މެޑެލީން ދަތުރު | ހާއްސަވާ ފަލަސްތީނުގެ ފުރަތަމަ އަންހެން މަސްވެރިޔާ

މެޑެލީން މި ޔޮޓު ނިސްބަތް ވަނީ ފަލަސްތީނުގެ އަންހެން މަސްވެރިއެއް ކަމަށްވާ މެޑްލީން ކުއްލަބް އަށެވެ. އޭނާ މަހަށް ނުކުމެ އުޅެނިކޮށް އިސްރާއިލް ސިފައިން ވަނީ 2016 ވަނަ އަހަރު ހަމަލާދީ އޭނާގެ މަސްވެރި ކުޑަ އުޅަނދު އަތުލާފަ އެވެ.

ފަލަސްތީނުގެ ފުރަތަމަ އަންހެން މަސްވެރިޔާ މެޑްލީން ކުއްލަބް -- އަލްޖަޒީރާ

"މެޑެލީން" ގެ ނަމުން ނަން ދީފައިވާ ޔޮޓެއް 12 އެކްޓިވިސްޓުންނާއެކު މިހާރު އޮތީ ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ގާޒާ ސަރަހައްދުގަ އެވެ. އެ ޔޮޓު ދިއުމާއެކު އޭގައި ތިބި އެކްޓިވިސްޓް ގްރޫޕް ފްރީޑަމް ފްލޮޓިލާ ކޯލިޝަން (އެފްއެފްސީ) ގެ އެންމެން އިސްރާއިލް ސިފައިން ވަނީ ރަހީނު ކޮށްފަ އެވެ. ފަލަސްތީނުގެ ދިގުލައިގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާގެ ތެރޭން މި ހާދިސާ ދުނިޔޭގެ ސަމާލު ކަމަށް އައިސްފައިވާއިރު މިފަހަރު ފަލަަސްތީނަށް އެހީވާން ދިޔަ "މެޑަލީން" ޔޮޓަކީ ކޮބައި ތޯ ވެސް ބައިލުން މުހިންމެވެ. 

"މެޑެލީން" މި އުޅަނދު ހާއްސަކޮށްފައިވަނީ ފަލަސްތީނުގެ ފުރަތަމަ އަންހެން މަސްވެރިޔާ ނުވަތަ "ފިޝް ވުމެން" ކަމަށްވާ މެޑެލީން ކޮލަބް އަށެވެ. އިސްރާއިލުގެ ދިގުދެމިގެންދާ ހިސޯރުގެ ތެރޭގައި ދަތިހާލުގައި އުޅެމުން ދިޔަ މެޑެލީން މަސްވެރިކަމުގެ ދާއިރާ އަށް ނުކުތީ އުމުރުން އެންމެ 13 އަހަރުގަ އެވެ. އޭނާ ވަނީ ކުޑައިރު ބައްޕައާއެކު މޫދަށް ގޮސް ފަތަން ދަސްކޮށްފަ އެވެ. 

ބައްޕަ މަސްވެރިކަން ކުރާތަން ފެނުމުން އެކަމަށް އޭނާ އެކަމަށް ޝައުގުވެރިކަން އުފުދުނެވެ. އަދި ފަހުން އޭނަގެ ކޮށްކޮއާއެކު ކެޔޮޅުކަމު ގޮސް އުޅުނެވެ. މެޑެލީން އަކީ ފަލަސްތީނުގެ މަސައްކަތްތެރިންގެ ރަމްޒެއްގެ ގޮތުގައި ސިފަވާން ފެށީ ފުރަަތަމަ އަންހެން މަސްވެރިޔާގެ ގޮތުގައި އެ މަސައްކަތް ފެށުމާއެކުގަ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް އޭނާ ދާއަޅައިގެން މަސް ހިފުމާއި ނަނުގައި މަސް ބާނާ ކުޑަ އުޅަނދެއްގައި ނުރައްކާތެރި ކަނޑުތަކަށް ނުކުމެ އެވެ. އޭގެ އަހަރު ތަކެއް ފަހުން އުމުރުން 30 އަހަރުގެ ޒުވާން އުމުރަށް ދިއުމާއެކު ގިނަ ބައެއްގެ މެދުގައި އޭނާގެ މަގުބޫލުކަން އިތުރު ވެގެން ދިޔަ އެވެ. 

ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބަގް އާއި ގިނަ އަދަދެއްގެ މަޝްހޫރު މޫނުތަކާއެކު ގާޒާއަށް ދަތުރު ކުރަމުންދާ މެޑަލީން ޔޮޓް -- އޭޕީ

މެޑެލީންގެ ހިތްރުގަދަކަން ދުނިޔޭގެ ސަމާލު ކަމަށް އައިސްފައިވަނީ އިސްރާއިލްގެ އިސްތިއުމާރުންގެ ހަތިޔާރުއެޅި ކަނޑު އުޅަނދުތަކުން 2016 ވަނަ އަހަރު އޭނާ އަށް ދިން ހަމަލާ އެވެ. އޭނާ ދުއްވި އުޅަނދަށް ހަމަލާދީ އުޅަނދު އަތުލި އެވެ. ނަމަވެސް މެޑެލީން ހިތްރު އެލުވައެއް ނުލަ އެވެ. އަޒުމުގައި ދިޔައީ ކުރިއަށެވެ. އިސްރާއިލުން އޭނާގެ އުޅަނދު އަތުލައި ގަތްނަމަވެސް އިތުރު އުޅަނދެއް ހޯދައިގެން އަލުން ކަނޑަށް ނުކުތީ އެވެ.

މި މަސައްކަތުގައި މެޑެލީން އުޅެމުން ފަލަސްތީނުގެ އަންހެންނަށް ޓެކްނޮލިޖީ ދަސް ކޮށްދޭން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އިސްރާއިލްގެ ފިޔަވަޅުތަކާއެކު އޭނާގެ ބައްޕަ އާއި ކޮށްކޮ އެހެން ސަރަހައްދަކަށް ހިޖުރަކުރަން މަޖުބޫރުވި އެވެ. މިއަދު މެޑެލީންއަކީ އިސްރާއިލުން ގާޒާ ހިސޯރުކޮށް ބަނޑަށް ޖައްސަމަުން ގެންދާ މިލިއަނެއްހާ މީހުންގެ ތެރޭން އެކަކެވެ. އޭނާ ގާޒާގެ ކުދިކުދި ވެފައިވާ ގާކުނޑީތަކުގެ ތެރޭގައި ޓެންޓް ޖަހައިގެން އާއިލާއެކު ހައި ހޫނުކަމުގައި އުޅެމުން އެ ދަނީ އަލުން ކަނޑަށް ނުކުމެވޭނެ ކަމުގެ އުންމީދުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.