އީދު ޚުޠުބާ | އިސްމާއީލް ގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ ޒުވާނުންނަށް ނަމޫނާއެއް

އަޟްޙާ ޢީދު ޚުޠުބާގައި ވަނީ އުލްހިޔާ ކަތިލުމަށް މެދުވެރިވި ހާދިސާއަށް ސާފުކޮށް އަލި އަޅުއްވާލައްވާފަ އެވެ. އަދި މި ހާދިސާއިން ލިބިގެންދާ އިބުރަތްތައް ކިޔައިދީފަ އެވެ.

އިބްރާހިމް ގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން، އިސްލާއިލް ގެފާނު ޤުރުބާންކުރެއްވުމަށް މާތް الله ކުރެއްވެވި ވަގުތު އެ ކަލޭގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ މި ޖީލުގެ ޒުވާންނަށް ނަމޫނާއެއްގެ ގޮތުގައި ބެލުމަށް މި އަހަރުގެ އީދު ޚުޠުބާގައި ގޮވާލައްވައިފި އެވެ. 

އަޟްޙާ ޢީދުގެ މުނާސަބަތުގައި ހިމެނޭ އުލްހިޔާ ކަތިލުން ރަމްޒުކޮށްދޭ ހާދިސާއާ ބެހޭ ގޮތުން މިއަދު ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި އޮތް އީދު ޚުޠުބާގައި ވަނީ އަލިއަޅުއްވާ ލައްވާފަ އެވެ. 

އީދު ޚުޠުބާގައި ބުނެގައިވާ ގޮތުން إِبْرَاهِيْم عَلَيْهِ السَّلَام އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން، ޤުރުބާންކުރެއްވުމަށް މާތް الله ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވި އެވެ.

ގިނަ އިބުރަތްތަކެއް ލިބިގެންދާ މި ހާދިސާއާ ބެހޭ ގޮތުން ޚުޠުބާގައި ބުނެގައިވާ ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތްކުރައްވައި އުޅުއްވާ ފުރާވަރަށް އެރި ހިނދު، އެކަލޭގެފާނު ވިދާޅުވި އެވެ. 

"އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ޤުރުބާންކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެއެވެ. ފަހެ، ތިބާޔަށް (އެ ކަމާ މެދު) ފެންނަ ގޮތެއް ވިސްނައިބަލާށެވެ!" މި ހިނދު އިސްމާޢީލުގެފާނު ދެންނެވީ ކީކޭތޯ އެވެ! " 

"އޭ ބައްޕާއެވެ! ކަލޭގެފާނަށް الله އަމުރުކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! الله އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާނީ، ކެތްތެރީންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ." އިސްމާޢީލުގެފާނު މި ތާންގައި މާތްﷲގެ އަމުރުފުޅަށް ކިޔަމަންތެރިވެ ވަަޑައިގެން ވިދާޅުވި އެވެ.

އީދު ޚުޠުބާގައި ބުނެގައިވާ ދެ ބަފައިކަލުން ވެސް ކެތްތެރިވެ ވަޑައިގަތީއެވެ. ބަފައިކަލުން، ދަރިކަލުން ޤުރްބާން ކުރެއްވުމަށް ޓަކައި ވަޅި ނެންގެވި އެވެ. ދަރިކަލުން ބަފައިކަލުންނަށް ކިޔަމަންވެ ވަޑައިގެން، ބަފައިކަލުންނަށް ކަނދުރާ ލަންބަވައިލެއްވިއެވެ. 

