މި ރިސޯޓުގައި މޫދު އަޑީގެ ރެސްޓޯރެންޓެއް ހުރެ އެވެ. އަދި އެޑަލްޓް އޮންލީ ރޫޕްޓޮޕް ޕޫލެއްގެ އިތުރުން ކެއުންތަކަށް ހާއްސަ 10 އައުޓްލެޓްވެސް ހުރެ އެވެ.
ރާއްޖޭގެ ފުރަތަމަ އޯވަވޯޓާ ޕެޑަލް ޓެނިސް ކޯޓާއެކު 95 ވިލާ ހިމެނޭ ފަސްތަރީގެ ޅ. މެއްޔަފުށި އޮކްޓޫބަރު އެކެއްގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
މެއްޔަފުށި ރިސޯޓުން ބުނި ގޮތުގައި ފަސް ތަރީގެ އޯލް އިންކްލޫސިވް ބުޓީކް ރިސޯޓެއްގެ ގޮތުގައި މި ރިސޯޓު ހުޅުވަން ނިންމާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެވެ. މިއީ ހުރިހާ ފަރާތްތަކަށްވެސް ފެންވަރު މަތީ ހިދުމަތެއް ދެވޭ ގޮތަށް ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސީޕްލޭންގައި 35 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީކޮށްފައިވާ މެއްޔަފުށީގައި ފުރިހަމަ 95 ވިލާ ހުރެ އެވެ.
ފަސްތަރީގެ މި ރިސޯޓުގައި 95 ވިލާ ހުންނައިރު މި ތަންތަން ތަރައްގީކޮށްފައިވަނީ އައުޓްޑޯ ލިވިން ސްޕޭން ވެސް ހިމެނޭ ގޮތަށެވެ. މީގެ އިތުރުން މި ތަނުގައި ހުރި އެންމެ ހާއްސަ އެއް އެކޮމޮޑޭޝަން ފެސިލިޓީއަކީ މި ރިސޯޓުގައި ތަރައްގީކޮށްފައިވާ ސުވިޓްތަކެވެ. މި ސުވިޓްތަކުގެ ތެރޭގައި އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރީގެ ޕްރެޒިޑެންޝަލް ސުއިޓްތައް ހިމެނެ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ ގުދުރަތީ ސާފު ވައި ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "އޯވަވޯޑާ" ތަންތަނެވެ.މި ތަންތަން ތަރައްގީކޮށްފައިވަނީ އެންމެ މަތީ ފަންތީގެ ޓޫރިސްޓުންނަށް ވެސް ހިދުމަތް ދެވޭ ގޮތަށެވެ. މިގޮތުން ބޮޑެތި އާއިލާތަކާއި ވީއައިޕީ ފަރާތްކަށް މި ތަންތަނުން ހިދުމަތް ދެވޭނެ އެވެ.
މެއްޔަފުށީގެ މި ވިލާތަކުގައި ސިނަމާ އާއި ޕްރައިވެޓް ކިޗަން ވެސް ހިމެނެ އެވެ. ގުދުރަތީ ގޮތުން ހިމާޔަތްކޮށްފައިވާ ޅ. އަތޮޅުގެ ސަރަހައްދުގައި ހުޅުވާ މެއްޔަފުށި ތަރައްގީކޮށްފައިވަނީ ކުޅިވަރު ކުޅެން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ގިނަ ވަސީލަތްތަކާއެކުގަ އެވެ. އެގޮތުން މި ރިސޯޓުގައި ކްލެމްބިން ވޯލްއަކާއި ލޭޒީ ޒޯނެއް އަދި މިނީ ސްކޭޓް ރޭމްޕެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ކޮއްކޮ ކިޑްސް ކްލަބެއް ވެސް ހުންނާނެ އެވެ.
މެއްޔަފުށީގައި ކެއިން ބުއިމަށް ހާއްސަކޮށް 10 އައުޓްލެޓެއް ހަދާފައިވެ އެވެ. މި ތަންތަނުން ތަފާތު އެކި ގައުމުތަކުގެ ކެއުންތަކާއި ބުއިންތައް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން އެންމެ ހާއްސަ އެއް ތަނަކީ މި ރިސޯޓުގެ މޫދު އަޑީގައި ހަދާފައިވާ "ބަބްލް" ގެ ނަން ދީފައިވާ އަންޑް ވޯޓާ ރެސްޓޯރެންޓެވެ.
މެއްޔަފުށި ހިންގާ ކުންފުނީގެ ކްލަސްޓާ ޖެނެރަލް މެނޭޖަރު އަހުމަދު ސިއާރު ވިދާޅުވީ އެ ރިސޯޓް ތަރައްގީކޮށްފައިވަނީ ޗުއްޓީ ހޭދަކުރަން އަންނަ ފަރާތްތަކަށް އެންމެ ފުރިހަމަ މެހުމާންދާރީގެ އިތުރުން ގުދުރަތީ ރީތިކަމުގެ އިހުސާސް ވެސް ވާނެ ގޮތަށެވެ. އަދި މިއީ ރާއްޖޭގެ މަތީ ފަންތީގެ ޓޫރިޒަމްގެ ހިދުމަތް ދެވޭނެ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.