ނުތަނަވަސްކަން މާހިރުން ދިރާސާ ކުރަމުންދާއިރު، ތަޖުރިބާކާރުންގެ ނަޒަރުގައި ކުރިމަގުގައި މި ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ ދުނިޔެ އަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުން ގާތެވެ. ހާއްސަކޮށް މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެފަދަ ތަރައްގީ ވަމުން އަންނަ ކުދި ގައުމުތަކަށެވެ. ބޭރު ތަކެއްޗަށް "ރޭރުވެގެން" ތިބޭ ގައުމުތަކަށެވެ. 

މި ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެދާނެ ގޮންޖެހުން ތަކަކީ ކޮބައި ހެއްޔެވެ؟ 

ދުނިޔޭގައި މިހާރު އުފެދުމުންދާ ނުތަނަސްކަމާއެކު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތެލުގެ އަގު އުފުލިގެން ދިއުމެވެ. މިހާރު ވެސް ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 77 ޑޮލަރު ހުރަސްކޮށްފަ އެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މިގޮތަށް ހާލަތު އޮވެއްޖެނަމަ ތެލުގެ އަގު 13 ޕަސެންޓް އުފުލޭނެ އެވެ. އަދި މި ހާލަތު ގޯސްވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ދުނިޔޭގެ އެކި ހިސާބުތަކަށް ތެޔޮ ސަޕްލައިކުރާ މައިމަގު ކަމަށްވާ ހުރުމޫޒް ކަނޑުއޮޅި ބަންދުކޮށްލުމެވެ. މިއީ ދުނިޔޭގެ ތެލުގެ 20 ޕަސެންޓް ދަތުރުކުރާ މަގެވެ. މިކަން ކޮށްފިނަމަ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށްވުރެ މަތި ވެގެންދާނެ އެވެ. މީގެ ސަބަބުން ރާއްޖެ އަށް ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވާނެ އެވެ.

ތެލުގެ އަގު އުފުލުން ދުނިޔޭގައި އަގު އުފުލޭނެ

ދުނިޔޭގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދޭ އާގު ބޯޓެއް ހޮރުމޫޒް ކަނޑުއޮޅީގައި -- އޭޕީ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކާއެކު "ވޯލްޑް އިންފްލޭޝަން" ނުވަތަ ދުނިޔޭގައި ތަކެތީގެ އަގުތައް މަތިވެ އެވެ. ޓްރަޕުގެ ޓެރިފް ހަނގުރާމައިގެ ސަބަބުން މިހާރުވެސް ގޯސްކޮށް އޮތް ދުނިޔޭގެ އިގްތިސޯދު އިތުރަށް ގޯސް ވެގެންދާނެ ތެލަކަށް ވެގެންދާނީ މިހާރު މެދުއުރުމަތީގައި ހިންގާ ކޯޅުންތައް އިތުރަށް ގޯސްވެ ހުޅުގަނޑު އަނދައިގެން ދިއުމެވެ. ތެލުގެ އަގު އުފުލެން ފަަށައިފިނަމަ ރާއްޖެއަަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދައުލަތުގެ ފިސްކަލް ހާލަތު ނުވަތަ ހަރަދުތައް ބަލަހައްޓައި ފައިސާ މެނޭޖުކުރަން ކުރިމަތިވާނެ ގޮންޖެހުންތަކެވެ. ތެލުގެ އަގު އުފުލޭނަމަ ދައުލަތުން ތެޔޮ އެތެރެކުރަން ކުރަން ޖެހޭ ހަރަދު ބޮޑު ވެގެންދާނެ އެވެ. އަދި ތެލުގެ ސަބްސިޑީ އަށް ކުރާ ހަރަދު ވެސް އުފުލިގެންދާނެ އެވެ. 

