ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިގްތިސާދީ، ސިއްހީ، އަދި ދިފާއީ އަދި މެރިޓައިމް ދާއިރާ ހިމެނޭހެން މުހިއްމު އިތުރު ކަންކަން ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވެސް ނިންމުނު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން އިންޑިއާގެ ނިއުދިއްލީގައި މިއަދު ބާއްވައިފި އެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.
މި ހައިލެވެލް ކޯ ގްރޫޕުގެ ބައްދަލުވުންތަކަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމު ދެމެދު އެކުލަވާލެވުނު ތަސައްވަރު، 'އަ ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަޝިޕް'ގެ ތެރެއިން އުފެދިފައިވާ އަދި މި ތަސައްވަރުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމާގުޅޭ މަޝްވަރާ ބައްދަލުވުންތަކެކެވެ.
މި ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ގައި މާލޭގަ އެވެ.
މި ގޮތުން، ޖަނަވަރީ 29 ގައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަޝްވަރާތަކުގައި ކަނޑައެޅުނު ލަޑުދަނޑިތަކުގެ މައްޗައް ބަލައި، އެކަންކަން ވަޒަންކޮށް، ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިގްތިސާދީ، ސިއްހީ، އަދި ދިފާއީ އަދި މެރިޓައިމް ދާއިރާ ހިމެނޭހެން މުހިއްމު އިތުރު ކަންކަން ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވެސް ނިންމުނު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިއަދު ބޭއްވުނު ހައިލެވަލް ކޯ ގުރޫޕް ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އެކި ވުޒާރާތައް ހިމެނޭ އިސް ވަފުދެއް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި، ރައީސް އޮފީސް، ފޮރިން މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ހޯމްލޭންޑް މިނިސްޓްރީ ހިމެނެ އެވެ.
ހަލީލްގެ މި ދަތުރުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ވެސް މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.