ގިނަ ކެމްޕޭންތަކާއެކު އިންޑިއާ މާކެޓުން ރަނގަޅު ކުރިއެރުމެއް މިހާރު ފެނެ އެވެ. އެންމެފަހުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރަށްވުރެ ޓޫރިސްޓުންގެ އަދަދު ހުރީ ހަތަރު ވަރަކަށް ޕަސެންޓުގެ އިތުރުވުމެއްގަ އެވެ.
ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން އިންޑިއާ ޓޫރިސްޓުން އައިސްފައިވަނީ ކޮވިޑަށްފަހު ޖެހިގެން އައި ދެ އަހަރު އެވެ. މި ނަމްބަރު އިތުރު ވެގެން ގޮސްފައިވަނީ ރާއްޖެ އާއި އިންޑިއާ އިން ކޮވިޑުގެ ތެރޭގައި ހެދި "ޓްރެވަލް ބަބަލް" ގެ ސަބަބުންނެވެ. އެއް ގައުމުގެ މީހުން އަނެއް ގައުމަށް ދަތުރުކުރަން ހަމަޖެއްސި ފަސޭހަ އިންތިޒާމުގެ ތެރޭންނެވެ. މި އިންތިޒާމާއެކު އިންޑިއާ އިން މެދުއިރުމައްޗަށް މަސައްކަތު ދާން ބޭނުންވި ގިނަ ބަޔަކު ރާއްޖޭގައި "ކަރަންޓީންވެ" އެ މީހުންގެ މަސައްކަތު ގައުމުތަކަށް ދެވޭނެ އިންތިޒާމު ހަމަޖެހުނެވެ. މިއާއެކު އެ ގައުމުގެ "ޓޫރިސްޓުން" ގެ އަދަދު 200،000 އަށްވުރެ އިތުރުވި އެވެ. ނަމަވެސް މިއީ އިންޑިއާ މާކެޓު އެންމެ ގަދައަށް އިތުރުވި އަހަރެވެ. އޭގެފަހުން އޭރުގެ ސަރުކާރުގެ ޑިޕްލޮމެޓިކް ޗެނަލްތައް ވެސް މެދުވެރިކޮށް ވަނީ އެ މާކެޓު ހިފަހައްޓަން ގިނަ މަސައްކަތްތަކެއްކޮށް އެ ގައުމުގެ ބައެއް މީޑިއާތައް ވެސް ރާއްޖެ ގެނެސް މާކެޓިން ހަރަކާތް ތަކެއް ހިންގާފަ އެވެ. ނަމަވެސް އަހަރުން އަހަރަށް އެ މާކެޓު ދިޔައީ ދަށްވަމުންނެވެ. އެކަމަކު މި ދަށްވުން ބޮޑަށް ގޯސްވެގެން ދިޔައީ ރާއްޖެ އާއި އިންޑިއާގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަމެއްގެ ތެރޭންނެވެ. މިއާއެކު އިންޑިއާގައި ރާއްޖޭގެ އެންޓިކެމްޕޭން ފެށި އެވެ.
މި ބަދަލާއެކު އެއް ވަނާގައި އޮތް އިންޑިއާ މާކެޓު ފަސް ވަނަ އަށް ސޮއްސާލި އެވެ. އޮފް ސީޒަންގައި ހުސްތަން ފުރަން މުހިންމު މި މާކެޓު ވެއްޓިގެން ދިއުމުން ޓޫރިޒަމް މިނިސްޓްރީގެ އިސްނެގުމަކާއެކު އަލުން އެމްއެމްޕީއާރުސީން މާކެޓިން ހަރަކާތްތައް ފެށި އެވެ. މިއާއެކު މަޑުމަޑުން މި މާކެޓު ރަނގަޅުވަމުންދާތަން ފެންނަން ފަށާފައިވާއިރު ސުވާލަކީ އިންޑިއާ މާކެޓުން ކިހާ ބޮޑު ކުރިއެރުމެއް ގެނެވިދާނެ ހެއްޔެވެ؟ އެކަމަށް ކުރަން ޖެހެނީ ކޮން މަސައްކަތެއް ހެއްޔެވެ؟ ހުރި ގޮންޖެހުން ތަކަކީ ކޮބައި ހެއްޔެވެ؟
"ވަރަށް ބޮޑެތި މަސައްކަތްތަކެއް ރާއްޖޭން މިހާރު އިންޑިއާ މާކެޓު އަލުން ހޯދާނަމަ ކުރަން ޖެހޭ. މިހާރު ދުނިޔޭގައި އެ މާކެޓަށް އޮތް ވާދަވެރިކަން ވަރަށް ބޮޑު. ގިނަ ގައުމުތަކުން ގިނަ ލުއި ތަކެއް އެބަދޭ އެ މާކެޓު ހޯދަން،" ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވި އެވެ.
