ރައީސް ވިދާޅުވީ ހަނި ގޯޅުތަކުގައި ހުންނަ ގެތައް ހެދުމަށް ލޯނު ނުލިބޭ މީހުންނަށް ހައްލެއް ހޯދައި ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.
މާލޭގައި ހަނި ގޯޅިތަކުގައި ހުންނަ ގޯތިތައް ސަރުކާރަށް ދޫކޮށްލާ ނަމަ ލާ ޖައްސާ އުސޫލުން އެހެން ސަރަހައްދަކުން ގޯތި ދިނުމުގެ މަޝްރޫއު މި އަހަރު ތެރޭގައި ހުޅުވާލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި، ރައީސް ވިދާޅުވީ ހަނި ގޯޅުތަކުގައި ހުންނަ ގެތައް ހެދުމަށް ލޯނު ނުލިބޭ މީހުންނަށް ހައްލެއް ހޯދައި ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.
އެއީ އެފަދަ ގެތައް ހެދުމަށްޓަކައި ބޭންކުން ލޯނު ނުލިބޭ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ވިސްނަވާފައިވާ މަޝްރޫއުއެއް ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"އިކޮނޮމިކަލް ބޭންކަބަލް ޕްރޮޖެކްޓަކަށް ނުވާ ސަރަހައްދުތަކުގައި ވަރަށް ގިނަ ގޯތި އެބަހުރި. މި މީހުންނަށް އަޅުގަނޑު ރިޔާސީ އިންތިހާބު ތެރޭގައި ވައުދުވީން، ލާ ޖައްސާ އުސޫލުން މާލެ ސަރަހައްދުން، ގްރޭޓާ މާލެ އޭރިޔާއިން ބިން ދީފައި، އެ ތަންތަން ދައުލަތަށް ނަގާފައި، ލޯނު ލިބޭނެ މަގުފަހިކޮށްދޭނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ދަށުން ގޯތި ދޫކޮށްލާ މީހުންނަށް، ހަމަ އެ ސައިޒުގެ ގޯއްޗެއް ދޭނީ، ރައީސް ވިދާޅުވި ގޮތުގައި، ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު އަދި ރަސްމާލެ ފަދަ، މާލެ ސަރަހައްދަށް ބިން އިތުރުކުރުމަށް ހިއްކާ ސަރަހައްދަކުންނެވެ.
"ވަރަށް ގިނަ ރައްޔިތުން ބޭނުންވާ ކަމެއް މިއީ، ލާ ޖައްސާ އުސޫލުން މާލޭގެ އެހެން ސަރައްދަކުން ގޯތި ހޯދުން. މި މަޝްރޫއު މި އަހަރު ތެރޭގައި އަޅުގަނޑުމެން ކުރިއަށް ގެންގޮސް، ގޯތި ލިބޭނެ ތަން ކަނޑައަޅައި ރަސްމީ ލިޔުން ދޭނަން،" ރައީސް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ދޫކޮށްލައި ގޯތިތައް ސަރުކާރަށް ނެގުމަށްފަހު، އެ ތަންތަން ބޭނުންކުރާނީ ޕާކިން، ޕާކު ނުވަތަ ގްރީން ސްޕޭސް އިތުރުކޮށް، މާލެއަކީ ހިތްފަސޭހަ އަދި ހިތްގައިމު ތަނަކަށް ހެދުމަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.