ރައީސް މުއިއްޒަށް މި އެވޯޑް އެރުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި އެ ސިޔާސަތުތަކުގެ ސަބަބުން މީހުން ދުންފަތުން ސަލާމަތްކުރެވި، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުން
ދުންފަތުގެ ނުރައްކާތަކުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ބަލައިގަނެ، އެ ޖަމްއިއްޔާގެ ޑިރެކްޓާ ޖެނެރަލް ދެއްވަން ނިންމި ހާއްސަ އެވޯޑު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރޭ އަރުވައިފި އެވެ.
މި އެވޯޑު ރައީސަށް އަރުވާފައިވަނީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް މި އެވޯޑް، އިއުލާން ކުރައްވާފައިވަނީ، ރައީސް މުއިއްޒު، ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ދައްކަވަމުންގެންދަވާ ނަމޫނާ ލީޑާޝިޕާއި ދުރުވިސްނުންފުޅަށް ތާރީފު ކުރައްވައި ފޮނުއްވި ރަސްމީ މެސެޖެއްގަ އެވެ.
ޑަބްލިއުއެޗްއޯއިން ބުނީ، ރައީސް މުއިއްޒަށް މި އެވޯޑް އެރުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި އެ ސިޔާސަތުތަކުގެ ސަބަބުން މީހުން ދުންފަތުން ސަލާމަތްކުރެވި، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
ރައީސް މުއިއްޒު އިސްވެ، މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ތާރީހީ ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ. މިގޮތުން، ވޭޕާއި އީ-ސިނގިރޭޓުގެ ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިޔުޓީ ވެސް ވަނީ އެތައް ގުނައަކުން ބޮޑުކޮށްފަ އެވެ.
މީގެއިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ތައާރަފް ކުރާ "ޖެނެރޭޝަން ބޭން" ގެންނަން، ޖެނުއަރީ 01، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައި އަދި އުފަންވަމުންދާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރަން، ގާނޫނު ވެސް ވަނީ އިސްލާހުކޮށްފަ އެވެ.
މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގުކޮށްފައިވާ ބިލުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެކެވެ.
އަދި ދުންފަތުގެ ބާވަތެއް ގަންނަ މީހާގެ އުމުރު ހަމަނުވާކަމަށް ޝައްކު ކުރެވޭނެމަ، އެ މީހެއްގެ އައިޑީކާޑު ނުވަތަ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
މީގެއިތުރުން، މި ބިލު މެދުވެރިކޮށް، ސަރުކާރުން މިހާރު ވަނީ ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ އާއި އެހެނިހެން އާލާތްތައް ވެސް މަނާކޮށްފަ އެވެ. އޭގެ މާނައަކީ، ރޯލްޑް ޓޮބޭކޯ ނުވަތަ ސިނގިރޭޓު އޮޅަން ބޭނުންކުރާ އާލާތްތައް ވެސް މި ބިލު ގާނޫނަކަށް ވުމުން މަނާވާނެ ކަމެވެ.
މި ބިލަށް އަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުން ފެށިގެންނެވެ.