އައިއެލްއޯގެ ކޮންފަރެންސްގެ އިސް ބޭފުޅަކަށް ބައިވެރިވަޑައިގަތީ މިނިސްޓަރު ޑރ. ހައިދަރު އެވެ. މީގެ އިތުރުން ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސްގެ ފަރާތުން ރައީސް ޖަނާހު އާއި ނައިބް ރައީސް ޝާހިދާ އެވެ.
އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) އިން އިއްޔެ ބޭއްވި 113ވަނަ، ބައިނަލްއަގުވާމީ ލޭބަ ކޮންފަރެންސްގައި އިސްރާއިލް ވާހަކަ ދައްކަން އެރުމާއެކު ދިވެހި ވަފުދު މާލަމް ދޫކުރައްވައި ނުކުމެއްޖެ އެވެ.
އައިއެލްއޯގެ 113ވަނަ، ބައިނަލްއަގުވާމީ ލޭބަ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު އެވެ. އަދި ރާއްޖޭގެ ވަފުދުގައި ދެން ހިމެނިވަޑައިގަންނަވަނީ ގިނަ ޖަމިއްޔާ ތަކެއް ހިމެނޭ އައިއެލްއޯގެ ރާއްޖޭގެ ހަމައެކަނި މެންބަރު ޖަމިއްޔާ ކަމަށްވާ ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) ގެ ފަރާތުންނެވެ.
އައިއެލްއޯގެ ބޮޑު މި ބައްދަލުވުމުގައި އެންއެފްއެމްއީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އިތުރުން އެ ފެޑަރޭޝަނުން ޔޫރަޕާއި ޖެނީއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަދި ނައިބް ރައީސް މަރިޔަމް ޝާހިދާ ވެސް ބައިވެރިވެޑައިގަތެވެ. މި ކޮންފަރެންސުގައި އައިއެލްއޯގެ 187 ގައުމުގެ މަންދޫބުން ބައިވެރިވެފައިވެ އެވެ.
ރާއްޖޭގެ ވަފުދުން ވަނީ މި ކޮންފަރެންސުގައި ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގަމުންދާ އިސްރާއިލްގެ މަންދޫބު ވާހަކަ ދައްކަން އެރުމާއެކު ނުރުހުން ފާޅު ކުރުމުގެ ގޮތުން މާލަމް ދޫކޮށް ބޭރަށް ނުކުމެވެފަ އެވެ. އަދި ރާއްޖެއާއެކު އެހެން ބައެއް ގައުމުތަކުންވެސް މި އިހުތިޖާޖުގައި ބައިވެރިވި އެވެ. މީގެ އިތުރުން މި ކޮންފަރެންސުގައި ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސްގެ ރައީސް ޖަނާހު ވަނީ ފަލަސްތީނާއި ރާއްޖޭގެ ގުޅުން ދެއްކުމުގެ ގޮތުން ފަލަސްތީނުގެ މޭޒަށް ވަޑައިގެން ބައްދަލު ކުރައްވާފަ އެވެ.