ރައީސް ވިދާޅުވީ އެމަނިކުފާނު ހައްޖަށް ވަޑައިގަންނަވަނީ ސައުދީ ސަރުކާރުން ޗާޓަރުކޮށްދޭ ވަކި ފްލައިޓެއްގައި ކަމަށާއި، ދަތުރުގެ ހުރިހާ ހަރަދުތަކެއް ވެސް ބަލަހައްޓާނީ އެ ގައުމުން ކަމަށެވެ.
މިއަހަރު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
ޕޮޑްކާސްޓްގައި ޕްރެޒެންޓަރު ވަނީ ރައީސް ހައްޖަށް ވަޑައިގަންނަވަނީ ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވާ 1000 ކޯޓާގެ ތެރެއިންތޯ އަހާފަ އެވެ. އެ ސުވާލު ކުރީ ބައެއް ފަރާތްތަކުން އެގޮތަށް ވާހަކަ ދައްކާތީ އެވެ. ރައީސް ވަނީ ދެކެވެމުންދާ އެވާހަކަ ދޮގު ކުރައްވާފަ އެވެ. އަދި އެފަދަ ދޮގު ވާހަކަތައް ފަތުރާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް އަދި މީގެކުރިން، ވެރިކަން ކުރެއްވި ބޭފުޅުންނަށް ވެސް އެ ދޭ ހާއްސަ ފުރުސަތުތަކަކީ، ކޯޓާތެރެއިން ދާ ކަމެއްނޫން. 1000 ކޯޓާއަކީ ކޯޓާ. އެއިން ބޭރުން ހާއްސަ ފުރުސަތެއް، ނޫނީވިއްޔާ ދައުވަތެއް މި ލިބެނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ހައްޖަށް ވަޑައިގަންނަވަނީ ސައުދީ ސަރުކާރުން ޗާޓަރުކޮށްދޭ ވަކި ފްލައިޓެއްގައި ކަމަށާއި، ދަތުރުގެ ހުރިހާ ހަރަދުތަކެއް ވެސް ބަލަހައްޓާނީ އެ ގައުމުން ކަމަށެވެ. ދިވެހި ދައުލަތުގެ ބަޖެޓުން އެކަމަށް އެއްވެސް ހަރަދެއް ނުހިނގާނެކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
"ދެން އެއީވެސް ސަރުކާރުން އެއްވެސް ހަރަދެއް ކުރަންޖެހޭ ކަމެއްނޫން. ސަރުކާރުން ޗާޓަރެއް ވެސް ނުކުރަން. ހަމަ ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެމަނިކުފާނު އުމްރާއަށް ވަޑައިގަތް އިރު ވެސް ކަން ހިނގާ ދިޔައީ އެގޮތަށްކަން ފާހަގަކުރައްވާފަ އެވެ. އެފަހަރު ވެސް ވަޑައިގަތީ ސައުދީ ސަރުކާރުގެ ފުރިހަމަ ހަރަދުގައި ކަމަށް ވިދާޅުވި އެވެ.
ރާއްޖޭން ހައްޖަށްދާ ހާޖީން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ފުރައިފަ އެވެ. އެންމެ ފަހު ގުރޫޕު ދިޔައީ އިއްޔެ އެވެ. ރައީސް ވަޑައިގަންނަވާ ވަކި ދުވަހެއް އެމަނިކުފާނު ވިދާޅުވެފައެއް ނުވެ އެވެ.
ހައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.