އެ ލަގެޖަށް އެޅި ކޮންމެ ފައިސާ ބޮނޑިއެއްގައި 50،000 ރުފިޔާ ހުންނާނެ ކަމަށާއި ޖުމްލަ އަދަކީ 17.2 މިލިއަން ރުފިޔާ ކަމަށް އަބްދުﷲ ބުންޏެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގައި ހެކިބަސް ނަގާ ނިންމާލައިފި އެވެ.
ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެގޮތުން ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.
މި މައްސަލައިގައި އަހުމަދު ކްރިކް ރިޒާއަށް ދައުވާ ކުރި ނަމަވެސް، އޭނާގެ ފަރާތުން ރިވިއުއަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ އަނބުރާ ގެނެސްފަ އެވެ. ރިޒާގެ މައްޗަށް ކުރީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ.
ރައީސް ޔާމީން ވަނީ ދިފާއީ ހެއްކެއްގެ ގޮތުގައި ރިޒާ ހުށަހަޅުއްވާފަ އެވެ. އެހެންވެ، މިއަދު ކްރިމިނަލް ކޯޓުގައި ވަނީ އޭނާގެ ހެކިބަސް ނަގާފަ އެވެ. ހެކިބަސް ދެމުން ރިޒާ ބުނެފައި ވަނީ ޔާމީނާއެކު އެއްވެސް ފައިސާގެ މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެހީތެރިވެދީފައިވާ ކަމަށެވެ. އަދި ޔާމީނަށް ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް ވެސް އޭނާ އިންކާރު ކުރެ އެވެ.
އިތުރަށް ރިޒާ ބުނެފައި ވަނީ ފުއްގިރީގެ ކަންކަމުގައި އެމްއެމްޕީއާރްސީއާއެކު ދެ މީޓިންއެއްގައި ބައިވެރިވެފައިވާ ކަމަށެވެ. އެއް މީޓިންގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވެސް ބައިވެރިވެވަޑައިގަތްކަން އޭނާ ފާހަގަކުރެއްވި އެވެ.
މި މައްސަލައިގައި ދެން ހެކިބަސް ދީފައި ވަނީ އޭރު މުލިއާގޭގެ އެކްސްޓާނަލް ޑިޕާޓްމެންޓްގެ ހެޑްގެ މަގާމުގައި ހުރި އަބްދުﷲ ރަޝީދު ކިޔާ މީހެކެވެ. އޭނާ އަކީ ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމަށް ރައީސް ޔާމީންގެ ފައިސާ ގެންގޮސްދިން ކަމަށް ބުނާ މީހާ އެވެ.
ހެކިބަސް ދެމުން އޭނާ ބުނީ ރައީސް ޔާމީން ގުޅުމުން ހިލާލީގެއަށް ގޮސްފައިވާނެ ކަމަށާއި، އެމަނިކުފާނު ހަވާލުކުރި ފައިސާ ބޮނޑިތަކެއް ލެގެޖަކަށް އަޅާފައިވާނެ ކަމަށެވެ. އެ ލަގެޖަށް އެޅި ކޮންމެ ފައިސާ ބޮނޑިއެއްގައި 50،000 ރުފިޔާ ހުންނާނެ ކަމަށާއި ޖުމްލަ އަދަކީ 17.2 މިލިއަން ރުފިޔާ ކަމަށް އަބްދުﷲ ބުންޏެވެ. އެ ފައިސާ ގެންގޮސް ހަވާލުކުރީ ސިޔާމްގެ ޑްރައިވަރާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގައި ރައީސް ޔާމީން އެދިވަޑައިގެން ހަވާލުކުރި ފައިސާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
މިއަދު ވަނީ މި މައްސަލައިގެ ހެކިބަސް ނަގާ ނިންމާލާފަ އެވެ. މި މައްސަލައިގައި ހެއްކާ ބެހޭ ގޮތުން ވާހަކަދެއްކުން ޖޫން 17 ގައި އަދި ހުލާސާ ބަޔާން އިއްވުން އޮންނާނީ ޖުލައި 20 ގައި ކަމަށް މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވަނީ ވިދާޅުވެފަ އެވެ.