ހައްޖާއި އުމްރާގެ ފުރިހަމަ ހިދުމަތްތަކަށް ރައީސްގެ ޝުކުރު ސައުދީ ރަސްގެފާނަށް

ސައުދީގެ މި އޯގާތެރިކަން އެ މަނިކުފާނު ސިފަކުރައްވާފައިވަނީ، ހިތަށްވެސް ގެންނަންދަތި، މަތިވެރި ހިދުމަތްތަކެއްގެ އިތުރުން ހުއްޓުމެއްނެތި ކުރަމުންދާ ބުރަ މަސައްކަތެއްގެ ގޮތުގަ އެވެ.

ރައީސް މުއިއްޒު އަދި ސައުދީ ރަސްގެފާނު

ހައްޖާއި އުމްރާގެ އަޅުކަމަށް އަންނަ މުސްލިމުންނަށް ދެއްވާ ހާއްސަ މެހެމާންދާރީއާއި ހިދުމަތްތަކަށް، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށާއި، އެ ގައުމުގެ ސަރުކާރަށް ވަރަށް ހާއްސަ ޝުކުރެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދާކުރައްވައިފި އެވެ.

ރައީސްގެ ރަސްމީ އެކްސް އެކައުންޓުން، އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި، ސައުދީގެ މި އޯގާތެރިކަން އެ މަނިކުފާނު ސިފަކުރައްވާފައިވަނީ، ހިތަށްވެސް ގެންނަންދަތި، މަތިވެރި ހިދުމަތްތަކެއްގެ އިތުރުން ހުއްޓުމެއްނެތި ކުރަމުންދާ ބުރަ މަސައްކަތެއްގެ ގޮތުގަ އެވެ.

ރައީސްގެ މި ޕޯސްޓުގައި، ސައުދީގެ ދީލަތި ރައްޔިތުންނަށް އިސްލާމްދީނަށް ހިދުމަތްކުރުމުގެ ތައުފީގު އަބަދުމެ ދެއްވުން އެދި ދުއާ ކުރައްވައި، މި އިހްސާންތެރިހިދުމަތުގެ ހެޔޮ ދަރުމައާއި ސަވާބު މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވެ އެވެ.

ސައުދީއަށް ރައްކާތެރިކަން ދެއްވުން އެދި ރައީސްގެ މި ޕޯސްޓުގައި ކުރައްވާފައިވާ ދުއާގައި، ރަސްގެފާނަށާއި ވަލީއަހުދު ދިގު އުމުރުފުޅަކާއި، ފުރިހަމަ ސިއްހަތާއި އާފިޔަތުގެ ނިއުމަތަށް އެދިވަޑައިގެންފައި ވެއެވެ. 

އަދި ހަސަދަވެރީންނާއި، ހިޔާނާތްތެރީންނާއި މަކަރުވެރީންގެ ނުރައްކަލުން ސައުދީ ސަލާމަތްކޮށްދެއްވައި، އެ ގައުމުގައި އަމާންކަމާއި ސިލްމާއި ސަލާމަތު ދަމަހައްޓަވައި، އުފާފާގަތިކަން ދެއްވައި، އިއްޒަތްތެރިކޮށްދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ދިވެހި ހައްޖާޖީންނަށް ވަރަށް ގިނަ ފަސޭހަތައް ސައުދީ ސަރުކާރުން ދަނީ އަބަދުވެސް ފަހިކޮށް ދެއްވަމުންނެވެ. 

ވަކީން ހާއްސަކޮށް، މައްކާ ރޫޓް އިނީޝިއޭޓިވްގައި، ހާއްސަ ހުއްދައަކާ އެކު ރާއްޖެ ބައިވެރިކުރެއްވުމާއި ގުޅިގެން، މި އަހަރުން ފެށިގެން ދިވެހި ހައްޖާޖީންނަށް ދަތުރުގެ ބުރަތައް ވަނީ ވަރަށް ބޮޑަށް ލުއިވެފަ އެވެ. އަދި ހައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ދިވެހި ހައްޖާޖީން ތިބޭ ތަންތަނުގައި ވެސް ގިނަ ހިދުމަތްތަކެއް ވަނީ އިތުރަށް ފަހިވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.