އާ ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވަނީ ފެހި، ހުސް ޖާގަ އިތުރު ކުރުމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގެ 30 ޕަސެންޓް ހާއްސަ ކުރަނީ ފެހި ސަރަހައްދުތަކެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ.
ހުޅުމާލެ އަކީ އިރެއްގައި މާލެ މީހުން އާބާދުވާން ހިއްކި ރަށަކަށް ވިޔަސް މިއަދު މިއީ މުޅިރާއްޖޭގެ އުންމީދެވެ. ދިވެހިންގެ ގިނަ ބައެއްގެ ގެދޮރުވެރި ކުރުވިފައިވާ ރަށެވެ. ހުޅުމާލެ ޕްލޭންކޮށްގެން ފަރުވާތެރިކަމާއެކު މީހުން އާބާދު ކުރުވަމުން ދިޔަނަމަވެސް މި ފަރުވާތެރިކަން ދޫކޮށްލައި މުޅި ޕްލޭނެތް ވެއްޔާ މޮޑެވިގެން ދިޔައީ ޕްލޭންގައި ނެތް ތަންތަނުން ގޯތި ދީގެންނެވެ. މިދިޔަ ސަރުކާރުގެ ރިޔާސީ ވައުދުގައި ހިމެނޭ ގޯތި ކެނޑުމުގެ ވައުދު ކުރުމަގަކުން ފުއްދަން ގެނައި މި ބަދަލާއެކު ހުޅުމާލެއަކީ އެއްވެސް އުސޫލެއް ނެތި މީހުން އާބާދު ކުރުވާ ސިޓީއެއްގެ ސިފަ ޖެހިގެން ދިޔަ އެވެ. ނަމަވެސް ހުޅުމާލެ ހިއްކަން ފުރަތަމަ ފެށި ދުވަސްވަރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު އެމްޑީކަމާ ހަވާލުވެ އެންމެ ފުރަތަމަ ވެސް ވިސްނެވީ މި ޕްލޭން ހަމައަކަށް އެޅުވުމަށެވެ. މިގޮތުން އެންމެ އިސްކަމެއް ދެއްވީ ހުޅުމާލެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައިގެ ހައްލު ހޯދަވާ ދެއްވުމަށެވެ. އެއީ ފެހިކަމާއި ހުސް ޖާގަ ނެތުމާއި ބަނދަރުގެ ދަތިކަމެވެ.
"ހުޅުމާލޭގެ މާސްޓަޕްލޭން ރިވައިޒް ކުރަން ޖެހުނު އެއް ސަބަބަކީ ހުޅުމާލެ ބަނދަރުގެ ބޮޑު ބައެއް ހިއްކައި ބަނދަރުގެ ސްޕޭސް ވަރަށް ބޮޑަށް ކޮމްޕްރޮމައިޒް ވުމުން. ރަށެއްގެ ބަނދަރަކީ އެ ރަށެއްގެ އެންމެ މުހިންމު އެއް ބައި. ބަނދަރެއް ނެތި އަޅުގަނޑުމެންގެ އެހެން ވަސީލްތަކެއް ރަނގަޅަށް ނުހިނގާނެ،" ހުޅުމާލެ އާ މާސްޓްޕްލޭން ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތުގައި މާލެ ސަރަހައްދުގެ އާބާދީގެ ވިޝަން ކުރެއްސެވި އެއް ބޭފުޅާ ކަމަށްވާ ޑރ. މައުރޫފު ވިދާޅުވި އެވެ.
