އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންގެ ތެރެއިން، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ހުށަހަޅަން އެދިފަ އެވެ.
ފުލުހުންގެ ހިދުމަތުގައި ތިބި އިސް އޮފިސަރުންގެ ތެރެއިން، ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމްލޭންޑް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންގެ ތެރެއިން، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ހުށަހަޅަން އެދިފަ އެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ރިޓަޔާ ކުރެއްވުމުންނެވެ.
ޝުޖާއު ރިޓަޔާ ކުރެއްވީ، ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯގެއިން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
ޝުޖާއު ރިޓަޔާ ކުރެއްވުމުން، އެކްޓިން ކޮމިޝަނަރުގެ މަގާމު އެންމެ ފުރަތަމަ ދިނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަށެވެ. ނަމަވެސް ފަހުން އެ މަގާމު އިސްމާއިލް ނަވީންއާ ހަވާލުކުރައްވައިފަ އެވެ.