ކަރަންޓް ޓެރިފް ކުޑަ ކުރުން | ކުރިން އަތްލާން ނުކެރުނު ބަޓަނެއް

މި ބަދަަލަކީ ތަޖުރިބާކާރުން އެދެމުން ދިޔަ ބަދަލެކެވެ. މި ބަދަލުން ދައުލަތަށް އޮތް މާލީ ބުރަވެސް ބޮޑުވާނެ އެވެ. އެކަމަކު ސަރުކާރުން މި ބަދަލު ގެނައީ ހެޔޮ ނިޔަތުގަ އެވެ. ރައްޔިތުން ކުރަން ޖެހޭ ކަމަކީ ކަރަންޓު އިޝްރާފު ކުޑަކުރުމެވެ.

ސްޓެލްކޯ މުވައްޒަފެއް މަސައްކަތް ކަރަންޓު މަސައްކަތެއް ހައްލު ކުރުމުގައި ހަރަކާތްތެރިވަނީ

ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭން ބޭނުންކުރާ ބޭންޑްތައް ނުވަތަ "ޓެރިފް" ތަކުގައި ގިނަ މައްސަލަ ތަކެއް ހުރިކަން ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކުގެ އެންމެ އިސްވެރިން ވާހަކަ ދައްކާތާ ލައްކަ ދުވަސް ވެއްޖެ އެވެ. މިގޮތުން މި ވާހަކަ އެންމެ ގިނައިން ދެއްކެވި އެއް ބޭފުޅަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ސްޓެލްކޯ ހިންގަވަން ހުންނެވި އަހުމަދު ޝަރީފު އެވެ. ރޯދަ މަހާ ގުޅިގެން ކަރަންޓު ބިލްތައް ބޮޑުވުމުގެ ހޫނުގަނޑުގެ ތެރޭގައި ޝަރީފުވަނީ ޓްރިފްއަކީ އެ ކުންފުނީގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ. އަދި ކަރަންޓުގެ އަގު ދަށްކުރަން ބޭނުންނަމަ މިހާރު ޓެރިފް ރޭޓު ބަދަލު ކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ޝަރީފު ވިދާޅުވެފައިވެ އެވެ. އެކަމަކު އެ ބަދަލު ގެންނާކަށް އެމްޑީޕީ ސަރުކާރަކަށް ވެސް ނުކެރުނެވެ. ރާއްޖޭގައި ކަރަންޓު ދޭން ބޭނުންކުރާ ޓެރިފް ރޭޓު އެންމެފަހުން އެކުލަވާލީ 2009 ވަނަ އަހަރު އެވެ. އޭގެފަހުން ކަރަންޓުގެ އަގަށް 2018 ގައި ބަދަލު ގެނައުން ފިޔަވައި އިތުރު ބަދަލެއް ގެނެސްފައެއް ނުވެ އެވެ. މީގެ މައިގަނޑު ސަބަބަކީ މި ބަޓަނުގައި އޮއްބާލަން ސަރުކާރަށް ނުކެރުނެވެ. މައިގަނޑު ސަބަބަކީ މީގެ ސަބަބުން ކުރިމަތިލާނެ މާލީ ގެއްލުން ބޮޑުވުމާއި އެކަމަށް ޝައުގުވެރިކަން ވެސް ނެތީ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަނީ 16 އަހަރަށްފަހު މި ބަދަލު އިއުލާނުކޮށް، އެކަން ފެނަކަ އާއި ސްޓެލްކޯއިން ތަންފީޒުވެސް ކޮށްފަ އެވެ. މި ބަދަލާއެކު ކަރަންޓު ބިލްތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ އެވެ. އެކަމުގެ ޔަގީންކަން ދެނީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތުގައި މަސައްކަތް ކުރައްވާ އެންމެ ތަޖުރިބާކާރުންނެވެ. 

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން ކަސްޓަމަރުންގެ ބޮޑު ބައެއްގެ ބިލްތައް ބޮޑުތަނުން ކުޑަ ވެގެންދާނެ އެވެ. ނަމަވެސް މި ބަދަލު ސަރުކާރުން ގެނައި ނަމަވެސް އެކަން އިހުސާސް ވުމުގައި ކަރަންޓު ބޭނުން ކުރާ ގޮތް މުހިންމު ދައުރެއް ކުޅޭނެ އެވެ.