ހުޅުމާލޭގެ 21 އަހަރުވީ މާސްޓަ ޕްލޭންއަށް ދިރާސާ ކުރުމެއް ނެތި ބަދަލު ގެނެސްފައިވަނީ 2023 ވަނަ އަހަރު އެވެ. އެހެންވެ އެޗްޑީސީ އިން މިފަހަރު އެކުލަވާލި އާ މާސްޓަ ޕްލޭންގައި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވެރިވުން ހިމަނާނެ އެވެ. މިފަހަރު އާ މާސްޓަ ޕްލޭންނަށް ގެނެސްފައިވާ ބަދަލާއެކު ހުޅުމާލޭގައި އިތުރުވަމުން އަންނަ އާބާދީ އަށް ބޭނުންވާ ގިނަ ކަންތައްތަކެއް މަގު ފަހިކޮށްފައިވެ އެވެ. އެންމެ ބޮޑު އެއް ބަދަލަކީ ގޯތިދޭން ބިން ހިއްކައި ބިމުން ބޮޑުބައެއް ގެއްލިގެން ގޮސްފައި އޮތުމުން އެ މައްސަލައިގެ ސަބަބުން އާބާދީއަށް ކުރިމަތިވާނެ ގޮންޖެހުންތަށް ކުޑަ ކުރުމެވެ. ހާއްސަކޮށް ބަނދަރު ކުޑަވުމާއި ހުސްޖާގަ ނެތުން ފަދަ މައްސަލައަށް ހައްލު ގެނެސްފައިވެ އެވެ. މި މާސްޓަ ޕްލޭން އަދި ފައިނަލްކޮށްފައި ނުވާއިރު މާސްޓަޕްލޭން ފައިނަލް ކުރާނީ ތަޖުރިބާކާރުންގެ ލަފާގެ މަތިންނެވެ.
އާ މާސްޓަޕްލޭން ހަދައި ގެންނަން އެއް ބަދަލަކީ ހުޅުމާލެ 2 އާއި 3 ގެ ދެމެދުގައި ކުރިން "ކޯރެއްގެ" ގޮތުގައި ކަނޑައަޅާފައި އޮތް ބައި ހިއްކައި ދެ ސަރަހައްދު އެއްކޮށްލުމެވެ. މީގެ އިތުރުން ހުޅުމާލޭގެ ބަނދަރު ބޮޑު ކުރުމެވެ. މިހާރު ބޭނުންކުރަމުން އަންނަ 36 ހެކްޓަރުގެ ސަރަހައްދު 53 ހެކްޓަރަށް ބޮޑު ކުރާނެ އެވެ އަދި މި ސަރަހައްދުގައި އުޅަނދުފަހަރު އެޅުމަށާއި އުޅަނދުތަކުން ހިދުމަތް ހޯދުމަށް ފަސޭހަވާނެހެން ބަދަލުތައް ގެންނާނެ އެވެ.
ހުޅުމާލެ ބިންތައް ބަހާލާފައިވާ ގޮތުން އެންމެ އިސްކަމެއް ދީފައިވަނީ ފެހި ސަރަހައްދު ތަކާއި ހުސްބިން އަދި ކުޅިވަރުތަކަށް ހާއްސަ ކުރާ އޭރިއާތައް ބޮޑު ކުރުމަށެވެ. މިގޮތުން މި ކަމަށ ހާއްސަކޮށް ބިމުގެ 30.62 ޕަސެންޓް ހާއްސަ ކުރާނެ އެވެ. ދެން ބިމުގެ އެންމެ ބޮޑު ބައެއް ހިމެނެނީ މީހުން އާބާދު ކުރުމަށެވެ މި ބަޔަކަށް ބިމުގެ 29.84 ޕަސެންޓް ހާއްސަކޮށްފައިވެ އެވެ. މިހާރު ގެންނަ ބަދަލާއެކު ބޮލަކަށް 2.5 އަކަމީޓަރުގެ ހުސް ސަރަހައްދު އޮންނާނެ އެވެ. މިއީ ފެހި އަދި ހިތް ފަސޭހަ ސަރަހައްދުތަކެވެ. މިއީ އެންމެ މުހިންމު އެއް ބަދަލެވެ. އާ ބަދަލާއެކު މިސްކިތްތަކާއި ސްކޫލްތަކަށް ފަސް މިނެޓުން ދެވޭނެ ފަސޭހަ އެކްސެސްވެސް ގާއިމް ކުރާނެ އެވެ.
ހުޅުމާލެއަށް ދެން އަންނާނެ އެންމެ ބޮޑު ބަދަލަކީ ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުށީގައި ސެންޓްރަލް ޕާކެއްގެ އިތުރުން އިސްލާމީ މަރުކަޒެއް ގާއިމް ވެގެން ދިއުމެވެ. ފަރުކޮޅުފުށީގައި އިސްލާމީ މަރުކަޒު ހަދަނީ ވަގުފް ބިލްޑިން އާއި އެހެން ސްކޫލްތައް ހިމެނޭ ގޮތަށެވެ. މި ސަރަހައްދުގެ ބޮޑުމިން 321،000 އަކަފޫޓަށް ވުރެ ބޮޑެވެ. މީގެ އިތުރުން ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ސެންޓްރަލް ޕާކަށްވުރެ ފުރިހަމަ ޕާކެއް ދެވަނަ ފިޔަވަހީގެ މި ރަށުގައި ހަދާނެ އެވެ. މިތަނުގައި ފުޓްބޯޅަ ދަނޑާއި އިތުރު ކުޅިވަރުތައް ކުޅެވޭނެ ޖާގައިގެ އިތުރުން ޕާޓީތައް ބޭއްވުމަށް ހާއްސަ އޭރިއާއަކާއި ބާބަކިއުއަށް ހާއްސަ އޭރިއާއެއްވެސް އޮންނާނެ އެވެ.
