ފިޗުން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި | ދެ ސަބަބު ޓޫރިޒަމާއި ބޭންކިން ނިޒާމަށް މާރުކުރުން

ފިޗުން ރޭޓިން ދެމެހެއްޓުމުގައި ބެލި މައިގަނޑު ސަބަބަކީ ޓޫރިޒަމް ރަނގަޅުވުމާއެކު ރާއްޖޭގެ އިގްތިސޯދު ރަނގަޅަށް ކުރިއަށް ދިއުމެވެ.

ރާއްޖޭގެ ޓޫރިޒަމް މި އަހަރު ކުރިއެރުމާއި ބޭރު ފައިސާ ބޭންކިން ނިޒާމަށް މާރު ކުރަން ފެށުމަކީ ސަބަބެއްގެ ގޮތުގައި ބަލައި ހޮންކޮންގުގެ ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން "ސީސީ" ގައި ދަމަހައްޓައިފި އެވެ. 

ފިޗުން މިއަދު ރޭޓިން ނެރެފައިވާ އިރު މި ނިންމުން އައުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޓޫރިޒަމް ދާއިރާގެ ވަރުގަދަ އަދި ދެމެހެއްޓެނިވި ޕަފޯމަންސް އަކީ ގައުމުގެ އިގްތިސޯދީ ކެރި ފޯރުންތެރިކަމުގެ މައިގަނޑު އެއް ސަބަބެވެ.

ފިޗުން ވަނީ މި އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ހަރަކާތްތެރިކަން ވަރުގަދަވުމާއެކު އަންނަ އަހަރު ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 6.0 ޕަސެންޓުގައި ކަމަށް ބުނެފައިވެ އެވެ. މިއީ ފަތުރުވެރިކަން ފުޅާކުރުމަށް ދިވެހި ސަރުކާރުން އަމާޒުކޮށްގެން ކުރިއަށްގެންދާ ސްޓްރެޓެޖީތަކުގެ ނަތީޖާ އެކެވެ.

މި ރޭޓިން ދެމެހެއްޓުމުގައި ބެލި އަނެއް ކަމަކީ އާމްދަނީ އިތުރުވުމާއި ބޭރު ފައިސާގެ ރިޒާވް ރަނގަޅުވުމާއި އަދި ހަރަދުތައް ބެލެހެއްޓުމެވެ. 

ރޭޓިންގ އޭޖެންސީން އިތުރަށް ފާހަގަކޮށްފައިވަނީ މެދު ރާސްތާގެ މާލީ އަދި ދަރަނީގެ ސްޓްރެޓެޖީތައް އެކުލަވާލުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ.މިއީ ދައުލަތުގެ މާލިއްޔަތު ދެމެހެއްޓެނިވި މަގެއްގައި ބެހެއްޓުމަށް ކުރެވޭ މަސައްކަތްތަކެކެވެ. ސަރުކާރުގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް އިންވެސްޓްމަންޓް މާޙައުލު ރަނގަޅުކުރުމަށް ގެނެވޭ ސްޓްރަކްޗަރަލް އިޞްލާޙުތަކުގެ އެހީގައި ދައުލަތުގެ ދަރަނި ދަށަށް ދާނެ މަގެއް ހޯދުމެވެ.

މި ރޭޓިން ދިނުމުގައި ފާހަގަކޮށްފައިވަނީ ފަހަކަށް އައިސް ކުރެވުނު މާލީ އަދި ފައިސާގެ އިސްލާހުތައް ކާމިޔާބުވެފައިވުމެވެ. މީގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް އިތުރުވުމާއި އާމްދަނީ ހޯދުމުގެ ޕާފޯމަންސް ރަނގަޅުވުން ހިމެނެ އެވެ. މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އޮފިޝަލް ރިޒަވް އެސެޓްސް 856.3 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. މިއީ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަވެފައިވާކަން ދައްކުވައިދޭ ކަމެކެވެ.

މި ކުރިއެރުން އައިސްފައިވަނީ ބޭރު ފައިސާއާ ގުޅޭ ޤާނޫނު ތަންފީޒުކުރުމުގެ ސަބަބުންނެވެ. މި ގާނޫނުގެ ދަށުން، ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުން ވަކި އަދަދަކަށް ބޭރު ފައިސާގެ އާމްދަނީ ބަދަލުކުރަންޖެހެއެވެ. މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބޭންކުތަކުން ބަދަލުކުރަންޖެހޭ ބޭރު ފައިސާގެ ނިސްބަތް 60 ޕަސެންޓުން 90 ޕަސެންޓުގެ އިތުރުވުމެކެވެ. 

ފިޗުން ރޭޓިން ދެމެހެއްޓިއިރު މޫޑީސް އިން ވެސް އެންމެފަހުން ވަނީ ރޭޓިން ދަށްނުކޮށް އިޝުއާ ރޭޓިން Caa2 ގައި ދަމަހައްޓާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.