މި އުޅަނދާއެކު ސިފައިންނަށް ހައިޑްރޯގްރަފީ ނުވަތަ ކަނޑުއަޑީގެ ޗާޓު ކުރެހުމުގެ ގާބިލްކަން ލިބޭނެ އެވެ. މި އުޅަނދުގައި އެކަމަށް ބޭނުންވާ އާލާތްތައް ހަރުކޮށްފައިވެ އެވެ.
ރާއްޖޭގެ ކަނޑު ސަރަހައްދު ބެލެހެއްޓުމާއި ކަނޑުގެ ޗާޓު ކުރެހުމުގެ ހާއްސަ ޓެކްނޮލޮޖީ ހިމަނާފައިވާ އުޅަނދެއް އެމްއެންޑީއެފްއަށް އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކޮށްފި އެވެ.
މިކަން އިއުލާނު ކުރެއްވީ ޑިފެންސް މިނިސްޓަރު ގައްސާމް މައުމޫންނެވެ. ދުވެލި ބާރު އަދި ގަދަކަނޑުތަކުގައި ވެސް ދުއްވުމުގެ ގާބިލްކަން ލިބިފައިވާ މި ބޯޓަކީ އޮސްޓްރޭލިއާ ކަނޑުގެ ސިފައިން ވެސް ބޭނުންކުރާ ޒަމާނީ އުޅަނދެކެވެ. އަދި މިއީ އެ ގައުމުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ބަންނަ ހާއްސަ އުޅަނދެކެވެ.
ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓްގެ ނަން ދީފައިވާ މި އުޅަނދު ހަދިޔާ ކުރުމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާނީ ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާ މި އުޅަނދުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުން ވަރުގަދަކޮށް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ހިންގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވަން ބާރަކަށް ވެގެންދާނެ ކަމަށެވެ.
މި އުޅަނދާއެކު ސިފައިންނަށް ހައިޑްރޯގްރަފީ ނުވަތަ ކަނޑުއަޑީގެ ޗާޓު ކުރެހުމުގެ ގާބިލްކަން ލިބޭނެ އެވެ. މި އުޅަނދުގައި އެކަމަށް ބޭނުންވާ އާލާތްތައް ހަރުކޮށްފައިވެ އެވެ. މި ބޯޓުގައި ހަރުކޮށްފައިވާ މަލްޓިބީމް އެކޯ ސައުންޑާގެ ސަބަބުން ދިވެހި ސިފައިން އަމިއްލަ އަށް ރާއްޖޭގެ ކަނޑުގެ ޗާޓު ކުރެހުން ފަށަން މަގު ފަހި ވެގެންދާނެ ކަމެވެ.
ކުރިން ރާއްޖޭގެ ކަނޑުގެ ޗާޓު ކުރަހަން ހަވާލުކޮށްފައި އޮތީ އިންޑިއާއަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެކަން ހަވާލު ކުރީ އިންޑިއާ ސިފައިންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި އެކަން ކުރުމުގެ ގާބިލްކަން ދިވެހި ސިފައިންނަށް ހޯދައިދޭނެ ކަމަށް ވައުދުވެ، ވެރިކަމަށް ވަޑައިގެން ހައިޑްރޯގްރަފީ ހަދަން ހަދާފައިވާ އެއްބަސްވުން އިންޑިއާއާއެކު ވާހަކަ ދައްކައިގެން ވަނީ ނިމުމަކަށް ގެނުވި އެވެ. މި އެއްބަސްވުން އޮތްގޮތުން ޗާޓު ކުރެހުމާއެކު ލިބޭ މާލީމަންފާގެ ބޮޑުބައެއް ވެސް ރާއްޖެއަކަށް ނުލިބެ އެވެ.
އޮސްޓްރޭލިއާ ސަރުކާރުން 2016 އިން ފެށިގެން އެ ގައުމުގައި ބަނދެގެން ބޭނުންކުރާ މީގެ 24 އުޅަނދެއް މިދިޔަ އަހަރުގެ ނިޔަލަށް މާކެޓަށް ނެރެފައިވެ އެވެ، މި އުޅަނދުތަކުގެ އަގު 400 މިލިއަން ޑޮލަރު ( ހަ ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މިއީ 39.5 މީޓަރުގެ އުޅަނދެކެވެ. މީގެ އުޅަނދެއްގައި 23 ފަޅުވެރިންނަށް ހަރަކާތްތެރިވެ އެވެ. މީގެ 22 އުޅަނދެއް އޮސްޓްރޭލިއާ ކަނޑުގެ ސިފައިންގެ ފައުޖުގައި ގެންގުޅެ އެވެ.