މި ބަދަލުގެ ސަބަބުން ކަރަންޓު ބިލްތައް ކުޑަވާނެކަން މިހާރު ސްޓެލްކޯއިން ފޮނުވަމުންދާ ބިލްތަކުން އެނގެ އެވެ. މިހާރު ފޮނުވަމުންދާ ބިލްތަކަށް ބަލާއިރު ގިނަ ކަރަންޓު ބިލްތަކުން ގާތްގަނޑަކަށް 80-19 ޕަސެންޓުގެ ދަށްވުމެއް ފާހަގަވެ އެވެ. އެކަމަކު މި ބަދަލު ފެންނަނީ މިދިޔަ ދެ މަހާ އަޅާ ނުކިޔާނަމަ އެވެ. ސަބަބަކީ މިދިޔަ ދެ މަހަކީ ރޯދަމަހާއި އަދި ޖެހިގެން އައި މަހަކު ސަރުކާރުން ބޮޑު ޑިސްކައުންޓެއް ބިލްތަކަށް ދިން ދެ މަހަށްވުމެވެ. އެހެންވެ މި ދެ މަސް ނުލައި އެވްރެޖުކޮށް އަހަރުގެ ތެރޭ ހުރި ބިލްތަކަށް ބަލައިލުމުން ބިލްތަކުގެ ފަރަގު ފެންނާނެ އެވެ.

މި ބަދަލުން 50،000 ގޭބިސީއަށް ހެޔޮ ފައިދާ

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ

މިއީ ބޮޑު ބަދަލެކެވެ. ސަބަބަކީ ސްޓެލްކޯގެ ކަރަންޓުގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންގެ ތެރޭން ދިރިއުޅޭ ތަންތަން ނުވަތަ ގޭބިސީތަކުގެ އަދަދު 60،509 އަށް އަރާއިރު، މާލެ ސަރަހައްދުގައި ތިބި 53،412 ގޭބިސީއަށް މީގެ ފައިދާ ކުރާނެ އެވެ.

ސްޓެލްކޯގެ ކަސްޓަމަރު ސާވިސް ބިލްޑިންގް ޑިޕާޓްމަންޓުގެ މެނޭޖަރު މުހައްމަދު ވަހީދު ވިދާޅުވީ މިހާރު ބިލްތަކަށް ބަލާނަމަ 80 ޕަސެންޓް ކަސްޓަމަރުންގެ ބިލްތައް ބޮޑު ތަނުން ކުޑަ ވެގެން ދާނެ އެވެ. ހާއްސަކޮށް މަތީ ޔޫސް އޭޖް ބޭންޑްތަކުގައި ހުރި ބިލްތަކުން ފެންނަ ތަފާތު ބޮޑުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސްޓެލްކޯ ކަސްޓަމަރުންގެ ބޮޑު ބަޔަކީ 500 ޔުނިޓަށްވުރެ މަތިން ކަރަންޓް ބޭނުން ކުރާ ފަރާތްތަކެވެ. އަދި %28 މީހުންނަކީ 600 ޔުނިޓަށް ވުރެ އިތުރަށް ކަރަންޓް ބޭނުން ކުރާ މީހުންނެވެ. މި މީހުންނަކީ ޓެރިފް ބޭންޑުގެ އެންމެ މަތި ކަމަށްވާ 4.25ރ އަށް އިތުރު ޗާޖު ކުރާ ގޭބިސީތަކެވެ. މިހާރު މި ގެނެސްފައިވާ ބަދަލާއެކު ޔުނިޓަކަށް ޗާޖު ކުރާނީ 3.83ރ. އެވެ. އެހެންވެ މި ބަދަލުގެ ސަބަބުން ގާތްގަނޑަކަށް ބިލްތަކުން 500-200ރ. އާ ދެމެދުގެ ކުޑަވުމެއް ފާހަގަވާނެ އެވެ. 

ވަހީދު ވިދާޅުވީ 2014 އިން ފެށިގެން ބަލާނަމަ މިދިޔަ 11 އަހަރު ތެރޭގައި ދިވެހިންގެ ލައިފް ސްޓައިިލަށް އައި ބަދަލާއެކު ކަރަންޓް ބޭނުން ކުރާ މިންވަރު ބޮޑު ތަނުން އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.

