ކުރިން ހޫނިމިން އެވްރެޖުކޮށް ހުންނަނީ 32 ޑިގްރީގަ އެވެ. އެކަމަކު މިދިޔަ އަހަރު 33 ޑިގްރީ ސެލްސިއެސްއަށްވުރެ މައްޗަށް އުފުލުނެވެ. އަދި 2023 ވަނަ އަހަރު އަހަރު ވިއްސާރަ ލައްވާލީ އޮގަސްޓް މަހާ އެވެ.
މޫސުމަށް އަންނަ ބަދަލުތައް ހަލުވިވެފައިވާ ކަމަށް ސައިންޓިސްޓުން އަބަދު ވެސް ބުނެ އެވެ. މި ބަދަލާއެކު ހޫނު ގަދަވާ ދުވަސްތައް ދިގު ދެމި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުންތައް އިތުރުވެއްޖެ އެވެ. މި ބަދަލު ދިވެހިންނަށް އެންމެ ރަނގަޅަށް ފެންނަނީ ރާއްޖޭގެ ގައުމީ މޫސުމާ ބެހޭ އޮފީހުގެ ރަސްމީ މައުލޫމާތުތަކުންނެވެ.
މެޓް އޮފީހުގެ މައުލޫމާތުގެ މައްޗަށް މޯލްޑިވްސް ޓްރެޓިސްޓިކް ބިއުރޯއިން ނެރުނު މިދިޔަ އަހަރުގެ އަހަރީ ތަފާސް ހިސާބު ފޮތް ދައްކާ ގޮތުން މޫސުމަށް އަންނަ ބަދަލުތައް ކަންބޮޑުވާ މިންވަރުގެ ބަދަލުތަކެއް ފާހަގަވާން ފަށައިފި އެވެ. ކުރިން ބޯކޮށް ވިއްސާރަވެހޭ މަސްތައް ބަދަލު ވެއްޖެ އެވެ. ކުރިން ގަދައަށް އަވިދޭ ދުވަސްތަކަށް ވެސް ބަދަލު އައިސް ހޫނުމިން އުފުލިއްޖެ އެވެ.
މޫސުމީ މި ހިސާބުތައް ދައްކާ ގޮތުގައި 2023 ވަނަ އަހަރު ރާއްޖެ އަށް އެންމެ ބޯކޮށް ވިއްސާރަ ވެހިފައިވަނީ އަހަރުގެ އެންމެ ފަހު ދެ މަސް ކަމަށްވާ ނޮވެމްވަރު ޑިސެމްބަރުގަ އެވެ. ނަމަވެސް މިދިޔަ އަހަރު އެންމެ ބޯކޮށް ވިއްސާރަވެފައިވަނީ މެއި އަދި އޮގަސްޓް މަހު އެވެ. މިގޮތުން 2023 ގައި އެންމެ ބޯކޮށް ވާރޭ ވެހުނު ޑިސެމްބަރު މަހު ގާތްގަނޑަކަށް 340 މިލިމީޓަރުގެ ވާރޭ ވެފައިވެ އެވެ. އަދި މިދިޔަ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު 270 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މިދިޔަ ދެ އަހަރު ދުވަހަށް ބަލާއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ލ. ކައްދޫ އަށެވެ. އެ ރަށަށް މެއި މަހު 579 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. މިއީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބޯ ވިއްސާރަ އެވެ. ދެވަނަ އަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ހަނިމާދޫ އަށެވެ. އެ ރަށަށް 459 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ. އަދި ތިން އަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މާލެ އަށް އޮގަސްޓް މަހު 448 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. މި ދެ ހިސާބުތަކުން ދައްކާ ގޮތުން މިއީ މިހާތަނަށް ރާއްޖެ އަށް އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެެކޯޑް ކުރެވިފައިވާ މިންވަރެވެ.
މިދިޔަ ދެ އަހަރުގެ ވިއްސާރަ އާއި އަވިދިން ދުވަސްތަކުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހދ. ހަނިމާދޫ އަށެވެ.އެ ރަށަށް މިދިޔަ އަހަރު 1,727 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.އަދި ދެވަނާގައި އުޅެނީ
ލ. ކައްދޫ އެވެ. އެ ރަށަށަށް 2,682 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނީ މާލެ އަށެވެ. ވެރިރަށް މާލެއަށް މިދިޔަ އަހަރު 2,633 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ހަތަރު ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ގަމަަށެވެ. އެ ރަށަށް 2,291 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ފަސް ވަނާގައި 2,047 މިލިމީޓަރުގެ ވާރޭ ވެހުނު ގދ. ކާޑެއްދޫ އޮތީ ތިން ވަނާގަ އެވެ.
މިދިޔަ އަހަރު އެންމެ ގިނައިރު އަވިދީފައިވަނީ ސ. ގަމަށެވެ. އެ ރަށަށް 2,750 ގަޑިއިރު އަވިދީފައިވެ އެވެ. އަދި މާލެ އަށް 2,733 ގަޑިއިރު އަވިދިން ކަމަށް ދައްކަ އެވެ. އަދި ތިން ވަނަ އަށް އެންމެ ގަދައަށް އަވިދީފައިވަނީ ހދ. ހަނިމާދޫ އަށެވެ. އެ ރަށަށް 2,576 ގަޑިއިރު އަވިދިނެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ 2023 އަށްވުރެ 2024 ވަނަ އަހަރު ރާއްޖޭގެ އެވްރެޖު ހޫނުމިން ވަނީ މަތިވެފަ އެވެ. އާއްމުކޮށް ރާއްޖޭގެ ހޫނުމިން އެވްރެޖުކޮށް 32 ޑިގްރީ ސެލްސިއެސްގައި ހުރިނަމަވެސް ބައެއް ދުވަސްތަކުގައި 33 ޑިގްރީ އަށްވުރެ މަތިވެގެންދާ ކަމަށް ކަމަށް ދައްކަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް އާއި މާރިޗު މަހު އާދަޔާ ހިލާފަށް ހޫނުގަދަވިކަން މި ހިސާބު ތަކުން އެނގެ އެވެ. މިގޮތުން އެޕްރީލް މަހު މާލޭގެ ހޫނިމިން 33 ޑިގްރީ ސެލްސިއެއްސްއަށް އުފުލުނެވެ. އަދި މާރިޗު މަހު ހަނިމާދޫ އަށް 33.9 ޑިގްރީ ސެލްސިއެސްގައި ހޫނުމިން ހުރިއިރު ފެބްރުއަރީ މަހު 33.5 ޑިގްރީ ސެލްސިއެސްއަށް ހޫނު ގަދަވި އެވެ.