އިންޑިއާގައި ގައުމުން ބޭރުގައި ޗުއްޓީ ހޭދަ ކުރުމުގެ މާލީ ގާބިލްކަން ހުރި އާބާދީ ބޮޑެވެ. މައިގަނޑު ސަބަބަކީ މިދިޔަ 12 ވަރަކަށް އަހަރުތެރޭގައި އެ ގައުމުގެ ފަގީރު އާބާދީގެ ތެރޭގައި ތިބި ގިނަ ބަޔަކު މެދުފަންތީގެ އާމްދަނީ ލިބޭ ބަޔަކަށް ބަދަލުވެފައިވުމެވެ. މި މާލީ ބާރާއެކު ތަފާސް ހިސާބުތަކުން ދައްކަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެކަނި އިންޑިއާގެ 6.52 މިލިއަން މީހުން ގައުމުން ބޭރުގައި ޗުއްޓީ ހޭދަ ކުރަން ދަތުރުކޮށްފައިވުމެވެ/ މިއީ 2023 ވަނަ އަހަރު ދަތުރުކުރި މީހުންނާ އަޅާ ބަލާއިރު 17 ޕަަސެންޓުގެ ބޮޑު އިތުރުވުމެކެވެ.
މި ބޮޑު ކުރިއެރުން ލިބުމުގެ އަނެއް ސަބަބަކީ ފަސޭހައިން ދަތުރު ދަތުރު ކުރެވޭނެ އިންތިޒާމުތަކެއް އެ ގައުމުގެ ރައްޔިތުންނަށް ހަމަޖެހިގެން ދިއުމެވެ. މި ފަސޭހަ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތްނަމަވެސް ރާއްޖޭގައި އިންޑިއާ ޓޫރިސްޓުން އެންމެ ބޭނުންވާ ގިނަ ހިދުމަތްތައް ލިބޭކަށް ނެތެވެ. އެ މީހުންނަކީ ޝޮޕިން އާއި އިންޑިއަން ފުޑް ލިބެން ހުރިނަމަ ދަތުރު ކުރުން އިތުރު ބައެއްކަން ސާވޭތަކުން ދައްކަ އެވެ. މި ބައިތައް ރާއްޖޭގައި ނެތްނަމަވެސް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އިންޑިއާގެ ބޮލީވުޑްގެ ގިނަ އަަދަދެއްގެ ތަރިން ރާއްޖެ އައިސް ސޯޝަލް މީޑިއާއަށް ފޮޓޯ އަޅަމުން ދިއުމަކީ އެ ގައުމުން މާކެޓު ރާއްޖެއަށް އިތުރުވާ ބައެއް ސަބަބުތަކެވެ. މި އެޑްވާންޓޭޖުތައް ރާއްޖެއަށް ހުރި ނަމަވެސް ކޮވިޑަށްފަހު ދުނިޔެ ހުޅުވިގެން ދިއުމާއެކު މިހާރު ގިނަ ގޮންޖެހުން ތަކެއް ރާއްޖޭގެ ކުރިމަތީގައި އެބަހުއްޓެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޗައިނާ ނަގާފައި ގިނަ ގައުމުތަކުގައި މައިގަނޑު ޓޫރިޒަމް ސޯސް މާކެޓުތަކުގެ ގޮތުގައި އިންޑިއާ ބަދަލުވާން ފަށައިފި އެވެ. ނަތީޖާއަކީ އެ ގައުމުތަކުން އެ މާކެޓަށް ފޯކަސްކޮށް ކުރާ މަސައްކަތްތައް އިތުރުވުމެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އިންޑިއާއަކީ ސިންގަޕޫރުގެ ތިންވަނަ އަށް އެންމެ ބޮޑު ސޯސް މާކެޓެވެ. އެ ގައުމުގެ 1.2 މިލިއަން ޓޫރިސްޓުން ސިންގަޕޫރަށް ދިޔަ އެވެ. އަދި އެ އަހަރު ސިންގަޕޫރުގެ ސޯސް މާކެޓްތަކުގެ ލިސްޓުގެ އެއް ވަނާގައި އޮތީ ޗައިނާ އާއި އިންޑޮނޭޝިއާ އެވެ. މި ވާދަވެރިކަމާއެކު ގައުމުތަކުން ވަނީ އިންޑިއާ މާކެޓު "ޓެޕް ކުރަން" ގިނަ ފިޔަވަޅު ތަކެއް ފަށާފަ އެވެ. މިގޮތުން ދާދި ފަހުން ފިލިޕީންސް