މިއީ ބަޖެޓަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށްވާނެ އެވެ. އަދި މިކަމުގެ އަސަރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ވެސް އަސަރު ކުރުން ގާތެވެ. ޖުމްލަ ރިޒާވުގައި 800 މިލިއަން ޑޮލަރު ދެއްކިނަމަވެސް އެވްރެޖުކޮށް ރާއްޖޭގެ ބޭރުން ކުރެވޭ ނިޒާވްގައި ހުންނަނީ 150 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރެވެ. މިއީ ދެ މަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ. ހާރަށް ތަރާވީހަކަށްވެސް ބޭނުން ކުރަން ހުންނަ މިންވަރަކީ މި އެވެ. 

ތެލުގެ އަގު އުފުލިއްޖެނަމަ ތެލޮ އެތެރެކުރަން ބޭރު ފައިސާ ބޭނުންވާ މިންވަރު އިތުރުވާނެ އެވެ. މީގެ އެންމެ ފަހުގެ މިސާލަކީ 2022 ވަނަ އަހަރު ރަޝިއާ-ޔޫކްރޭން ހަނގުރާމައާއެކު ތެލުގެ އަގު އުފުލިގެން ދިއުމުން ކުރިމަތިވި ގޮންޖެހުންތަކެވެ. ރަޝިއާއާއި ޔޫކްރެއިން އިން ހަނގުރާމަ ފެށުމުގެ ކުރީގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 69 ޑޮލަރުގަ އެވެ. އެކަމަކު ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު 100 ޑޮލަަރަށް އުފުލުނެވެ. 

ހިސާބުތައް ދައްކާ ގޮތުގައި އެ ހަނގުރާމައިގެ ކުރީގައި ތެޔޮއެތެރެކުރަން އާއްމުކޮށް ރާއްޖޭން ހަރަދުކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ތެލުގެ އަގު އުފުލުން އެތެރެކުރަން ކުރާ ހަރަދު ދެ ގުނަ އިތުރުވެ ހަ ބިލިއަން ރުފިޔާ އަށް އިތުރުވެގެން ދިޔަ އެވެ. މިކަމުގެ ސަބަބުން ދައުލަތުން ތެޔޮ ގަންނަން ކުރަން ޖެހޭ ހަރަދު ވެސް މަތިވެގެން ދިޔަ އެވެ. އެކަމަށް ހަރަދު ކުރަން ޖެހޭ ބޭރު ފައިސާގެ މިންވަރު ވެސް ދެ ގުނަ އިތުރު ވެގެން ދިޔަ އެވެ. 

އެކަމަކު އެ ފަހަރު ހާލަތާއި މިހާރުގެ ހާލަތު ތަފާތެވެ ؛ އެ ތަފާތަކީ ކޮބައި ހެއްޔެވެ؟ އެފަހަރު ހާލަތު އައިއިރު ވިސްނަން ޖެހޭ ބޮޑު ލޯނެއް ނެތެވެ. އެކަމަކު މިހާރުގެ އެންމެ ބޮޑު ބޮލުގެ ރިހުމަކީ ރާއްޖޭން ބޮޑު ދަަރަންޏެއް މި އަހަރާއި އަންނަ އަހަރު ވެސް ދައްކަން އޮތުމެވެ. ކުރި އަށް 500 މިލިއަން ޑޮލަރުގެ ދަރަނި ބިލެއް އޮތްއިރު އަންނަ އަހަރު އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެ އެވެ. މިވަގުތު "ކޫލްކޮށް" ފެނުނަސް މިއީ ހަތަރު އަނގޮޅިއަށް އަންނަ ހިސާބެވެ. 

