މި އީދުގައި ތުލުސްދޫގައި އޮންނަ ހަރަކާތްތަކުގެ ކޭޓަރިން ދޭނީ ދަ ނެކްސަސް ހަބް އިންނެވެ. އެ ކުންފުނިން ވަނީ ޕްރިވިލެޖްޑް ލޯޔަލްޓީ ކާޑަށް އިތުރު ފައިދާތައް ހިމަނައިގެން އަލުން ލޯންޗްވެސް ކޮށްފަ އެވެ.
ކ. ތުލުސްދޫގައި އީދު ފާހަަގަ ކުރަން ބާއްވާ ހަރަކާތްތަކުގެ އީދު ކޭޓަރިން ދަ ނެކްސަސް ހަބް އަށް ދީ، ޕްރިވިލެޖް ކާޑު އަލުން ލޯންޗުކޮށްފި އެވެ.
ތުލުސްދޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގައި މި އަހަރު ބާއްވާ އީދުގެ ހަރަކާތްތަކުގެ ކޭޓަރިން ހިދުމަތްދޭން ތުލުސްދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ފަރާތުން ވަނީ އެ ރަށުގެ ޓޫރިޒަމްގައި ހަރަކާތްތެރިވާ ދަ ނެކްސަސް ހަބް އަށް ހަވާލުކޮށްފަ އެވެ. ނެކްސަސް ހަބްއަކީ ތުލުސްދޫގެ ރާޅު ޕޮއިންޓުގެ ކައިރީގައި ގިނަ ބާވްތަތަކުގެ ކެއުންތައް ހިމެނޭހެން ރެސްޓޯރެންޓެއް ހިންގަމުން ގެންދާ ކުންފުންޏެކެވެ.
މި އެއްބަސްވުމުގައި ދަ ނެކްސަސް ހަބް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ނާސިހު އެވެ. ތުލުސްދޫ ލޯކަލް އޮތޯރިޓީ ކުންފުނީ (އެލްއޭސީ) ގެ ފަރާތުން ސޮއިކުރެއްވީ އަހުމަދު ޝިމާލް އެވެ.
މި ހަފުލާގައި ތުލުސްދޫގައި މި އަހަރުގެ އީދު ފާހަގަ ކުރަން ހަދާފައިވާ އީދުލަވަ ލޯންޗް ކުރުން ވެސް އޮތެވެ. ފޯރިގަދަ މި ލަވައިގައި ތުލުސްދޫގެ ގިނަ މަންޒަރުތަކެއް ފެނިގެންދެ އެވެ. މިގޮތުން ތުލުސްދޫގެ ލައިފްސްޓައިލާއި އެ ރަށުގެ ޓޫރިޒަމްގެ ހާއްސަ ގިނަ ސިފަތަކާއި ތިމާވެށީގެ ރީތިކަން ވެސް ހިމެނެ އެވެ.
މި ހަފުލާގައި ތުލުސްދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީ ޝިމާލް ވިދާޅުވީ މި އަހަރު މި ރަށުގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ މި ރަށުގެ ހުރިހާ މުވައްސަސާތަކާއި ރައްޔިތުން ގުޅިގެންނެވެ. މި ރަށް ވެސް އެހެން ރަށްތަކަށް ދޫކުމެއްނެތި ގިނަ ހަރަކާތް ތަކެއް ހިންގާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. އީދަށް ހާއްސަކޮށް ލަވައެއް ނެރުނު މައިގަނޑު ސަބަބަކީ ވެސް މިއީ ކަމަށް ޝިމާލް ވިދާޅުވި އެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވި ގޮތުގައި އެ ރަށުގައި އިންވެސްޓްކޮށްގެން ތިބި ވިޔަފާރިތަކަކީ ރަށުގެއެކި ކަންކަމުގައި ކައުންސިލަށް އެހީތެެރިކަންދޭ ފަރާތްތަކެއް ކަމަށާ އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ. މި އަހަރުގެ ބޮޑު އީދުގައި މި ރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަފުލާގައި ދަ ނެކްސަސް ހަބްގެ ވިޔަފާރީގައި ހިމެނޭ ޕްރިވިލެޖްޑް މޯލްޑިވްސްގެ ޕްރިވިލެޖްޑް ކާޑު އަލުން ލޯންޗް ކުރުންވެސް އޮތެވެ. މި ކާޑަކީ ރާއްޖޭގެ އެންމެ ބޮޑު ލޯޔަލްޓީ ޕްރޮގްރާމްގެ ގޮތުގައި 2020 ވަނަ އަހަރު ތައާރަފު ކުރި ކާޑެވެ. ނަމަވެސް ކޮވިޑުގެ ދުވަސްވަރު ކަމަށްވުމުން އަލުން މިވަނީ އިތުރު ބެނިފިޓްތަކާއެކު ވަނީ ނެރެފަ އެވެ. މިފަހަރު މި ކާޑު ނެރުނީ ފިސިކަލް ކާޑެއްގެ ގޮތުގައި ނަން ޖަހައި ޕްރިންޓްކޮށްގެން ފޯރުކޮށްދޭ ކޮލިޓީ ރަނގަޅު ކާޑެއްގެ ގޮތުގަ އެވެ. މިފަހަރު މި ކާޑު ތައާރަފު ކުރާއިރު ދިވެހިން އާއްމުކޮށް ގޮސް އުޅޭ ތައިލެންޑާއި އިންޑިއާ ފަދަ ގައުމުތަކުން ވިޔަފާރި ކުރުމުން ވެސް މަންފާ ލިބޭނެ ގޮތަށް ނެޓްވޯކް ފުޅާކުރަން އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މި ކާޑު ބޭނުން ކުރުމުން އެންމެ މަދުވެގެން 15 ޕަސެންޓުގެ ޑިސްކައުންޓެއް ވިޔަފާރިތަކުން ލިބޭނެ ގޮތަކަށް މިފަހަރު ކާޑު ތައާރަފު ކުރާނެ އެވެ. މި ކާޑު ނެޓްވޯކްގައި މިވަގުތުވެސް 80 އަށްވުރެ ގިނަ ވިޔަފާރި ހިމެނެ އެވެ.