"އެ ހައި ހިސާބުން އިމްތިޙާނުން ފާސްވީކަމުގެ އުފާވެރި ހަބަރު އަތުވެއްޖެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﮋ ﭚ ﭛﭜﭝﮊ މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ." މި އިމްތިޙާނުގެ މަޤްޞަދަކީ إِسْمَاعِيْلُ عَلَيْهِ السَّلَام ޤުރްބާން ކުރެއްވުމެއް ނޫނެވެ. މާތް اللهގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގަންނަވާ މިންވަރު ބެއްލެވުމެވެ. ކޮންމެ ކަމަކަށް މާތް الله އަމުރުކުރެއްވިޔަސް އެކަމަކަށް ފަސްޖެހިވަޑައިގަތުމެއް ނެތި، އެ އަމުރުފުޅު، ތަންފީޒު ކުރައްވާނެކަން ދެއްކެވުމެވެ. إِسْمَاعِيْلُ عَلَيْهِ السَّلَام ސަލާމަތްވެވަޑައިގަތީ، މާތް ﷲ ބާވައިލެއްވި ފިދުޔައަކުންނެވެ،" އީދު ޚުޠުބާގައިވެ އެވެ. 

ޚުޠުބާގައި ބުނެގައިވާ ގޮތުން ޢީދުގައި އުޟްޙިޔާ ކަތިލުން ޝަރްޢުކުރެވިފައި ވަނީ މިހެންވެގެން ނެވެ. 

"އުޟްޙިޔާ އަށް ކަތިލެވޭނީ ނަޢަމް ސޫފީގެތެރެއިން އެއްޗެކެވެ. ގެރި ބަކަރި ޖަމަލުފަދަ ތަކެއްޗެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެންމެ އިތުރުވެގެންވަނީ އުޟްޙިޔާގެ ތިންބައިކުޅަ އެއްބައި ކެއުމެވެ. އަނެއް ތިންބައިކުޅަ އެއްބައި ފަޤީރުންނަށް ޞަދަޤާތް ކުރުމެވެ،" 

ޚުޠުބާގައި ބުނެގައި ބުނި ގޮތުގައި މި ހާދިސާއިން ގިނަ އިބުރަތްތަކެއް މި އަދުގެ ޖީލަށް ހާއްސަކޮށް ޒުވާނުންނަށް ލިބިގެންދެ އެވެ.  

"އިސްމާޢީލުގެފާނަށް ލިބިވަޑައިގެންފައިވާ ތަރުބިޔަތުގެ ރަނގަޅުކަމާއި ހެޔޮކަމެވެ. މިއަދު އަހަރެމެންގެ ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ ބަސް ނާހާ ވާހަކަ އަޑު އިވެއެވެ. އަހަރެމެންގެ ދަރީން ހެޔޮލަފާ ކިޔަމަންތެރި ބަޔަކަށް ހަދާން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި ހަދާށެވެ،"  ޚުޠުބާގައިވެ އެވެ. 

ޚުޠުބާގައި ބުނެފައިވާ ގޮތުން އިބްރާހިމް ގެފާނާއި އިސްލާއިލް ގެފާނުގެ ވެވަޑައިގަތް މަތިވެރި ޤުރުބާނީއިން ޢިބުރަތް ހާސިލްލުކުރާން ޖެހޭ ކަމަށެވެ. އަދި އެއީ މާތް اللهއަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެކެވެ. 

"އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ މާތް اللهއާއި އެކަލާނގެ ރަސޫލާގެ އެންގެވުންތަކާ ދުރުހެލިވުމެވެ. ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުމެވެ. ކީރިތި ރަސޫލާގެ ޞަޙާބީންގެ ކުރިފުޅު މަތީގައި ދުނިޔެ ތިރިވެ ކުޑަކަކޫ ޖަހައި ކިޔަމަންގަތީ ކީއްވެގެންތޯއެވެ. އިސްލާމް ދީނަށް ފައުޖުފައުޖަށް މީސްތަކުން ވަނީ ކީއްވެގެންތޯއެވެ! އެ ބޭކަލުންގެ މުއްސަނދިކަމަކުން ނޫނެވެ،" ޚުޠުބާގައިވެ އެވެ. 

މިއަދުގެ ޚުޠުބާގައި ނިންމަވާލަމުން ވަނީ މާތް اللهއަށް ބިރުވެތިވެ، މި ޢީދުން އައު ސަފުޙާއެއް ހުޅުވައިލައި ތިމާގެ މުޅި ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހަދައި އެއިރުން މުސްލިމުން ޢިއްޒަތްތެރި ބަޔަކަށް ވާނެ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.