ހުޅުމާލެ މާސްޓަ ޕްލޭންގެ މައުލޫމާތު ދެއްވަމުން އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް ވިދާޅުވި ގޮތުގައި 100 މީޓަރުގެ އުސް މި ޓަވަރު އަޅަން ނިންމީ އައިކަން އިމާރާތެއް ހެދުމުގެ އިތުރުން ގިނަ ފުރުސަތުތަކެއް އެތަނުން ފަހި ކުރުމަށެވެ.
މިއީ ހުޅުމާލޭގެ ދެވަނަ އައިޑެންޓިޓީއަކަށް ވެގެންދާނެ ޓަވަރެއް. މި ޓަވަރުގެ އުސްމިނަކީ 100 މީޓަރު،" ޒިނަފް ވިދާޅުވި އެވެ.
މި ޓަވަރުގައި ވިޔަފާރީގެ ގިނަ ފުރުސަތުތަކެއްވެސް ހޮމެނެ އެވެ. ހުޅުމާލޭގައި ފައިނޭންޝިއަލް ޑިސްޓްރިކްޓެއް އުފެދިގެން އަންނައިރު މި ތަނުން އިތުރު ވަޒީފާތަކެއްވެސް އުފަންވާނެ އެވެ.
ހުޅުމާލޭގައި ކޮންމެ 10 މީހަކަށް ޑިންގީއެއް އޮންނަ ކަމަށް އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް ވިދާޅުވި އެވެ. އެހެންވެ އެޗްޑީސީއިން ވަނީ އާ މާސްޓް ޕްލޭންގައި ސަފާރީ މެރީނާ އާއި ސްޕީޑްބޯޓު މެރީނާއެއް ހަދަން ޖާގަ ހުސްކޮށްފަ އެވެ. މިތަނުން 316 ޑިންގީ ނުވަތަ ސްޕީޑްބޯޓަށް ޖާގަ ލިބޭއިރު 75 ސަފާރީ ފަޅުގައި ބޭއްވޭނެ ޖާހަ ދޭނެ އެވެ. މިތަން ހަދަނީ ކްރޮސް ޖެޓީތައް ހިމަނައިގެންނެވެ. މީގެ އިތުރުން އާ ފެރީޓާމިނަލް ބޭރުތޮއްޓަށް ބަދަލުކޮށް ފަސޭހަވާނެހެން ފަރުމާ ކުރާނެ އެވެ.
މި ބަދަލުގެ އިތުރުން މާސްޓްޕްލޭން އަށް ގެނައި ބަދަލާއެކު ސަރުކާރުން ވަނީ ކުރިން އާބަން އައިލްސްގެ ނަމުގައި މަޝްރޫއު ހިންގި ސަރަހައްދުގައި ފައިނޭންޝަލް ފްރީޒޯނެއް ގާއިމް ކުރަން ނިންމާފަ އެވެ. މިކަން ކުރަން މެދުއިރުމަތީގެ ކުންފުންޏަކާއެކު މި މަހު ސަރުކާރުން އެމްއޯޔޫއެއްގައި ސޮއިވެސް ކޮށްފައިވެ އެވެ.
މި ހުރިހާ ބަދަލަކާއެކު ހުޅުމާލެއަކީ އަނެއްކާވެސް ހިތްފަސޭހަތަނެއްގެ ގޮތުގައި ފެނުމުގެ އުންމީދު މިވަނީ އާވެފަ އެވެ. ސަބަބަކީ އާ ޕްލޭން ބައްޓަން ކޮށްފައިވާ މައިގަނޑު އަސާސަކީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައި ދިނުން ކަމަށްވުމެވެ.