ސަރުކާރުން ވަނީ އިންޑިއާ ޓޫރިސްޓުންނަށް ފްރީ ވިސާ ދޭން ނިންމާފަ އެވެ. މި ބަދަލާއެކު އިންޑިއާ ޓޫރިސްޓުންނަށް މަސް ދުވަހު ފްރީ ވިސާގައި ފިލިޕީންސުގައި ތިބެވޭނެ އެވެ. މީގެ އިތުރުން ވެސް އާސިއާންގެ އެހެން ގައުމުތަކުން ވެސް ވަނީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އިންޑިއާއަށް ބާއްވަން މަސައްކަތް ފަށާފަ އެވެ.
އެ ގައުމުތަކުން މި މަސައްކަތް ކުރާއިރު ރާއްޖޭން ވެސް ވަނީ އިންޑިއާ މާކެޓުގައި ގިނަ މަސައްކަތް ތަކެއް ފަށާފަ އެވެ. މިގޮތުން އެމްއެމްޕީއާރުސީން މިދިޔަ ހައެއްކަ މަސް ދުވަހަށް ބަލާއިރު ޓްރެވަލް އެޖެންޓުންނާއެކު ރޯޑްޝޯ ތަކެއް ވެސް ބާއްވާފައިވެ އެވެ. އަދި އެމްއެމްޕީއާރުސީގެ މިހާރުގެ މެނޭޖުމަންޓުން ވަނީ އިންޑިއާ މާކެޓުގައި ކުރިން ކުރަމުން ދިޔަ މާކެޓިން ހަރަކާތްތަކުގެ ވައްޅަ ފާޅި ބަދަލުކޮށްލާފަ އެވެ. ކުރިން އެމްއެމްޕީއާރުސީން މުޅިން ވެސް ދަނީ އިންޑިއާގެ ފެއާތަކަށެވެ. މީގެ ބަދަލުގައި މިހާރުގެ މެނޭޖުމަންޓުން ވަނީ އެ ގައުމުގެ "ހިތް" ކަމަށްވާ ސެލެބްރިޓީން ބޭނުންކޮށްގެން ގިނަ ކެމްޕޭން ތަކެއް ފަށާފަ އެވެ.
މިދިޔަ ބޮޑު އީދުގައި ބޮލީވުޑްގެ އެއް ސެލިބްރިޓީ ކަމަށްވާ ފިލްމް ޑައިރެކްޓަރު ފަރާހާން ގެނެސްގެން ރާއްޖޭގެ އީދުގެ ހަރަކާތްތައް ކަވަރު ކުރި އެވެ. އަދި އެ ވާހަކަތައް ފަރާ މެދުވެރިކޮށް އިންޑިއާ މާކެޓުގައި އިޝްތިހާރު ކުރާނެ އެވެ. މީގެ އިތުރުން އިއްޔެ ވަނީ ރާއްޖޭގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ހޮލީވުޑްގެ އެންމެ މަޝްހޫރު އެއް ތަރި ކަމަށްބާ ކެޓްރީނާ ކައިފް ހަމަޖައްސާފަ އެވެ. މިކަން ވެގެން ގޮސްފައިވަނީ އިންޑިއާގެ މީޑިއާގެ ސަމާލުކަން ލިބި ސޯޝަލް މީޑިއާގައި އެ ވާހަކަ ދާއިމީކޮށް ދައްކާނެ ކަމަކަށެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން ކެޓްރީނާ ބުނެފައިވާ ގޮތުގައި އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރާނީ ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން އެންމެ ރަނގަޅު މަންޒިލުގެ ގޮތުގައި ބުނެދިނުމަށެވެ. ރާއްޖޭގެ އަދި ރާއްޖޭގެ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއްކަމަށާއި ސަނީ ސައިޑް އޮފް ލައިފް އިޝްތިހާރު ކުރާނެ އެވެ. މީގެއިތުރުން ކެޓްރީނާ ބުނިގޮތުގައި މި ޕާޓްނާޝިޕްގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނާއި ފޭނުންނަށް ދަތުރުފަތުރުގެ އެންމެ ފުރިހަމަ ތަޖުރިބާތައް ލިބެނީ ރާއްޖޭންކަން ދައްކުވައި ދިނުމެވެ.