"ކަރަންޓް ބޭނުން ކުރުން 2014 އާ ހިސާބަށް ބަލާނަމަ 600 ޔުނިޓަށްވުރެ ދަަށުގެ ރޭންޖެއްގައި މި އުޅެނީ. އެ ރޭޓުން އޭރު 1400ރ. އަރާ ކަރަންޓް ބިލްތައް މިހާރު 1،100 ރ. ވަރަށް ދަށްވާނެ،" އޭނާ ވިދާޅުވި އެވެ.

ޓެރިފްތަކަށް ގެނައި ބަދަލު

  • ބޭންޑް 0-100: މިހާރު 1.50 | އާ ރޭޓް: 1.25
  • ބޭންޑް 101-200: މިހާރު ނަގާ ރޭޓް 1.70 | އާ ރޭޓް 1.50
  • ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15 | އާ ރޭޓް 1.50
  • ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50 | އާ ރޭޓް 1.50
  • ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95 | އާ ރޭޓް 2.66
  • ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55 | އާ ރޭޓް 3.20
  • ބޭންޑް+600 މިހާރު ނަގާ ރޭޓް 4.25 | އާ ރޭޓް 3.83

މި ބަދަލާ ބެހޭ ގޮތުން ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިއަތު މުހައްމަދު ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި މިއީ 1949 ގައި ރާއްޖޭގައި ކަރަންޓް އުފައްދަން ފެށިފަހުން ބެލިނަމަވެސް ގެންނަ ހެޔޮ ބަދަލެއް ކަމަށާ މި ބަދަލާއެކު 17 ޕަސެންޓް ފެށިގެން 40 ޕަސެންޓުގެ ޑިސްކައުންޓެއް ބިލްތަކުން ފެނިގެންދާނެ އެވެ.

"އެވްރެޖުކޮށް ދަންނަވާނަމަ އެވްރެޖުކޮށް 400ރ. 500ރ. އަރާ ގޭބިސީ އަކުން 25-27 ޕަސެންޓުގެ މަދުވުމެއް އަންނާނެ،" މުއާވިއަތު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވައުދަކީ ފްލެޓްރޭޓު

އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި މަަހާސިންތާގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ، ފޮޓޯ: އެމްޑީޕީ

ސަރުކާރުން ކަރަންޓު ޓެރިފް ބަދަލު ކޮށްފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިހާބުގެ އެންމެފަހު ވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހޮވިވަޑައިގެންފިނަމަ ކަަރަންޓުގެ އަގު ބަދަލު ކުރައްވާނެ ކަމަށް ވައުދުވެފަ އެވެ. މި ބަދަލު ގެންނަން ނިންމައި ރައީސް ސޯލިހު އޭރު ދެއްކެވި ވާހަކަފުޅަކީ ހޮވިއްޖެނަމަ ގެންނަ މި ބަދަލާއެކު ކޮންމެ ގެއެއްގައި ވެސް ކަރަންޓް ރޭޓް ނަގާނީ ފްލެޓް ރޭޓަކުންނެވެ. މި ބަދަލާއެއު ކިތަންމެ ގިނައިން ކަރަންޓް ބޭނުންކުރިޔަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެގެންނެއް ނުދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. ނަމަވެސް ތަޖުރިބާކާރުން އޭރު ބުނެފައިވަނީ އެ ބަދަލު ގެނެސްފިނަމަ ރާއްޖޭގެ ކަރަންޓުގެ ނިޒާމު ހަލާކުވެ ކަރަންޓު ދޭ ކުންފުނިތަކަށް ލިބޭ ގެއްލުން ބޮޑުވެ ދައުލަތަށް ބުރަ ބޮޑުވުން އިންތިހާއަށް ވެގެން ދާނެ އެވެ.

