ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ، މިދިޔަ ޖެނުއަރީ މަހު ރާއްޖޭގަ އެވެ.
އިންޑިއާ އާއި ރާއްޖެ އާ ދެމެދު އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ދެ ދުވަހުގެ މި ރަސްމީ ދަތުރުގައި، ހަލީލް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާތައް ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ، މިދިޔަ ޖެނުއަރީ މަހު ރާއްޖޭގަ އެވެ.
މި މަތީފަންތީގެ ގުރޫޕު އެކުލަވާލާފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރު މަހު އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވުނު ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވަރު، "އަ ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަޝިޕް" ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާކުރުމަށް އެކުލަވައިލެވުނު ގުރޫޕެކެވެ.
މިގޮތުން އިގްތިސާދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިންގް އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނެ އެވެ.
ހަލީލްގެ އަރިހުގައި ރައީސް އޮފީސް، ފޮރިން މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އަދި ހޯމްލޭޑް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށް މިނިސްޓްރީން ބުންޏެވެ.