މި ހުރިހާ މަސައްކަތަކާއެކު އިންޑިއާ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވާން ފަށާފަ އެވެ. ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނިޔަލަށް ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އިންޑިއާ އިން 58,915 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން 10 ގެ ނިޔަލަށް އައިސްފައިވާ 56,468 ޓޫރިސްޓުންނާ އަޅާ ބަލާއިރު 2,447 ޓޫރިސްޓުން އިތުރުވުމެކެވެ. މީގެން އެނގެނީ އެ މާކެޓުން ދިރުން ލިބެން ފަަށާފައިވާ ކަމަަށެވެ. މި ވަގުތު ގާތްގަނޑަށް ހަތަރު ވަރަކަށް ޕަސެންޓުގެ ކުރިއެރުމެއްގައި ހުރިނަމަވެސް އެމްއެމްޕީއާރުސީން މި ނަމްބަރާމެދު އެންމެ ހިތްހަމައެއް ނުޖެހެ އެވެ. އެ ކުންފުނީގެ އަމާޒަކީ މި އަދަދު އަދި ވެސް މަތި ކުރުމެވެ.
އެމްއެމްޕީއާރުސީގެ ޗެއާމަން އަބްދުﷲ ގިޔާސު ވިދާޅުވި ގޮތުގައި މާކެޓިން ހަރަކާތްތަކުގެ މައިގަނޑު ފޯކަސް ހުރީ އިންޑިއާ މާކެޓު 10 ޕަސެންޓުގެ އިތުރުވުމަކަށް ގެނައުމަށެވެ.
"ރާއްޖޭގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސި ކެޓްރީނާ ކައިފް ޕާސަނަލީ ވެސް ގިނަ މަސައްކަތް ތަކެއް އެބަކޮށްދޭ. މީގެ ނަތީޖާއެއްގެ ގޮތުން ހުރިހާ މީޑިއާތަކާއި ސޯޝަލް މީޑިއާތަކުގައި ވެސް އެ ވާހަކަ މިހާރު ދައްކަނީ. މިއީ ބޮޑު ފޭން ބޭސްއެއް އޮތް ތަރިއެއް. މީގެ އިތުރުން ވެސް ގިނަ ކަންކަން ކުރަން އެބަ މަސައްކަތް ކުރަން،" އަބްދުﷲ ވިދާޅުވި އެވެ.
ރާއްޖޭން ކުރިން އިންޑިއާގެ ކްރިކެޓް ޓީމަކާއެކު ވެސް ސޮއިކުރި އެވެ. އެކަމަކު އެ ފަހަރުގެ ހުށަހެޅުން ދޫކޮށްލީ މި ހުށަހެޅުމަށް ބަލާފައި ދިވެހި ގައުމަށް ލިބޭނެ ފައިދާ މީގެ ބޮޑުވާނެތީ އެވެ. އިތުރު އެހެންކަމެއް އޮވެގެންނެއް ނޫނެވެ. މިހުރިހާ މަސައްކަތްތަކާއެކު އެމްއެމްޕީއާރުސީ އާއި އިންޑަސްޓްރީގެ މަސައްކަތުން މި ފެންނަނީ އިންޑިއާ މާކެޓު އަލުން ދިރެން ފެށިތަނެވެ. އެކަމަކު މިކަމުގައި ރާއްޖެ އަށް ގިނަ ގޮންޖެހުން ތަކެއް އެބަހުއްޓެވެ. އެކަމަކު އެ ގޮންޖެހުންތައް ގިރާ ކުރެވިދާނެ އެވެ.