ރޭޓު ބަދަލު ގެނައުމުން މާލީ ގޮންޖެހުން ބޮޑު

ސަރުކާރުން މިވަނީ 17 އަހަރުފަހުން ކަރަންޓު ޓެރިފް ބަދަލުކޮށްފަ އެވެ. މި ބަދަލާއެކު އާއްމުންގެ ބިލްތައް ކުޑަ ވެގެންދާނެ އެވެ، އެކަމަކު ސަރުކާރަށް ދައްކަން ޖެހޭ އަގު ބޮޑެވެ. ސަބަބަކީ މި ބަދަލުގެ ސަބަބުން ފެނަކަ އާއި ސްޓެލްކޯއަށް ލިބޭ ގެއްލުން ބޮޑުވާނެ އެވެ. މި ބަދަލު ފޫބައްދަން ސަރުކާރުން ފިއުލް ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދު ބޮޑުވާނެ އެވެ. މިހާރު އެވްރެޖުކޮށް ފިއުލް ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހަރަދު ކުރަން ޖެހެ އެވެ. މި އަދަދު ދެ ގުނަ ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. މިއީ ދައުލަތުގެ ފިސްކަލް ހާލަތަށް އަސަރު ކުރާނެ ކަމެކެވެ. މިކަން ކުޑަކުރަން ކުރަން ޖެހޭ ކަމަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމެވެ. އެކަމަށް ވެސް މި ސަރުކާރުން ޕްލޭންތަކެއް ހަދާފައިވެ އެވެ. މި ގޮތުން މާލެ ސަރަހައްދުގެ ފަޅެއްގައި އިޔާދަކުރަނިވި ހަކަތައިގެ ބިޔަ މަޝްރޫއެއް ހިންގަން ދަނީ ތައްޔާރު ވަމުންނެވެ.

ރައްޔިތުންގެ ޒިންމާއަކީ އިޝްރާފު ކުޑަކުރުން

ރާއްޖޭގެ ތާރީހުގައި ހިންގާ އިޔާދަ ކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ފެނިގެންދާނެ މި މަޝްރޫއު ހިންގަނީ ރާއްޖޭގެ އާބާދީގެ 90 ޕަސެންޓް ދިރިއުޅޭ ގްރޭޓާ މާލެ ސަރަހައްދުގަ އެވެ. މި މަޝްރޫއު ހިންގުމުގެ ހުއްދަ އެސްއީޒެޑް ގާނޫނުގެ ލިބިގެންދާ ހާއްސަ އިހުތިޔާރުގެ ދަށުން ދީފައި ވަނީ ކެނެޑާގެ އެބެކްސް ޕަވާ ކުންފުންޏަށެވެ. މި ކުންފުންޏާއެކު މި މަޝްރޫއުގައި ފަންނީ ކަންކަމުގައި ސަން ގްލޯ ޕަވާ ސަޕްލައި ކޯޕަރޭޝަން ހަރަކާތްތެރި ވާނެ އެވެ. މި ދެ ކުންފުންޏަކީ ވެސް މި ބާވަތުގެ މަސައްކަތްތަކުގައި ދުނިޔޭގައި މަޝްހޫރު ދެ ކުންފުންޏެވެ. ރައީސުލް ޖުމްހޫރިއްޔާ އަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ) ޑޮލަރެވެ. އެހެންވެ މި މަޝްރޫއު 100 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެ އެވެ. ހޮލެންޑުގެ ކުންފުންޏަކުން ދަނީ 100 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ފަށަން ތައްޔާރު ވަމުންނެވެ. މި ގެއްލުން ކުޑަ ކުރަން ކުރެވޭނެ އެންމެ ބޮޑު އެއް ކަމަކީ މި އެވެ.

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ ރައީސް އިއުލާންކުރައްވާފައިވާ 150 މެގަވޮޓުގެ ސޯލާ މަޝްރޫއާއެކު އިންޖީނުތައް އަށް ގަޑިއިރު ނިއްވާލިޔަސް މާލެ ސަރަހައްދަށް ކަރަންޓުދެވި ތެލަށް ކުރާ ހަރަދު ބޮޑު ތަނުން ކުޑަކުރެވޭނެ އެވެ.

ސަރުކާރުން ކަރަންޓުގެ ޓެރިފަށް ބަދަލު ގެނެސްދީފައިވަނީ ހެޔޮ ނިޔަތުގަ އެވެ. ރައްޔިތުން ކުރަން ޖެހޭ ކަމަކީ ކަރަންޓު ބޭނުން ކުރުމުގައި އިސްރާފު ކުޑަ ކުރުމެވެ. ޓެރިފް ބަދަލު ކުރުމަކީ ޔަގީނުންވެސް ބިލްތައް ކުޑަވާނެ ކަމެކެވެ. އެކަމަކު މިކަން ފެންނާނީ ކަރަންޓު ބޭނުން ކުރުމުގައި ސަމާލު ވެގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.