މިހާރު އަރަފާތު ބިމަށް ދެ މިލިއަނެއްހާ ހައްޖާޖީން ޖަމާވެފައިވެ އެވެ. މި ހައްޖާޖީންގެ ތެރޭގައި ދިވެހި 1000 ހައްޖާޖީން ވެސް ހިމެނެ އެވެ. މި ބިމަށް އެއްވެ ހައްޖާޖީން ފުއްސެވުމާއި ދިންނެވުން ދެއްވުން އެދި ދުއާ ކުރާނެ އެވެ.
ހައްޖުގެ މާތް އަޅުކަމަށް ގޮސްތިބި އެތައް މިލިއަން ހައްޖާޖީންނެއް ހައްޖުގެ އެންމެ މުހިންމު ދުވަސް ކަމަށްވާ އަރަފާތު ދުވަހު، އަރަފާތު ބިމަށް ޖަމާވެއްޖެ އެވެ.
ހައްޖުގެ އެންމެ މުހިންމު އެއް ރުކުން ކަމަށްވާ އަރަފާތު ބިމުގައި ހޭދަކުރާ މުއްދަތުގެ މާތްކަން ހޯދުމަށް އަރަފާތު ބިމުގައި މިވަގުތު ދެ މިލިއަނެއްހާ ހައްޖާޖީން ޖަމާވެފައިވެ އެވެ.
މި ހައްޖާޖީންގެ ތެރޭގައި ދިވެހި 1000 ހައްޖާޖީން ވެސް ހިމެނެ އެވެ. މި ބިމަށް އެއްވެ ހައްޖާޖީން ފުއްސެވުމާއި ދިންނެވުން ދެއްވުން އެދި މާތްﷲ އަށް ދުއާ ކުރާނެ އެވެ. މި ބިމަށް ހުރިހާ މުސްލިމުން އެއްވެ ތިބޭ ދުވަސްތަކުގައި ފެނިގެންދާނީ އިންސާނީ ހަމަހަމަކަމެވެ. މިއީ ވެރިއެއް އާއްމު ރައްޔިތެއް ތަފާތެއް ނެތް ބިމެކެވެ.
ހައްޖު ދުވަހުގެ މާތްކަން ބަޔާން ކުރައްވައި ރަސޫލުﷲ صلى الله عليه وسلم ގެ ޙަދީޘެއްގެ މާނައިގައިވެ އެވެ. ހައްޖަކީ ޢަރަފާތެވެ. އެހެންކަމުން މިއަދުގެ އިރުއޮއްސުމުގެ ކުރިން އަރަފާތު ބިމަށް ނުވަދެވުނު މީހާ އަށް ހައްޖެއް ނުލިބޭނެ އެވެ. މިއަދަކީ އެންމެ ގިނަ މީހުން ނަރަކައިން މުއްތި ކުރައްވާ ދުވަސް ކަމަށް ހަދީސްގައިވެ އެވެ. ހައްޖުދުވަހު މާތްކަމުން ހައްޖަށް ނުދެވޭ ގިނަ ބަޔަކު މިއަދު ރޯދަަށް ތިބޭނެ އެވެ.
ދިވެހި ހައްޖާޖީން މި ފަހަރު މައްކާ ރޫޓުން ހައްޖަށް ގޮސްފައިވާއިރު މިއީ ސައޫދީ އަރަބިއްޔާ އިން ހާއްސަ އިންތިޒާމުތަކަކާއެކު ހައްޖުގެ އަޅުކަން އަދާކުވޭ ގޮތަށް ހަމަޖައްސާފައިވާ ރޫޓެކެވެ. މިގޮތުން މި އިންތިޒާމުގެ ދަށުން ހައްޖާޖީންގެ އިމިގްރޭޝަން ކަންކަން ފުރިހަމަ ކުރާނީ އެބައެއްގެ ގައުމުގެ އެއާޕޯޓުގަ އެވެ. އަދި ހައްޖާޖީން ސައޫދީއަށް އެތެރެވުމަށްފަހު އިތުރު ޗެއިންއާއި އިމިގްރޭޝަން ޕްރޮސެސްއެއް ނެތި ސީދާ ދާނީ ހޮޓަލަށެވެ.