އީދު ފާހަގަކުރުމަށް އިންތިޒާމް ކުރާ އެންމެހާ ހަރަކާތްތަކަކީ އިސްލާދީނުގެ އިމުން ބޭރުނުވާނެ ހަރަކާތްތެއްކަން ކަށަވަރު ކުރުމަށް އެލްޖޭއީއިން ވަނީ ކައުންސިލުތަކުން އަންގައިފަ
ރަށްރަށުގައި ކުރިއަށް އޮތް އަޟުހާ އީދު ފާހަގަކުރާއިރު، އިސްލާމް ދީނާއި އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް ހަރަކާތްތައް ކުރިއަށްގެންދޭތޯ ކަށަވަރުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފި އެވެ.
ހުރިހާ ސިޓީތަކާއި، އަތޮޅު އަދި ރަށު ކައުންސިލްތަކަށް އެލްޖީއޭއިން ފޮނުވި ސިޓީއެއްގައި ބުނީ، އީދު ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކަށް، ރަށުގެ އެއްބައިވަންތަކަމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި އަދި އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ދިރުވައި އާލާކުރުމުގެ އިތުރުން ދިވެހި ސަގާފަތާއި އާދަކާދަ ދިރުވުންވެސް ވެފައިވާ ކަމަށެވެ.
އެހެންކަމުން އީދު ފާހަގަކުރުމުގައި އިސްލާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމަކީ ކައުންސިލުތަކުގެ ވެސް ގާނޫނީ ޒިންމާއެއް ކަމުން، އީދު ފާހަގަކުރުމަށް އިންތިޒާމް ކުރާ އެންމެހާ ހަރަކާތްތަކަކީ އިސްލާދީނުގެ އިމުން ބޭރުނުވާނެ ހަރަކާތްތެއްކަން ކަށަވަރު ކުރުމަށް އެލްޖޭއީއިން ވަނީ ކައުންސިލުތަކުން އަންގައިފަ އެވެ.
އަދި ހަރަކާތްތައް ހިންގުމުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނުވާނެހެން ކަންކަން އިންތިޒާމް ކުރުމަށްވެސް އެލްޖޭއީން ކައުންސިލްތަކަށް އަންގާފައި ވެ އެވެ.