ފިސްކަލް ހާލަތަށް ގޮންޖެހުން އިތުރުވާނެ

ދައުލަތުގެ ބަޖެޓް ފޮތް

މިހާރުގެ ހާލަތުން ގޯސްވާ ގޮތަށް ދާނަމަ ދައުލަތުގެ ފިސްކަލް ހާލަތު މެނޭޖު ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވުން ގާތެވެ. މައިގަނޑު ސަބަބަކީ ކޮންމެ ހާލަތެއްގައި ވެސް "ތެޔޮ ބިލެއް" ނުދައްކައެއް ނުތިބެވޭނެ އެވެ. ރާއްޖޭގެ ހާލަތު އޮތް ގޮތުން ކަރަންޓު ދެނީ ބޮޑު ސަބްސިޑީއެއްގެ ދީގެންނެވެ. އަދި މި ފަހުން ކަރަންޓް ރޭޓްތަކަށް ގެނައި ބަދަލާއެކުވެސް މި ސަބްސިޑީ އިތުރަށް ވަނީ ބޮޑުވެފަ އެވެ. އެހެންވެ އެންމެ ބޮޑު ގޮޮންޖެހުމެއް ކުރިމަތިވާނީ މިކަމުގަ އެވެ.

އީރާނާއި އިޒްރޭލުގެ ހަނގުރާމަ ފުޅާވެ ތެލުގެ އަގު އުފުލިއްޖެނަމަ ދައުލަތުން މިހާރު ތެލަށް ކުރަން ޖެހޭ ހަރަދަށް އިތުރު ބިލިއަނެއް އިތުރުވުން ގާތެވެ. މީގެ އިތުރު ކުރިމަތިވާނެ އަނެއް މައްސަލައަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭނަމަ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލު ގެންނަން މަޖުބޫރުވުމެވެ. މިކަން އެނގެނީ 2022 ވަނަ އަހަރު ޔޫކްރޭން-ރަޝިއާ ހަނގުރާމަ ފެށި ދުވަސްވަރު ރާއްޖޭގައި ތެލުގެ އަގު އުފުލިގެން ދިޔަ މިންވަރުންނެވެ. އެ ފަހަރު ރާއްޖޭގެ ބާޒާރުގައި ޕެޓްރޯލް ލީޓަރެއް 16.55ރ. އަށް އަދި ޑީސަލް ލީޓަރެއް 16.77ރ. އަށް އުފުލިގެން ދިޔަ އެވެ. އެކަމަކު މިވަ ގުތު ޕެޓްރޯލާއި ޑީސަލް ހުރީ 13ރ. ލާރިކޮޅެއްގަ އެވެ. 

ރާއްޖޭގެ އެތެރޭގައި ތެލުގެ އަގު އުފުލިއްޖެނަމަ އިންފްލޭޝަން މައްސަލަ ކުރިމަތިވާނެ އެވެ. މިއީ ހިދުމަތާއި ތަކެތީގެ އަގު އުފުލުން ގާތް ކަމެވެ. މިކަމުގެ ސަބަބުން އެންމެ އަވަހަށް މަތިވާނީ ދަތުރުފަތުގެ އަގު ތަކެވެ. ލޯންޗް ދަތުރުތަކާއި އެއާ ޓިކެޓުގެ އަގުތަކާއި މުދާ އުފުލުގެ އަގުތަކެވެ. މި ބަދަލު ޗޭނެއްގައި ގެތިގެންދާ ބޮޅުތަކެއްހެން ހުރިހާ ކަމަކުންވެސް ފެންނާނެ އެވެ. 

ދުނިޔެ އަށް އަންނަ ކޮންމެ ބަދަލެއް ރާއްޖެ އަށް ލައްވާނެ ވާނެ އެވެ. އެކަމަކު މިކަން ކުޑަ ކުތަން ވެސް ފިޔަވަޅުތަކެއް އެޅިދާނެ އެވެ. ފުރަތަމަ ކަމަކީ ހާލަތު ގާތުން ދިރާސާކޮށް ބެލުމެވެ. އަދި އެޅިދާނެ ފިޔަވަޅުތަކާމެދު ސަރުކާރާއި ޕްރައިވެޓް ސެކްޓާއިން އެއް މޭޒެއްގެ ދޮށް ޖަމާވެ މަޝްވަރާ ކުރުމެވެ. އެކަމުގެ ހައްލެއް ހޯދުމެވެ. އަވަސް ކުރަންވީ އެކަމެވެ. ރާއްޖެ ލޯ ހުޅުވައިގެން ތިބެން ޖެހެ އެވެ. ރާއްޖެއަށް ގޮންޖެހުން ބޮޑެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.