އީދުގެ ހަގީގީ ޒީނަތްތެރިކަމަކީ، މުޖުތަމައުގެ ގުޅުންތައް އާލާ ކުރުން: ރައީސް

ކޮންމެ އީދަކީވެސް އުފާވެރި ހަނދާންތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހްތިފާލަކަށް ހެދުމަށް، އެ މަނިކުފާނު ވަނީ ހާއްސަ އިލްތިމާސެއް ކުރައްވައިފަ އެވެ.

އީދު ފާހަގަ ކުރުމުގައި ކުޑަކުދިންނާއެކު ރައީސް ބައިވެރިވަޑައިގަންނަވަނީ -- ރައީސް އޮފީސް

އީދުގެ ހަގީގީ ޒީނަތްތެރިކަމަކީ، އިޖުތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާ ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

މިއަދު ފާހަގަކުރާ އަޟްހާ އީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައި، ރައީސް ވިދާޅުވީ، އީދުގެ އުފަލާއެކު، އިސްލާމީ މުޖުމަތައުތަކުން ފެންނަ އެންމެ ރިވެތި ސިފަތަކަކީ، ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ދެރައެއް މޮޅެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކުވެރިކަމާއެކު ނަމާދުކޮށް، ﷲގެ ނިއުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިފަދަ ކޮންމެ އީދެއްގައި، ދުރާއި ގާތުގައި ތިބި މުސްލިމް އަހުންނާއި އުހުތުންގެ މަތީން އަޅުގަނޑުމެން ހަނދާން ކުރަމު އެވެ.

އީދު ފާހަގަ ކުރުމުގައި ރައީސް ބައިވެރިވަޑައިގަންނަވަނީ -- ރައީސް އޮފީސް

"ވަކީން ހާއްސަކޮށް، ފަލަސްތީނުގެ ލޮބުވެތި އުހުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުއާތަކުންނެވެ،" ރައީސް ވިދާޅުވި އެވެ.

"މުސްލިމުންގެ މުގައްދަސް މިސްކިތުގެ ހިމާޔަތުގައި، އަދި ﷲ ބަރަކާތްލެއްވި އެ މާތް ބިމުގެ ހައްގުގައި، ފަލަސްތީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލައްވާށި އެވެ."

ކޮންމެ އީދަކީވެސް އުފާވެރި ހަނދާންތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހްތިފާލަކަށް ހެދުމަށް، އެ މަނިކުފާނު ވަނީ ހާއްސަ އިލްތިމާސެއް ކުރައްވައިފަ އެވެ. 

"ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަހްމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި، ދަރީންނަށް ރިވެތި ނަމޫނާއާއި ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، އީދުގެ ހަގީގީ ޒީނަތްތެރިކަމެވެ،" ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އިސްކަން ދޭންވާނީ، މިފަދަ ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖުތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާ ކުރުމަށެވެ."

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.