ރައީސް މުއިއްޒު، ސައުދީގެ ވަލީއަހުދާ ބައްދަލުކުރައްވައިފި

ރާއްޖެއާއި ސައުދީއާ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ރައީސް މުއިއްޒު، ސައުދީގެ ވަލީއަހްދާ އިއްޔެ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ވަލީއަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސުއޫދާ ބައްދަލުކުރައްވައިފި އެވެ.

އަލް-މިނާ ޕެލަސްގައި ރޭ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސައުދީ ސަރުކާރުން ދެމުންދާ މެހުމާންދާރީއަށާއި އެއްބާރުލުމަށްޓަކައި އަދި އެންމެހައި ހައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ހިދުމަތަށްޓަކައި، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސުއޫދަށާއި ވަލީއަހްދަށް، ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖެއާއި ސައުދީއާ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އެގޮތުން ދެ ގައުމުގެ މެދުގައި އޮންނަ އުހުއްވަތްތެރި ގުޅުން، ދެ ގައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރުމަށް ކުރެވިދާނޭ ކަންތައްތަކާމެދު ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވި އެވެ.

އެ ބައްދަލުވުމުގެ ކުރިން، ރައީސް ވަނީ، ސައުދީ ރަސްގެފާނުގެ މެހެމާންދާރީގެ ދަށުން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ވަޑައިގެންނެވި އިއްޒަތްރެރިންގެ ޝަރަފުގައި، ވަލީއަހުދު ބޭއްވެވި ހާއްސަ ހަފްލާއެއްގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

މި ހަފްލާގައި ވަލީއަހްދުގެ އެންމެ އަރިހުގައި ރައީސް މުއިއްޒު އިންނެވުމުން، ރާއްޖެއާ މެދު ސައުދީން ބަހައްޓައި ގާތްކަމާއި ދޭ އިސްކަން އިތުރަށް ހާމަވެގެން ގޮސްފައިވެ އެވެ.

ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން މި ވަގުތު ތިއްބެވީ ސައުދީގަ އެވެ. ރައީސްގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު، އެ ގައުމުގައި ތިއްބަވަނީ، ސައުދީ ސަރުކާރުގެ ހާއްސަ މެހުމާނުންގެ ގޮތުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.