އެމްއޭސީއެލް އިން ބުނީ މި ބައްދަލުވުންތަކުގެ ތެރޭން ރިސޯޓް ވެރިންގެ ޖަމިއްޔާ މަޓީއާއެކު އެމްއޭސީއެލް އިން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާފައިވާ އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވަން ތައްޔާރު ވުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު އެމްއޭސީއެލްއިން ބައްދަލުވުންތަކެއް ފަށައިފި އެވެ.
އެމްއޭސީއެލް އިން ބުނީ މި ބައްދަލުވުންތަކުގެ ތެރޭން ރިސޯޓް ވެރިންގެ ޖަމިއްޔާ މަޓީއާއެކު އެމްއޭސީއެލް އިން މަޝްވަރާކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގެ ބޮޑަށް އަލިއަޅުވާލާފައިވަނީ އޮޕަރޭޝަނަލައިޒޭޝަންގެ ސްޓްރެޓެޖީއަށް ކަމަށާއި، ފަސިންޖަރުންގެ ތަޖުރިބާ އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާމެދުގަ އެވެ.
ސަރުކާރުން ދަނީ ވީއައިއޭ މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވަމުންނެވެ.
މި ޓާމިނަލް ތަރައްގީ ކޮށްފައިވަނީ 72،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގަ އެވެ. ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކް އަދި ޒަމާނީ ބެޖޭޖު ހޭންޑްލިން ނިޒާމަކާއި އެޑްވާންސް ސެކިއުރިޓީ ޗެކިން ނިޒާމެއް ހުންނާނެ އެވެ
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭރުން ގިނަ ލޯނުތަކެއް ނަގައިގެން ފެށި މި މަޝްރޫއަކީ ރާއްޖޭގައި ހިނގާ އެންމެ ބިޔަ އެއް މަޝްރޫ އެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މި މަޝްރޫއުގެ ދަށުން ހެދި ދިގު މިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ކޯޑް އެފް ރަންވޭ މިހާރު ވަނީ ހިދުމަތަށް ދޫކޮށްލާފަ އެވެ. އެ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން މިހާރު ވީއައިއޭގައި ރައްކާކުރެވޭ ތެލުގެ ތިން ގުނަ އިތުރަށް ތެޔޮ ރައްކާކުރެވޭ ފިއުލް ފާމެއް ވެސް ވަނީ ހަދައި ނިމުމުގެ މަގުމަތީގަ އެވެ. މި ފިއުލްފާމް ނިމުމުން މިހާރު ލޮރީ ގެންގޮސްގެން ބޯޓަށް ތެޔޮ އެޅުން ނިމިގެން ދާނެ އެވެ. މީގެ އިތުރުން މިހާރު ހުޅުވާ އާ ކާގޯ ޓާމިނަލްއާއެކު އިމްޕޯޓަށް / އެކްސްޕޯޓް އިތުރަށް ފަސޭހަ ވެގެން ދާނެ އެވެ.