މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރި ސިނާޢަތުގެ ތަރައްގީއަށް 4.5 ބިލިޔަން ރުފިޔާގެ އިންވެސްޓްމަންޓް މިހާރު ވެސް ވަނީ ލިބިފަ އެވެ. މި މަސައްކަތްތައް ކުރުމަށް ފަންޑް ވަނީ ސޮއިކޮށްފަ އެވެ.
ރާއްޖޭގައި މެރިކަލްޗާގެ ގޮތުގައި މަސްވެރިކަމުގެ އާ ބާވަތްތައް ތައާރަފު ކުރަން ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލަން ތައްޔާރު ވެއްޖެ އެވެ.
މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ގައުމީ ޓީވީގައި ވިދާޅުވި ގޮތުގައި ރާއްޖޭގައި މެރިކަލްޗާގެ ގޮތުގައި މަސްވެރިކަމަށް ބޭރުގެ އިންވެސްޓަރުންނަށް އަންނަ މަހު ހުޅުވާލާނެ އެވެ. އަދި މި މަސައްކަތް އިއުލާނު ކުރާނީ އިންވެސްޓަރުންނަށް ގިނަ ލުއި ތަކެއް ލިބޭ ގޮތަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ. މިގޮތުން ބިމު ކުލީގެ ލުއިތަކާއި ގެންނަ ތަކެތީގެ ޑިއުޓީގެ ލުއިތައް ފަދަ އެތައް ލުޔެއް ހިމެނޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި މެރިކަލްޗާގެ ވިޔަފާރިތައް ގާއިމު ކުރުމުގެ ގޮތުން ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑު ކުރުމަށް، ފޮރިން އިންވެސްޓްމަންޓުތައް ހިމެނޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ވަކި ޒޯނުތަކެއް މެރިކަލްޗާ ތަރައްގީކުރާ ޒޯނުތަކެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރި ސިނާޢަތުގެ ތަރައްގީއަށް 4.5 ބިލިޔަން ރުފިޔާގެ އިންވެސްޓްމަންޓް މިހާރު ވެސް ވަނީ ލިބިފަ އެވެ. މި މަސައްކަތްތައް ކުރުމަށް ފަންޑް ވަނީ ސޮއިކޮށްފަ އެވެ.
"ސަރުކާރުން މިވަރުގެ ބޮޑު އިންވެސްޓްމަންޓެއް އަޅުގަނޑަކަށް ހިޔެއްނުވޭ މިވަރުގެ ބޮޑު ފޯކަސްއެއް މަސްވެރި ސިނާޢަތަށް އެއްވެސް ޒަމާނެއް އޮތްހެނެއް. އެ ފޯކަސް އެގޮތަށް އޮތްނަމަ މި ހާލަތުގައި މަސްވެރި ސިނާޢަތެއް ނޯންނާނެ،" ޝިޔާމް ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު ހުރީ 15500 ޓަނުގެ މަސް ރައްކާ ކުރެވޭނެ ވަސީލަތެވެ. ސަރުކާރުން ދަނީ މި އަދަދު 25000 ޓަނަށް ފުޅާ ކުރަން މަސައްކަތް ކުރަމުންނެވެ.