މި ބަދަލަކީ ފައިސާގެ އަަދަދުން ބަލާނަމަ ގާތްގަނޑަކަށް ބިލްތަކުން 500-200ރ. އާ ދެމެދުގެ ކުޑަވުމެއް އަންނާނެކަން ސްޓެލްކޯއިން ފާހަގަ ކޮށްފައިވެ އެވެ/.
ސަރުކާރުން ކަރަންޓުގެ ޓެރިފް ރޭޓަށް ގެނެސްދިން ބަދަލާއެކު 80 ޕަސެންޓް ކަސްޓަމަރުންގެ ބިލްތައް ބޮޑު ތަނުން ކުޑަ ވެގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އާއްމުންގެ ކަރަންޓު ބިލްތައް ބޮޑުވުމުގެ ޝަކުވާ އަށް ނިމުމެއް ގެނެސްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަރަންޓު ބިލް ކުރަމުން ދިޔަ ޓެރިފް ކުޑަކުރަން ނިންމުމާ ބެހޭ ގޮތުން ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ސްޓެލްކޯގެ ކަސްޓަމަރު ސާވިސް ބިލްޑިންގް ޑިޕާޓްމަންޓުގެ މެނޭޖަރު މުހައްމަދު ވަހީދު ވިދާޅުވީ މިހާރު ބިލްތަކަށް ބަލާނަމަ ކަސްޓަމަރުންގެ 80 ޕަސެންޓް ކަސްޓަމަރުންގެ ބިލްތައް ބޮޑު ތަނުން ކުޑަ ވެގެން ދާނެ އެވެ. ހާއްސަކޮށް މަތިން ޔޫސް އޭޖް ބޭންޑްތަކުގައި ހުރި ބިލްތަކުން ފެންނަ ތަފާތު ބޮޑު ވެގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. މި ބަދަލަކީ ފައިސާގެ އަަދަދުން ބަލާނަމަ ގާތްގަނޑަކަށް ބިލްތަކުން 500-200ރ. އާ ދެމެދުގެ ކުޑަވުމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެވްރެޖު ގޮތެއްގައި 19 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2014 އިން ފެށިގެން ބަލާނަމަ މިދިޔަ 11 އަހަރު ތެރޭގައި ދިވެހިންގެ ލައިފް ސްޓައިިލަށް އައި ބަދަލާއެކު ކަރަންޓް ބޭނުން ކުރާ މިންވަރު ބޮޑު ތަނުން އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.
"ކަރަންޓް ބޭނުން ކުރުން 2014 އާ ހިސާބަށް ބަލާނަމަ 600 ޔުނިޓަށްވުރެ ދަަށުގެ ރޭންޖެއްގައި މި އުޅެނީ. އެ ރޭޓުން އޭރު 1400ރ. އަރާ ކަރަންޓް ބިލްތައް މިހާރު 1،100 ރ. ވަރަށް ދަށްވާނެ،" ވަހީދު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ އަންނަ މަހުގެ ބިލް ތަކުން ދަށްކުރި ޓެރިފުގެ ބަދަލު ގެންނަން އަންގާފަ އެވެ. ނަމަވެސް ސްޓެލްކޯ އިން ވަނީ މިއަދު އާއްމުންނަށް ބަހަން ފަށާ މިދިޔަ މަހުގެ ބިލްތަކުން ވެސް ކުޑަކުރި ޓެރިފުގެ އަގުތައް ގެނެސްދޭން ނިންމާފަ އެވެ.
ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ ޓެރިފް ކުޑަ ކުރުމުގެ އިތުރުން މިހާރުވެސް ފިއުލްއިން ދެމުން ގެންދާ ޑިސްކައުންޓް އެގޮތުގައި ދެމުންދާނެ އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ބަދަލަކީ ރައީސް ޑރ. މުއިއްޒު ގެނެސްދެވި މުހިންމު ބަދަލެއް ކަމަށާ މިބަދަލާއެކު ކަރަންޓް ބޭނުން ކުރުމުގައި ކަސްޓަމަރުން ޒިންމާދާރުވުން މުހިންމު ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ މި ލުއި ފަސޭހަކަން ބޭނުން ކުރާއިރު ވެސް ކަރަންޓް އިގްތިސޯދު ކުރާށޭ. ފާހަގަ ކުރެވެނީ ރާއްޖެއަކީ ހޫނު ގައުމަކަށް ވާއިރުވެސް އެއާ ކޮންޑިޝަން ބޭނުން ކުރާއިރު 16 ނޫނީ 17 ޑިގްރީ ސެލްސިއެސްގައި ބަހައްޓާކަން. ހަގީގަތުގައި 24 ބަހައްޓައިގެން ވެސް ފިނިވާނެ،" ސަލީމް ވިދާޅުވި އެވެ.